މަސްތުވާތަކެތީގެ ވިޔަފާރީގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދު ތިން ވަނަ ފަހަރަށް އިތުރުކޮށްފި

ރާއްޖެއަށް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި މިދިޔަ މަހު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް އަނެއްކާ ވެސް އިތުރު 15 ދުވަސް ޖަހައިފި އެވެ.


ފުލުހުން ހުޅުމާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މިދިޔަ މަހުގެ 15 ގައި ހައްޔަރު ކުރީ ގއ. ކޮލަމާފުށި، ކަރަންކާވިލާގެ އަފްސަލް ރަޝީދު 33، އާއި ގދ. ވާދޫ، އަސްރަފީގެ، މުހައްމަދު ޝަރީފް 43، އެވެ.

މިއީ ޝަރީފާއި ރަޝީދު ބަންދުގައި ބައިތިއްބައިގެން ތަހުގީގުކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު އިތުރުކުރި ތިން ވަނަ ފަހަރެވެ. އެ ދެ މީހުންގެ ބަންދުގެ މުއްދަތު ދެ ވަނަ ފަހަރަކަށް އިތުރުކުރި އިރު ފުލުހުން ވަނީ އެ މީހުންގެ ފޮޓޯ އާންމުކޮށްފަ އެވެ.

އެ ދެ މީހުން ހައްޔަރުކުރީ، އެ މީހުންނާ ގުޅޭ ތަންތަން ބަލާ ފާސްކުރި އިރު 6.8 ކިލޯގެ ކެނަބިސް ފެނުމުންނެވެ. މި މައްސަލައިގައި އިތުރު މީހަކު ހައްޔަރު ކުރި ނަމަވެސް، އޭނާއާ ގުޅޭ ތަންތަން ބަލާ ފާސްކުރި އިރު މަސްތުވާތަކެއްޗާ ގުޅޭ އެއްވެސް އެއްޗެއް ނުފެނުމުން މިހާރު ވަނީ ދޫކޮށްލާފަ އެވެ.

ޝަރީފް އަކީ މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅޭ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ. އަދި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި މީގެ ކުރިން ވެސް ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ފުލުހުން މީގެ ކުރިން ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން އަންނަނީ ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އަދި ގިނަ އަދަދުގެ މަސްތުވާތަކެއްޗާއި އެކު މި ކަމުގައި ބައިވެރިވާ މީހުން ދޭތެރެދޭތެރެއިން ހައްޔަރުކުރެ އެވެ.