އޮޑިޓް ރިޕޯޓުތަކެއް ފޮރުވައިފައެއް ނުހުންނާނެ: އޮޑިޓް އޮފީސް

ފޮރިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުތަކެއް ފޮރުވާފައި އެބަހުރި ކަމަށް ބުނެ އިދިކޮޅުން ކޮށްފައިވާ ތުހުމަތުތައް އޮޑިޓް އޮފީހުން މިއަދު ދޮގުކޮށްފި އެވެ.


އޮޑިޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އޮޑިޓް ރިޕޯޓުތައް ނިމޭވަރަކުން ހާމަކުރަމުން އަންނަ ކަމަށެވެ. އެއްވެސް އޮޑިޓް ރިޕޯޓެއް ހާމަނުކޮށް ފޮރުވުމަކީ އެ އޮފީހުން ކުރާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ޕްލޭނިން މިނިސްޓްރީގެ އޮޑިޓްއެއް ކޮށްފައި ނުވާނެ ކަމަށެވެ. އެކަމަކު ކޮވިޑާ ގުޅިގެން ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓް ނިންމުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި އެ މިނިސްޓްރީގެ އިތުރުން ޑިޒާސްޓާ މެނޭޖްމަންޓު ސެންޓަރާއި، އެމްއެންޑީއެފް އަދި އާސަންދައިގެ އޮޑިޓް މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ބައެއް ރިޕޯޓުތައް ނިންމައި ކޮމެންޓަށް ފޮނުވާފައި މިހާރު އޮތީ. ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ހުރިހާ ރިޕޯޓެއް ނެރެވޭނެ ކަމަށް މި ބަލަނީ. މާދަމާ ވެސް ބައެއް ރިޕޯޓުތައް ރިލީސްވާނެ،" އޭނާ ވިދާޅުވި އެވެ.

އޮޑިޓް ރިޕޯޓުތަކެއް ފޮރުވާފައިވާ ކަމަށް ތުހުމަތުކުރައްވައި ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް މިއަދު މަޖިލީހުގައި ވިދާޅުވީ ފޮރިން މިނިސްޓްރިގެ އޮޑިޓް ރިޕޯޓެއް ވެސް ހަދާފައިވާ ކަމަށާއި އޭގައި ބޮޑެތި ވައްކަންތަކެއް އެބަހުރި ކަމަށެވެ. އަދި އެ ރިޕޯޓު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަރިހުން ވެސް އޭނާ އެދިވަޑައިގަތެވެ.

ކޮވިޑް-19އާ ގުޅިގެން ކޮށްފައިވާ ހަރަދުތަކާއި މަސައްކަތްތައް އޮޑިޓްކޮށް މިހާތަނަށް އާންމުކޮށްފައި ވަނީ ޓޫރިޒަމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީގެ ރިޕޯޓެވެ. އެ ދެ މިނިސްޓްރީގެ ރިޕޯޓުން ވެސް ދައުލަތަށް ގެއްލުންވާ ފަދަ ބޮޑެތި ހަރަދުތަކެއްކޮށް ވީނުވީ ނޭނގޭ ފައިސާތަކެއް ހަރަދުކޮށްފައިވާ ކަން ވަނީ ހާމަ ވެފަ އެވެ.

މި މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅުއަޅަން ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވެއެވެ.