މޫދަށް ވަރަށް ފަރިތަ އެވެ. ރައްޓެހިންނާ އެކު މޫދަށް ދިއުމާއި ޑައިވްކުރުމަކީ ޝައްފާން ރަޝީދު އުފަލެވެ. ނަމަވެސް ވެސްޓް ޕާކު ސަރަހައްދުގައި އިއްޔެ ސްނޯކްލިންނަށް އެކަނި ނުކުމު އުޅެނިކޮށް 24 އަހަރުގެ ޒުވާނާ މަރުވުމަކީ، އެތައް ބަޔަކަށް ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ސީ އެންޑް ރެސްކިއު އޮޕަރޭޝަންގައި އުޅޭތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވީ ފަޔަފައިޓަރުގެ ރައްޓެހިން ސިފަކުރާ ގޮތުގައި، އެއީ "ވަރަށް ހިތްހެޔޮ، ވަރަށް ރަނގަޅު ރަހުމަތްތެރިއެކެ"ވެ. އެހެންވެ އޭނާގެ ކުއްލި ވަކިވުމަކީ ހަމައެކަނި އާއިލާއަށް ލިބުނު ބޮޑު ހިތާމައަކާއި އުނިކަމެއް ނޫނެވެ. ރައްޓެހިންނާއި އޭނާ ދަންނަ އެންމެންނަށް ވެސް އެއީ ފޮހެލެވެން ނެތް ހަނދާނެކެވެ.
ޝައްފާނާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި އޭނާގެ ރައްޓެހިން ލިޔާ ލިޔުންތަކުން އެކަމަށް ހެކިދެ އެވެ.
"މީހުންނާ ބައްދަލުވާއިރު ޝައްފާން ހުންނާނީ އަބަދުވެސް ވަރަށް ހިނިއައިސްފައި. ވަރަށް ހިތްހެޔޮކަމާ އެކު ވާހަކަދައްކާނީ. އަބަދުވެސް ބަލާނީ އެހެން މީހުން އުފާކޮށްދެވޭތޯ،" ޝައްފާނާ އެކު ބައެއް ދަތުރުތައް ގޮސްފައިވާ، އޭނާގެ ގާތް ރަހުމަތްތެރިއެއް ކަމަށް ވާ ރިލްވާން ލަތީފު ބުންޏެވެ.
"ހާލު ބަލައި ދިމާވެލަން ވެސް ގުޅާނެ ވަރަށް ގިނައިން."
މޫދުގައި އުޅެނިކޮށް ޝައްފާން މަރުވިޔަސް އޭނާއަކީ މޫދަށް ކުޅަދާނަ ޒުވާނެކެވެ. ފްރީ ޑައިވިންގެ ތަމްރީނުތައް ވަނީ ހަދައިފަ އެވެ. އޭނާގެ އިންސްޓަގްރާމްގެ އެކައުންޓްގައި ލިއެފައިވާ ގޮތުން ނަމަ، ނޭވާލާން އެއްވެސް އެއްޗެއް ބޭނުންނުކޮށް އޭނާ ވަނީ 30 މީޓަރު (ގާތްގަނޑަކަށް 100 ފޫޓު) ފުނަށް ފީނައިފަ އެވެ. މިއީ ރާއްޖޭގައި ވަރަށް މަދު މީހަކަށް ނޫނީ ނުކުރެވޭ ވަރުގެ ކަމެކެވެ.
ފްރީ ޑައިވިންގެ ތަމްރީންތަކުގެ އިތުރުން ޝައްފާން ވަނީ މޫދުގައި ކަމެއް ދިމާވެއްޖެ ނަމަ ފަސްޓް ރެސްޕޮންސް ދޭނެ ގޮތުގެ ތަމްރީންތައް ވެސް ނިންމައިފަ އެވެ.
އޭނާގެ ރައްޓެހިން ބުނާ ގޮތުގައި މޫދަށް އެރޭއިރު، އެކަމާ ގުޅޭ ސާމާނު އަބަދުވެސް ގެންގުޅޭނެ އެވެ. ދެވޭ ފުންމިނާއި ހޭދަކުރެވޭ ވަގުތު ވެސް ބަލާނެ ކަމަށް ވެސް ރައްޓެހިން ބުނެ އެވެ. ޝައްފާންގެ ކިބާގައި ހުރި އެންމެ ރަނގަޅު އެއް ސިފައަކީ، ރައްޓެހިން ބުނާ ގޮތުން ނަމަ، "އަމިއްލަ ސިއްހަތަށް ވެސް ވަރަށް ބަލައިގެން އުޅުމެ"ވެ.
މޫދުގައި ޝައްފާންގެ ކުޅަދާނަކަން ގަބޫލުކުރަނީ ހަމައެކަނި އޭނާގެ ރައްޓެހިންނާއި ދަންނަ މީހުން އެކަންޏެއް ނޫނެވެ. ފްރީ ޑައިވިން އާއި ސްޕެއާފިޝިންއަށް ބޭނުންވާ އެއްޗެހި އުފައްދާ ގްރީސްގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އަލްކެމީ ސްޕެއާފިޝިންގެ ރާއްޖޭގައި ހުންނަ ބްރޭންޑް އެމްބެސެޑަރަކީ ޝައްފާނެވެ. އޭނާއަކީ، ގްރީސްގެ ރައްޔިތަކު ފިޔަވައި އަލްކެމީ ސްޕެއާފިޝިން ޓީމާ ގުޅުނު ފުރަތަމަ ބިދޭސީ ޒުވާނާ އެވެ.
ފްރީ ޑައިވްކުރިޔަސް، އަދި ސްނޯކްލިންއަށް ދިޔަސް، ކަމެއް ދިމާވެއްޖެއްޔާ އެހީތެރިޔަކު ހުންނަން ޖެހެ އެވެ. ހާއްސަކޮށް ފުނަން ފީނާ ކަމަށް ވަންޏާ އެހެން މީހަކު ފެންނަ ހިސާބުގައި އޮތުން ވަރަށް މުހިންމެވެ. ޝައްފާންގެ ރައްޓެހިން ބުނާ ގޮތުގައި އޭނާ ވެސް މޫދަށް ގޮސް އުޅުނީ އިތުރު މީހަކާ ނުވަތަ ބަޔަކާ އެކު އެވެ. ނަމަވެސް އިއްޔެ އެ ދިޔައީ، ކޮވިޑްގެ ދުވަސްވަރުކަމުން، އެވަގުތު މޫދަށް ދާނެ އެހެން މީހަކު ނެތުމުން ކަމަށް އެކަށީގެންވާ ކަމަށް، ބައެއް ރައްޓެހިން ބުނެ އެވެ.
"[މަރުވިކަން] ގަބޫލުކުރަން ވެސް ދަތިވެފައި މި ހުރީ އަދިވެސް،" ރިލްވާން ބުންޏެވެ.
ޝައްފާނަކީ އާއިލާގައި ތިބި އެއްބަނޑު އެއްބަފާ ހަތަރުބެއިންގެ ތެރެއިން އެންމެ ހަގު ފިރިހެން ކުއްޖާ އެވެ. އޭނާގެ އަލަތު ކައިވެނިކުރިތާ އަދި ވީ އެންމެ ދެ ހަފުތާ އެވެ.
ސީއެޗުއެސްއީގައި އޭ ލެވެލް ހަދާފައިވާ ޝައްފާނާ އެކު ދަރުމަވަންތަ ސްކޫލުގައި ކިޔެވި ރައްޓެއްސަކު، ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަމުން، ބުނީ ޝައްފާންގެ ސަބަބުން އެހެން މީހުންގެ ދިރިއުޅުމަށް ވަރަށް ހެޔޮ އަސަރުކޮށްފައި ހުންނާނެ ކަމަށެވެ. އެއީ އެހެން މީހުންގެ ހާލު ދެނެގަންނަ އެހާވެސް ރަނގަޅު ރަހުމަތްތެރިއެއް ކަމަށް އޭނާ ބުންޏެވެ.
މި ފަހުން "އެހާ ގިނައިން ދިމާ ނުވިއަސް ވަރަށް ހިތްހެޔޮ، ގާތް ރައްޓެއްސެއް ޝައްފާނަކީ،" ރަހުމަތްތެރިޔާ ބުންޏެވެ.
ޝައްފާންގެ ހަށިގަނޑު ފެނުނީ، އޭނާ މޫދަށް ދިޔަ ފަހުން ހަބަރު ނުވެގެން ހޯދަމުން ދަނިކޮށް، 12 މީޓަރު އަޑިންނެވެ. މޫދަށް ދިޔަ ކަމަށް ވަނީ ހެނދުނު 11 ޖަހާކަންހާއިރު އެވެ. އޭނާގެ ހަބަރެއް ނުވެގެން އެމްއެންޑީއެފްއަށް އެންގީ ފަސް ގަޑިއިރު ފަހުން، 4:35ހާ އިރު އެވެ.
ފްރީ ޑައިވްކުރުމާއި މަސް ހިފުމަށް ޒުވާނުންގެ މެދުގައި ބޮޑު ލޯތްބެއް އޮތަސް، އެކަނި ގޮސް އުޅުމަކީ ނުރައްކާތެރިކަމެއްކަން ރާއްޖޭގައި ހިނގާ ހާދިސާތަކުން އެނގެ އެވެ. އަދި އެހެން މީހަކު ނުވަތަ ބަޔަކާ އެކު ގޮސް ވެސް، އެކަނި މާ ފުނަން ފީނަން އުޅުމުގައި ހިތާމަވެރި ހާދިސާތައް ހިނގާފައިވެ އެވެ.
މި އަހަރުގެ މާޗު މަހު ރާއްޖޭގެ އެތުލީޓަކު ވެސް ވަނީ މަރުވެފަ އެވެ. ސިފައިންގެ ތެރޭގައި އުޅެމުން އައި ރާއްޖޭގެ ޖެވެލިން ޗެމްޕިއަން އަދި ދުވުންތެރިޔާ ސާޖަންޓް ޔައުގޫބު އަހުމަދު، 34، މަރުވީ ކ. އެނބޫދޫ ފަޅަށް މަސް ހިފަން ގޮސް އުޅެނިކޮށެވެ. އޭނާއަކީ ވެސް ފުނަން ފީނުމުގެ އިތުރުން އާންމުކޮށް މަސް ހިފަން ގޮސް އުޅުނު ޒުވާނެކެވެ.