ގެއްލިގެން އެ ދިޔައީ، މުހިންމު ކެޕްޓަނެއް، ރަނގަޅު ރަހުމަތްތެރިއެއް

ވިލާ އެއާގެ ފްލައިމީގައި މަސައްކަތް ކުރާ ދިވެހި ޒުވާން ޕައިލެޓު ސަނޫން ނަސީރު 35، ރޭ ކުއްލި ގޮތަކަށް މަރުވެފައިވާއިރު، އެއީ ވަރަށް އަހުލާގު ރަނގަޅު މުވައްޒަފެއް ކަމަށާއި އޭނާގެ އެއްވެސް ބައްޔެއް ހުންނަކަން ކުރިން އެނގިފައި ނެތް ކަމަށް އެ އެއާލައިނުން މިއަދު ބުނެފި އެވެ.


ސ. ހިތަދޫ ކޯޒްވޭވިލާ، ސަނޫން މަރުވެގެން ވެއްޓިފައި އޮއްވައި ފެނުނީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ ގެ ކައިރިން ރޭ ދަންވަރު 3:30 ވާން އުޅެނިކޮށެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ސަނޫން ވަނީ މަރުވެފައި ކަމަށް ފުލުހުން ބުނެ އެވެ. އޭނާ މަރުވާން ދިމާވި ސީދާ ސަބަބު މިހާތަނަށް އެއްވެސް ރަސްމީ ފަރާތަކުން ވެސް އަދި އާއިލާއަކުން ވެސް ހާމައެއް ނުކުރެ އެވެ.

އެމެރިކާ އިން ޕައިލެޓުކަން ކިޔެވުމަށް ފަހު، ސަނޫން ފުރަތަމަ މަސައްކަތް ކުރީ ޓީއެމްއޭގެ ސީ ޕްލޭން ދުއްވުމަށެވެ. މީގެ ތިން އަހަރު ކުރިން ފްލައިމީއާ ގުޅި، ދެ އަހަރު ކުރިން އޭނާ ވަނީ ތައިލެޑުން ތަމްރީނު ހަދައި ކެޕްޓަނަކަށް ބަދަލުވެފަ އެވެ. ސަނޫން އަކީ ފްލައިމީން ގެންގުޅޭ އޭޓީއާރު މަރުކާގެ 68 މީހުންގެ ޖާގައިގެ ފްއިޓް ދުއްވާ ކެޕްޓަނެކެވެ.

ފްލައިމީގެ ފްލައިޓް އޮޕަރޭޝަން މެނޭޖަރު އަދި ކެޕްޓަން އަހުމަދު ޝާމިން ވިދާޅުވީ، ސަނޫން އަކީ ވަރަށް އަހުލާގު ރަނގަޅު، ވަރަށް ހުނަރުވެރި ކެޕްޓަނެއް ކަމަށެވެ.

"އައުޓްސްޓޭންޑިން ޕާފޯމަންސް ދެއްކި ކެޕްޓަނެއް އެއީ މިދިޔަ އަހަރު ތަކުގައި. އަޅުގަނޑުމެންގެ ޓީމުގެ ވަރަށް މުހިންމު ކެޕްޓަނެއް އެއީ. ވަރަށް އަހުލާގު ރަނގަޅުވެފައި މަސައްކަތަށް ރަނގަޅު،" ޝާމިން ވިދާޅުވި އެވެ.

ސަނޫން (ވާތުން ހަތަރު ވަނަ އަށް) އޭނާއާއެކު މަސައްކަތް ކުރާ ޕައިލެޓުންނާއެކު: ކުއްލި ގޮތަކަށް ރޭ މަރުވި ސަނޫނަކީ ވަރަށް އަހުލާގު ރަނގަޅު ކެޕްޓަނެއް ކަމަށް ފްލައިމީން ބުނޭ-- ފޮޓޯ: ފަލައިމީ

އޭނާ ވިދާޅުވި ގޮތުގައި، ޕައިލެޓުންގެ ސިއްހީ ކަންކަން ކޮންމެ އަހަރަކު އެއްފަހަރު ބަލަން ޖެހޭތީ ގަވައިދުން ޓެސްޓުތައް ހަދަ އެވެ. އެކަމަކު، ސަނޫނުގެ އެއްވެސް ސިއްހީ މައްސަލައެއް ހުންނަކަން މިހާތަނަށް ފާހަގަ ކުރެވިފައި ނުވާ ކަމަށް ޝާމިން ވިދާޅުވި އެވެ.

"ވަރަށް ފިޓްކޮށް ހުންނާނީ. ވަރަށް ޔަންގްކޮށް، ފިޓްކޮށް. މީގެ ދެ ރެއެއް ކުރިން ވެސް ޕައިލެޓުންތަކަކާއެކު ކޮފީ އަށް ގޮސް އުޅުނު. ބަލި ވާހަކައެއް ނުބުނޭ. ވާހަކައަކުން ވެސް އެކަހަލަ ކަމެއް އުޅޭ ހެނެއް ހިއެއް ވެސް ނުވޭ،" ޝާމިން ވިދާޅުވި އެވެ.

ކޮވިޑް-19އާ ގުޅިގެން ފްލައިމީގެ ދަތުރުތައް ވެސް މަދުކޮށްފައި ވުމުން ސަނޫން ދަތުރުތަކަށް ނުނިކުންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށް ވެސް ޝާމިން ވިދާޅުވި އެވެ. ނަމަވެސް އެ ކުންފުނިން ދޭތެރެއަކުން ބާއްވާ ތަމްރީނުތަކުގައި އޭނާ ބައިވެރިވާ ކަމަށް ވިދާޅުވި އެވެ.

ސަނޫނާ އެކު، އެމެރިކާގައި ތަމްރީނު ހެދި އެހެން ޕައިލެޓަކު ބުނީ، އެއީ ވަރަށް މަޑުމައިތިރި، އަހުލާގު ރަނގަޅު ޒުވާނެއް ކަމަށެވެ.

ސަނޫން

"ސަނޫންގެ ފަރާތުން ފާހަގަކުރެވުނު އެންމެ ބޮޑު ކަމަކީ ރައްޓެހިންނަށް ރަނގަޅުކަން. އެކުވެރިންނަށް ވަރަށް ހެޔޮއެދޭ މީހެއް ސަނޫން އަކީ،" އޭނާ ބުންޏެވެ.

ސަނޫނަށް ކޮވިޑް-19 ޖެހިފައިވޭތޯ ބެލުމަށް ހެދި ޓެސްޓްގެ ނަތީޖާއިން ދެއްކީ އޭނާއަށް އެ ބަލި ނުޖެހޭ ކަމަށެވެ.

ޒުވާން ޕައިލެޓް ސަނޫން ހުޅުމާލޭގައި ދިރިއުޅެނީ އޭނާގެ އާއިލާއާއެކު އެވެ. އޭނާގެ އަންބަކާއި އުމުރުން ހަތް އަހަރުގެ ފިރިހެން ކުއްޖަކު ދުނިޔޭގައި އެބަތިއްބެވެ.

ސަނޫންގެ އިތުރުން އޭނާގެ އެއްބަނޑު އެއްބަފާ އެހެން މީހަކު ވެސް ޕައިލެޓެއްގެ ގޮތުގައި މަސައްކަތް ކުރެ އެވެ. އޭނާ ވެސް އުޅެނީ ފްލައިމީގަ އެވެ.

ސަނޫންގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިއަދުގެ މަޣުރިބު ނަމާދަށް ފަހު އާ ސަހަރާ މިސްކިތުގަ އެވެ.