މައުމޫންގެ ބާރުތައް އަތުލި މައްސަލަ ކޯޓަށް ހުށަހަޅަން ނިންމައިފި

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބާރުތައް އަތުލި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އެ މަނިކުފާނުގެ ވަކީލު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.


ސިވިލް ކޯޓުގެ ހުކުމަކުން ޕީޕީއެމްގެ ހިންގުން ރައީސް އަބްދުﷲ ޔާމީނާ ވަނީ ހަވާލުކޮށްފަ އެވެ. އަދި ރައީސް ޔާމީންގެ ފެކްޝަނުން ޕީޕީއެމަށް ކަނޑައަޅާފައިވާ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް ވަނީ ޕީޕީއެމްގެ ހަރު މުދަލާއި މެންބަރުންގެ ޑޭޓާ ބޭސް އާއި ލިޔެކިޔުންތަކާއި އެ ނޫން ވެސް ހިންގުމާ ގުޅޭ ހުރިހާ ތަކެތި ޕާޓީގެ މުސްތަޝާރު އަދި ރައީސް ޔާމީނާ ހަވާލު ކުރަން ޕާޓީގެ ރައީސް މައުމޫނަށް އަންގަވައިފަ އެވެ.

ސުއޫދުގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ޕާޓީގައި ހުރި ލިޔެކިޔުންތައް ރައީސް ޔާމީނާ ހަވާލު ކުރަން އެންގުމަކީ ޕާޓީގެ އަސާސީ ގަވާއިދު ތަން ދޭ ކަމެއް ނޫން ކަމަށެވެ. އަދި ޕާޓީގެ ރައީސްގެ ބާރުތައް ނިގުޅައިގަންނަ ގޮތަށް ގަވާއިދު ބަލަދު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގަވާއިދަށް ބަދަލު ގެނައުމަކީ ކައުންސިލަށް ކުރެވޭނެ ކަމެއް ނޫން. އެހެންވީމަ ޕާޓީގެ ރައީސްގެ ބާރުތައް ނެގުމަކީ އަސާސީ ގަވާއިދު ތަންދޭ ކަމެއް ނޫން،" ސުއޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މައްސަލަ އަންނަ އާދިއްތަ ދުވަހު ސިވިލް ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

ޕީޕީއެމްގެ ޒިންމާތައް ރައީސް ޔާމީނާ ހަވާލުކުރަން ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރުމަށް މައުމޫން ހައި ކޯޓަށް ހުށަހެޅުއްވި މައްސަލަ ކޯޓުން ބަަލެއް ނުގަނެ އެވެ. ހައި ކޯޓުން އެ ގޮތަށް ނިންމީ ޕީޕީއެމްގެ އަމިއްލަ މެމްބަރެއް ކަމަށްވާ އައްބާސް ވާފިރު ހައި ކޯޓަށް ހުށަހެޅި މައްސަލައިގައި، ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ހުކުމް ކުރި ފަހުންނެވެ.

އެހެންވެ، ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފް ކުރައްވަން ސުއޫދު ވަނީ ނިންމަވައިފަ އެވެ.

ހައި ކޯޓުން ތާއީދުކޮށްފައިވާ ސިވިލް ކޯޓުގެ ހުކުމްގެ މައްސަލަ މައުމޫންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފްކޮށްފަ އެވެ. ސުޕްރީމް ކޯޓުގެ ގަވާއިދު އޮންނަ ގޮތުން އެ ކޯޓަށް މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމާނީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ.

ދަށު ކޯޓުގެ ހުކުމާ އެކު ޕީޕީއެމް ތެރޭގައި ރަސްމީކޮށް ދެ ފެކްޝަނެއް އުފެދި އަދި ދެ ކައުންސިލެއް ވެސް ވަނީ އުފެދިފަ އެވެ. އެހެންވެ އަސްލު ޕީޕީއެމް އޮޅި، ކޮންމެ ކައުންސިލަކުން ވެސް ދަނީ އަނެއް ކައުންސިލްގެ މައްޗަށް ނިންމުންތައް ނިންމައި، މަގާމުތަކަށް ބޭފުޅުން އައްޔަން ކުރަމުންނެވެ.