ލިލީ އެންޓަޕްރައިސަސް އަދި ލިލީ ޝިޕިން އެންޑް ޓްރޭޑިން އިން ސްކޫލްތަކަށް 100،000 މާސްކު މިއަދު ހަދިޔާކޮށްފި އެވެ.
މިއީ ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ވީ އެހީއެއް ކަމަށް އެ ދެ ކުންފުނިން ބުންޏެވެ.
ކޮވިޑް އިން ރައްކާތެރިވާން އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅަކީ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި އަމިއްލަ ސާފުތާހިރުކަން ދެމެހެއްޓުމެވެ. އަވަސް އަވަހަށް އަތް ދޮވުމާއި އާންމުން އުޅޭ ތަންތަނަށް ދާ ނަމަ މާސްކު އެޅުމަކީ ބަލިން ރައްކާތެރިކަން ހޯދަން ކުރަންޖެހޭ ކަންކަމެވެ.
ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދުގެ ސްކޫލްތައް ވަނީ ބަންދުކޮށްފަ އެވެ. ނަމަވެސް ރަށްރަށުގައި ގްރޭޑް 1-12 އާ ހަމައަށް ކިޔަވައިދެ އެވެ. ދަރިވަރުން ކިޔަވަން ދަނީ މާސްކު އަޅައިގެންނެވެ. ސްކޫލްތަކުގައި ކިޔަވައިދެނީ ގައިދުރުކުރުމުގެ އުސޫލްތަކާ އެއްގޮތަށް އަދި ފަސޭހައިން އަތް ދޮވެވޭނެ އިންތިޒާމު ހަމަޖައްސައިގެންނެވެ.