މަތީ ތައުލީމާއި ތަމްރީނު ހޯދާ މީހުންގެ 64 ޕަސެންޓަކީ އަންހެނުން

އެކި ދާއިރާތަކުން މި ވަގުތު މަތީ ތައުލީމާއި ތަމްރީން ހޯދަމުން އަންނަ މީހުންގެ 64 ޕަސެންޓަކީ އަންހެނުން ކަމަށް، ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުކުރި މިދިޔަ އަހަރުގެ މަތީ ތައުލީމާއި ތަމްރީނުގެ ތަފާސްހިސާބުން ދައްކައިފި އެވެ.


އެ ރިޕޯޓުގައިވާ ގޮތުން ކޮލެޖުތަކާއި ޔުނިވާސިޓީތަކުން މިދިޔަ އަހަރު ހިންގި 843 ޕްރޮގްރާމުގައި 13،999 ދަރިވަރުން ބައިވެރިވި އެވެ. އެ ތަންތަނުން އެންމެ ގިނައިން ހިންގާފައިވަނީ ޑިގްރީ އަދި ސެޓްފިކެޓް ލެވެލް ހަތަރެއްގެ ޕްރޮގްރާމްތަކެވެ. އޭގެ ތެރޭގައި އެންމެ ގިނަ ދަރިވަރުން ކިޔަވާފައިވަނީ ބިޒްނަސް، އެޑްމިނިސްޓްރޭޝަން އެންޑް ލޯ، އެޑިއުކޭޝަން އަދި އާޓްސް އެންޑް ހިއުމެނިޓީސް އެވެ.

މަތީ ތައުލީމާއި ތަމްރީނުދޭ އެކި ތަންތަނުން މިދިޔަ އަހަރު 37 ޕަސެންޓް ފިރިހެނުން ގްރެޖުއޭޓްވެފައި ވެ އެވެ. މިދިޔަ އަހަރު މަތީ ތައުލީމާއި ތަމްރީނުގައި ބައިވެރިވި އަންހެނުންގެ އަދަދު އުޅެނީ 59 ޕަސެންޓުގަ އެވެ. އެކަމަކު އަލަށް ކިޔަވަން ފެށި ދަރިވަރުންނާއެކު، މިހާރު މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުންގެ އަދަދު އުޅެނީ 64 ޕަސެންޓުގަ އެވެ.

ސެޓްފިކެޓް ލެވެލް އިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔަވައިދިނުމަށް 12 ތަނެއް ރަޖިސްޓްރީކޮށްފައި ވެ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ދަރިވަރުން ކިޔަވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގަ އެވެ. އެ ތަނުގައި 26 ޕަސެންޓު ދަރިވަރުން ކިޔަވަ އެވެ.

ރިޕޯޓް ނެރެދެއްވުމަށްފަހު ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި ގޮތުގައި ގައުމެއް ތަރައްގީވުމުގައި އެންމެ ބޮޑު އެއް ދައުރެއް އަދާކުރަނީ މައުލޫމާތުގެ އަލީގައި ކަންކަން ނިންމުމުގެ ފުރުސަތު ފަހިވެގެން ދިއުމެވެ. އިންސާނީ ވަސީލަތް ތަރައްގީކުރުމުގައި އެންމެ މުހިއްމު ކަމަކީ މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މަތީ ތައުލީމާއި ތަމްރީނާ ގުޅޭ ތަފާސް ހިސާބު ގަވައިދުން ބަލަހައްޓައި އާއްމުކުރެވޭ މައުލޫމާތުތަކަށް ނުވާތީ އޭގެ ސަބަބުން އެ ދާއިރާއިން ދިރާސާކުރާ ފަރާތްތަކަށާއި މައުލޫމާތުގެ އަލީގައި ކަންކަން ނިންމުމުގައި ދަތިތަކެއް ހުރި ކަމަށެވެ.

އެ ދާއިރާ ކުރިއެރުމަށްޓަކައި ވަކިން ހާއްސަކޮށް މަތީ ތައުލީމާއި ތަމްރީނަށް މީހުންގެ ޝައުގާއި ލޯބި އިތުރުކުރުމަށް މަތީ ތައުލީމާ ގުޅުންހުރި އިތުރު މައުލޫމާތުތައް އާއްމުންނާ ހިއްސާކުރަމުންގެންދާނެ ކަމަށް ވިދާޅުވި އެވެ.

"މިއަދު މި ޝާއިއުކުރެވޭ ފޮތަކީ ކިޔަވާ ކުދިންނަށާއި މުދައްރިސުންނަށާއި އިލްމީ ދިރާސާތައް ކުރައްވާ ބޭފުޅުންނަށް ވަރަށް މުހިއްމު ފޮތަކަށް ވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.