ހައްޔަރުކުރި ބިދޭސީންގެ ނަމުގައި ވަކީލުންތަކެއް ދޮގު ހަދާތީ ބާ ކައުންސިލަށް ހުށަހަޅަނީ

ބ. ބޮޑުފިނޮޅުގައި މިދިޔަ މަހު ކުރީކޮޅު ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި 19 ބިދޭސީންގެ ނަމުގައި ބަޔާންތައް ނެރެ ވާހަކަ ދައްކަމުން އަންނަ ބައެއް ވަކީލުންގެ ސުލޫކީ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށާއި އެހެންވެ އެ މައްސަލަ ބާ ކައުންސިލަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.


ސީލް ކުންފުނީގެ ރަށެއްގައި ރިސޯޓު ހަދަން ގޮސް ތިބި ރައްޔިތުންގެ މަޖިލިހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނީގެ މީހުންނަށް ޑިސެމްބަރު މަހުން ފެށިގެން މުސާރަ ނުދީ މަސައްކަތްކުރުވި މައްސަލައާ ގުޅިގެން މަސައްކަތްތެރިން މުޒާހަރާކުރި އެވެ. އެ ރަށުގައި 179 ބިދޭސީއަކު މަސައްކަތްކުރަމުން ދިޔަ ނަމަވެސް ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރީ ހަމަނުޖެހުމުގައި އެންމެ އިސްކޮށް އުޅުނު ބިދޭސީން އެކަނި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއް

މި މައްސަލައިގައި ހަރަކާތްތެރިވަމުން އަންނަ ބައެއް ވަކީލުން އަމަލުކުރަމުން ދަނީ، ވަކީލުންގެ ސުލޫކީ މިންގަނޑުން ބޭރުގައި ކަމަށް ފުލުހުން ބުންޏެވެ. ވަކި ބަޔަކަށް ފައިދާ ވާނެ ގޮތަށް ތަހުގީގަށް ނުފޫޒު ފޯރުވަން އެ ވަކީލުން މަސައްކަތްކުރާ ކަމަށް ފުލުހުން ބުންޏެވެ.

"... ބަންދުގައި ތިބި މީހުންނަށް ނޭނގޭ އެތައް ކަމެއް އެ މީހުން ލައްވާ ތަހުގީގު ރިކޯޑިން ތެރޭގައި ބުނުވަން އުޅުމާއި، އެ މީހުންނަށް ލިބެންޖެހޭ މުސާރަ އާއި ބ. ބޮޑުފިނޮޅަށް ގެންދިޔަ ކުންފުނީގެ ވާހަކަ ނުދެއްކުމަށް ބުނެ ބަންދުގައި ތިބި މީހުންނަށް މަޖުބޫރުކުރުވާކަން ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ." ފުލުހުން މިރޭ ނެރުނު ބަޔާނުގައި ވެ އެވެ.

ކަން ހިނގައި ދިޔަ ގޮތް އާންމުންނަށް އޮޅޭނެހެން ފުލުހުންގެ އަގު ވެއްޓޭ ގޮތަށް އެ ވަކީލުން މައުލޫމާތު އާންމުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ރަށުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން ސޯޝަލް މީޑިއާ އާއި ޓީވީ ޕްރޮގްރާމް އަދި ނޫސް ބަޔާން މެދުވެރިކޮށް ވަކީލުންތަކެއް އަންނަނީ އެކި މައުލޫމާތު އާންމުކުރަމުން ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ ވަކީލުންނަކީ އެ 19 ބިދޭސީންނާ ހަވާލުވެގެން ތިބި ވަކީލުން ނޫން ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ހައްޔަރު ކުރި ބިދޭސީންގެ ތެރެއިން ފަސް ބިދޭސީއަކަށް ދައުލަތުގެ ފަރާތުން ވަކީލުން ހަމަޖައްސައި ދިނެވެ. ޓްރާންސްޕޭރަންސީ މޯލްޑިވްސް (ޓީއެމް) އިން އިތުރު ފަސް ބިދޭސީއަކަށް ވަކީލުން ހަމަޖައްސާފައި ވާއިރު، ބާކީ ތިބި ބިދޭސީން އަމިއްލަ ވަކީލުން ހަމަޖައްސާފައިވެ އެވެ.

ބޮޑުފިނޮޅުގައި މަސައްކަތްކުރަމުން ދިޔަ 179 ބިދޭސީންނަށް މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ކުރިން މުސާރަ ދޭން މޯލްޑިވްސް ލޭބާ ރިލޭޝަންސް އޮތޯރިޓީން ވަނީ ރިޒް ކުންފުންޏަށް އަންގައިފަ އެވެ. ނަމަވެސް މިއަދުގެ ނިޔަލަށް ވެސް އެ މުވައްޒަފުންނަށް ފައިސާ ދައްކާފައިވާ ކަން ނޭނގޭ ކަމަށް އެ އިދާރާ އިން މިއަދު ބުންޏެވެ.