ތ. ގުރައިދޫގައި މިދިޔަ މެއި މަހު ބިދޭސީއަކު މަރާލި މައްސަލާގައި ބިދޭސީއެއްގެ މައްޗަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފި އެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާހު އަލާމަށް ތޫނު އެއްޗެހިން ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނީ ގުރައިދޫ ސިނާއީ ސަރަހައްދުގައި އޭނާ ދިރިއުޅުނު ގެ ކައިރިންނެވެ. އެ މައްސަލާގައި އެ ގައުމުގެ ރައްޔިތެއް ކަމަށްވާ ބަބުލް މިއާ ވަނީ ހައްޔަރުކޮށްފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ބަބުލްގެ މައްޗަށް ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާކުރީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހިި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުންނެވެ.

އެ ގާނޫނު ބުނާގޮތުން ތޫނު އެއްޗަކުން މީހަކު މެރުމުގެ އަދަބަކީ މެރުމެވެ. އެކަމަކު ޝާހުގެ ވާރިސުން މަރަށް މަރު ހިފަން ބޭނުންނުވާ ކަމަށް ބުނެފި ނަމަ، ބަބުލް އުމުރަށް ޖަލަށްލާން ހުކުމް ކުރާނެ އެވެ.