ކޮވިޑް-19 ސަންސެޓް ގާނޫނުން ގިނަ ބަޔަކަށް ބޮޑު ލުޔެއް

ކޮވިޑް-19 ފެތުރޭތީ އާއި އެ ބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވެފައިވާ އިގުތިސާދީ ދަތިކަމާއި ގާނޫނީ ގޮތުން ހުރި ގިނަ ހުރަސްތަކަށް އެޑްރެސް ކުރެވޭ ގޮތަށް "އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 2020" ގެ ނަމުގައި ރައްޔިތުންގެ މަޖިލީހުން އިއްޔެ ބިލެއް ފާސްކޮށްފި އެވެ.


ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ހުށަހެޅުއްވި ބިލް ބޮޑަށް އަމާޒު ކޮށްފައި އޮތީ ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރަން އިއުލާނު ކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި، ކުއްލިއަކަށް އަޅާ ފިޔަވަޅެއްގެ ސަބަބުން މަސައްކަތްތެރިންނާއި ދައުލަތުގެ އިދާރާތަކަށްް ކުރިމަތިވާ ހުރަސްތަކަށް ލުޔެއް ދިނުމަށް އަމަލުކުރާނެ ގޮތްތަކަށެވެ.

ވަޒީފާ އަދާކުރާ މީހުންނަށް ހުރި ލުއިތައް:

ބިލުން އެންމެ ފާހަގަކުރެވޭ އެއް ކަމަކީ ރަށެއް ނުވަތަ ތަނެއް މޮނިޓަރިން ހާލަތަކަށް ދިއުމުން ވަޒީފާ އަދާކުރާ ރަށަށް ނުވަތަ ތަނަށް ނުދެވޭ ހާލަތުގައި އަމަލުކުރާނެ ގޮތްތަކެވެ. އެ ހާލަތުގައި މަސައްކަތްތެރިޔާގެ މުސާރަ އާއި އިނާޔަތްތަކުން އެއްޗެއް އުނި ނުކުރެވޭ ގޮތަށް ބިލްގައި އުސޫލުތައް ކަނޑައަޅާފައި ވެ އެވެ.

ބިލުގެ ފަސް ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގައި، އެފަދަ ހާލަތެއް މެދުވެރިވާ މުވައްޒަފުގެ މުސާރަ އާއި އިނާޔަތްތަކުން ނުކެނޑޭނެ އެވެ. މެޑިކަލް ސެޓްފިކެޓެއް ވެސް ހުށަހަޅަން ނުޖެހޭ ގޮތަށް ހާއްސަ ޗުއްޓީއެއް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ބިލްގައި ވެ އެވެ.

ކޮމިޓީ މަރުހަލާގައި މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ބިލް ދިރާސާކޮށް އެކުލަވައިލި ރިޕޯޓުގައި، އެ މާއްދާ އިތުރަށް ތަފްސީލުކޮށްދީ ބައެއް ބަދަލުތައް ގެނެސްފައިވެ އެވެ. އެކަމަކު އެ މާއްދާގެ އަސްލަށް ބަދަލެއް ނުގެނެ އެވެ.

ބިލްގެ ހަވަނަ މާއްދާގައި ބުނެފައި ވަނީ ކޮވިޑަށް ޕޮޒިޓިވް ވާ މީހުންނަށް ވެސް ހާއްސަ ޗުއްޓީއެއް ހަމަޖައްސައިދޭން ޖެހޭނެ ކަމަށެވެ. ކަރަންޓީން މަރުކަޒެއްގަައި ނުވަތަ ގޭގައި ހުއްޓަސް އެކަމުގައި ތަފާތެއް އޮވެގެން ނުވާނެ އެވެ. މުވައްޒަފުގެ އާއިލާގެ މެމްބަރަކު ބައްޔަން ޕޮޒިޓިވްވާ ހާލަތުގައި އާއިލީ ޒިންމާގެ ހާއްސަ ޗުއްޓީއެއް މި ބިލް ގާނޫނަކަށް ވުމަށް ފަހު ދޭން ޖެހޭނެ އެވެ. އެކަމަކު އެއީ ބައްޔަށް ޕޮޒިޓިވްވި އިރު ވެސްް މުވައްޒަފުގެ ބެލުމުގެ ދަށުގައި ހުރި މީހެއް ނަމަ އެވެ.

ކޮވިޑް-19 އާ ގުޅޭ ކަންކަމުގައި ދޭން ޖެހޭ ހާއްސަ ޗުއްޓީތަކާ ގުޅުވައިގެން މުވައްޒަފުގެ އަހަރީ ޗުއްޓީން ބައެއް ކެނޑުން ވެސް ބިލްގައި އޮތީ މަނާކޮށްފަ އެވެ.

ކުންފުންޏެއް ނުވަތަ ވިޔަފާރިއަކަށް ގެއްލުން ވާތީ މުވައްޒަފުން ވަކިކުރަން ޖެހޭ ހާލަތުގައި ދުރާލައި މުވައްޒަފުންނަށް އެންގުމަށާއި ގެއްލުންވާކަން ދައުލަތުގެ ކަމާ ބެހޭ އިދާރާއަށް ސާބިތުކޮށްދޭން ވެސް ބިލްގައި ލާޒިމްކޮށްފައިވެ އެވެ.

ކުއްޔަށް ދިރިއުޅޭ މީހުންނަށް ހުރި ބައެއް ފަސޭހަތައް:

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަަން އެހެން ގައުމުތަކާއި ރާއްޖޭން އެޅި ފިޔަވަޅުތަކުގެ ސަބަބުން އިގުތިސާދަށް ކުރިމަތިވި ބޮޑު ހީނަރުކަމުގަައި އެތައް ބަޔަކަށް ގެދޮރުގެ ކުލި ދެއްކޭނެ ގޮތެއް ނެތިފައި ތިބިތިބުމަށް ވެސް ބިލްގައި ރިއާޔަތްކޮށްފައި ވެ އެވެ. އެ ހާލަތުގައި ގެދޮރުން މީހުން ނެރުމުގައި އަމަލުކުރާނެ ހާއްސަ ގޮތްތަކެއް ބިލްގައި ހިމަނާފައި ވެ އެވެ. އެގޮތުން ތަނެއް ކުއްޔަށް ހިފައިގެން އުޅޭ ބަޔަކު އެތަން ދޫކޮށްފައި ދާން ބޭނުން ނަމަ އެ ތަނުގެ ވެރިފަރާތަށް މަދުވެގެން 60 ދުވަސް ކުރިން އަންގަން ޖެހެ އެވެ. އެކަމަކު، އެ 60 ދުވަހުގެ މުއްދަތުގައި ތަން ހުސްކުުރަން އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ބިލްގައި ވެ އެވެ.

ތަން ހުސްކުރަން ދޭ ނޯޓިސް ދޭން ޖެހޭނީ ވެސް ލިޔުމުންނެވެ.

ބިލްގައި ހިމެނޭ މުހިއްމު ބައެއް އެހެން ބައިތައް:

- ބޯހިޔާވަހިކަން ގެއްލޭ މީހުންނަށް ސަރުކާރުން ވަގުތީ ބޯހިޔާވަހިކަން ދޭންޖެހޭ.

- ކާބޯތަކެތި ނުލިބި ހާލުގައި ޖެހޭ މީހުންނަށް ސަރުކާރުން ކާބޯތަކެތި ދޭންޖެހޭ.

- ގާނޫނަށް އަމަލުކުރާ މުއްދަތުގައި ޓެކްސް ދައްކަން ދަތިވާ މީހުންނަށް އެކަން ކޮށްދޭންޖެހޭ.

- މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ވަގުތީ ފަރުވާގެ އިިންތިޒާމު ހަމަޖައްސަން ޖެހޭ.

- ގާނޫނީ ގޮތުން ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އޮންލައިންކޮށް ކުރުމުގެ އިންތިޒާމު ހަމަޖައްސަން ޖެހޭ.

- ގާނޫނީ ގޮތުންް ވަކި މުއްދަތެއްގެ ތެރޭގައި ކުރަން ހުންނަ ކަންތައްތައް ހާލަތަށް ރިއާޔަތްކޮށް ލަސްކޮށްދޭން ޖެހޭ.

ފިޔަވަޅުތައް:

މި ބިލް ގާނޫނަކަށް ވުމަށް ފަހު އެކި ގޮތްގޮތުން ގާނޫނާ ހިލާފުވާ މީހުންނާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކެއް ވެސް ބަޔާންކޮށްފައި ވެ އެވެ. އެގޮތުން 5،000ރ. އިން ފެށިގެން 100،000ރ. އާ ހަމައަށް ޖޫރިމަނާ ކުރުމުގެ ފިޔަވަޅުތައް ވެސް އެބަހުއްޓެވެ.

އެންމެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރާނީ ބިލުގައިވާ ގޮތުން، ޑައިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާ އެންގެވުންތަކާ ހިލާފުވާ ގާނޫނީ ޝަޚުސް ތަކުންނެވެ. އެއީ ކުންފުނިތަކާއި މުއައްސަސާތަކެވެ. އެފަދަަ ފަރާތަކުން ޑައިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާ އެންގުމަކާ ހިލާފު ވެއްޖެ ނަމަ 10،000ރ. އައި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ބިލްގައި އުސޫލުތައް ކަނޑައަޅާފައި ވެ އެވެ.