ޗައިނާ ބަޔަކަށް ވެގެން މަކަރުން ފައިސާ ހޯދަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ރާއްޖޭގައި އިންވެސްޓްކުރަން އައިސްގެން އުޅޭ ޗައިނާ މީހެއް ކަމަށްބުނެ މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދަން އުޅުނު ބަޔަކު މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކޮށްފި އެވެ.


ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރީ 44 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ދެ ފިރިހެނުންނެވެ. މި ތިން މީހުން ވަނީ މީހަކަށް ގުޅައި ބައްދަލުކުރަން ބޭނުންވާ ކަމަށާއި ނަމަވެސް އޭގެ ކުރިން ނިންމަންޖެހޭ ކަންތައްތަކެއް ކުރަން 5000 ޑޮލަރަށް ބޭނުންވާ ދިވެހި ފައިސާ ހިފައިގެން އައުމަށް ބުނެފަ އެވެ.

ހަޔަރުކުރި ތިން މީހުންނަކީ ވެސް ކުށުގެ ރިކޯޑު އޮންނަ މީހުން ކަމަށާއި އޭގެ ތެރެއިން 28 އަހަރުގެ އެކަކަކީ ޕެރޯލްގެ ދަށުން ދޫކޮށްލާފައިވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރި އިރު، ކ. މާފުށީ ޖަލުގައި ހުރި ގައިދީއަކާއި ގުޅުން ހުރިކަން އެނގުކަމަށާއި އޭގެ ފަހުން ކަރެކްޝަނަލް ސާވިސްއާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޖަލުގެ ގޮޅިއަކުން އެ މައްސަލައާ ގުޅުންހުރި ސިމްކާޑެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މީހުންގެ ތެރެއިން 44 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ، ރާއްޖެއަށް އިންވެސްޓްކުރަން އައި ކަމަށް ބުނާ ޗައިނާ މީހާއާ ބައްދަލުކުރަން ދިއުމުގެ ކުރިން އިމްޕީރިއަލް ކައިރީގައި ހުރި މީހަކާ ބައްދަލުކޮށް އޭނާގެ އަތުގައި އޮތް ސީޑީއަކާއި ޑިވައިސެއް ހިފައިގެން ގޮސް އެ ތަކެއްޗަށް ދައްކަންޖެހޭ ފައިސާ ހަވާލުކުރަން، ފޯނުގެ ވެރިފަރާތް ކައިރީ ބުނުމުން އެމީހާ އެތަނަށް ގޮސް ބައްދަލުކުރިތަނާ އެވެ. އަދި 28 އަހަރުގެ ދެމީހުން ހައްޔަރުކުރީ، އިމްޕީރިއަލް ކައިރިން ހައްޔަރުކުރި 44 އަހަރުގެ މީހާގެ ފޯނަށް ގުޅައި ބޮޑުތަކުރުފާނު މަގު ފިހާރައެއް ކައިރީ ހުރި މީހަކަށް ފައިސާ ހަވާލުކުރަން ބުނެ އެ ފައިސާ ހަވާލުކުރި ތަނުންނެވެ.

މި މައްސަލަ ތަހުގީގުކުރަން ކޯޓުން ވަނީ އެ ތިން މީހުންގެ ބަންދަށް ހަތް ދުވަސް އިތުރުކޮށްދީފަ އެވެ.