ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ވެސް ކޮވިޑް-19 އާ ގުޅިގެން ފްރަންޓްލައިން މަސައްކަތްތެރިންގެ ތެރޭގައި ހިމެނޭ ބައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މަޖިލީހަށް މިއަދު ހާޒިރުކޮށް، ކޮވިޑް-19 އާ ގުޅިގެން ކުރި ބައެއް މެމްބަރުން ކުރެއްވި ސުވާލުތަކުގެ ތެރެއިން ނަޝީދު ވިދާޅުވީ ފްރަންޓްލައިން މަސައްކަތްތެރިންގެ ތެރޭގައި މަޖިލީހުގެ މެމްބަރުން ވެސް ހިމެނޭ ކަމަށެވެ. އަދި ކޮވިޑް-19 ގެ ދުވަސްވަރު މެމްބަރުން މަސައްކަތް ނުކުރި ނަމަ، ދައުލަތުގެ ހިންގުމުގެ ނިޒާމު އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާނެ ކަމަށާއި އެހެންވެ، މެމްބަރުންގެ މަސައްކަތަށް ޝުކުރު އަދާ ކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މަޖިލީހުގެ މެމްބަރުން ހޯއްދެވީ ފްރަންޓްލައިންގައި މަސައްކަތް ކުރައްވައިގެން ފްރަންޓްލައިިން އެލަވަންސެއް ނޫން. އޭގެ ބަދަލުގައި މުސާރައިން އުނި ކުރެއްވީ." ނަޝީދު ވިދާޅުވި އެވެ.

ފްރަންޓްލައިން މުވައްޒަފުންނަށް ޚާއްސަ އެލަވަންސެއް ދޭން ސަރުކާރުން ނިންމިޔަސް، އެ ފައިސާ ލިބުން ލަސްވުމުގެ ޝަކުވާތައް އަމާޒުވި އެވެ. އެކަމަކު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދާދިފަހުން ވިދާޅުވެފައިވަނީ މިހާތަނަށް 13.4 މިލިއަން ރުފިޔާ ފްރަންޓްލައިން އެލަވަންސް ދޫކޮށްފައިވާ ކަމަށެވެ.