ސިއްހީ ކުއްލި ނުރައްކަލުގެ ކުއްލި ހާލަތަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭ ގޮތަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ މެދު އާންމުންގެ ޚިޔާލު ހޯދަން ފޯރަމެއް ބާއްވަން ރައްޔިތުންގެ މަޖިިލީހުގެ އިދާރާ އިން ނިންމައިފި އެވެ.
ހެލްތް މިިނިސްޓަރު މިހާރު އިއުލާން ކުރައްވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތަށް މަޖިލީހުގެ ރުހުން ހޯދަންޖެހޭ ގޮތަށް އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމުގެ ބާރު މަޖިލީހަށް ލިބޭ ގޮތަށް އާންމު ސިއްހަތުގެ ގާނޫނަށް އިސްލާހު ކުރަން ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދެވެ.
މުހިންމު ބައެއް ބިލްތަކާ މެދު އާންމުންގެ ޚިޔާލު ހޯދަން މަޖިިލީހުގެ އިދާރާ އިން ފަހަކަށް އައިސް ބާއްވަމުން އަންނަ ފޯރަމްތަކުގެ ތެރެއިން ދެން އޮންނަ ފޯރަމްގައި އޮންނާނީ އެ ބިލާ މެދު ޚިޔާލު ހޯދުން ކަމަށް އެ އިދާރާ އިން ބުންޏެވެ. އެ ފޯރަމް އޮންނާނީ އަންނަ އާދިއްތަ ދުވަހު މަޖިލީހުގެ އިދާރާގައި ކަމަށް ވެސް މަޖިލީހުން ބުންޏެވެ.
ގާނޫނު މިހާރު އޮންނަ ގޮތުން، އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި އެ ހާލަތު ނިމުމަކަށް ގެނައުމުގެ ބާރު އޮންނަނީ ހަމައެކަނި ހެލްތް މިނިސްޓަރަށެވެ. އެކަމުގައި ރައީސާއި މަޖިލީހުުގެ އެއްވެސް ދައުރެއް ނޯވެ އެވެ. އެ ހާލަތުގެ ދަށުން ގިނަ ފިޔަވަޅުތަކެއް އެޅުމުގެ ބާރު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވެ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާންކުރީ ކޮވިޑް-19 އާ ގުޅިގެން މިދިޔަ މާޗް 12 ގަ އެވެ. އެ ހާލަތު އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް މިހާރު ވަނީ އިތުރުކޮށްފަ އެވެ.
ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތަށް މަޖިިލީހުގެ ރުހުން ހޯދަން ނުޖެހުނަސް، ގާނޫނުއަސާސީގެ ދަށުން ރައީސް އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތަށް މަޖިލީހުގެ ރުހުން ހޯދަން ގާނޫނުއަސާސީ މިހާރު ވެސް ލާޒިމް ކުރެ އެވެ. ރައީސް އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމުގެ ބާރު މިހާރު ވެސް މަޖިލީހަށް އޮވެ އެވެ.