ޚަބަރު / ޒިޔާދާގެ މަރު

ހައި ކޯޓުގެ ތާރީޚީ ހުކުމަކީ އަންހެނުންގެ ހައްގު ރައްކާތެރިކުރަން އެޅުނު މުހިއްމު ފިޔަވަޅެއް: ޖެންޑާ މިނިސްޓްރީ

މާލެ: ޖުލައި 10، 2020: އަނިޔާ ލިބިފައި ތިބި މީހުންނަށް ހިތްވަރު ދީ އިންސާފު ހޯދުމަށް އަޑުއުފުލާ ބޭއްވި މުޒާހަރާގައި ބަޔަކު އަޑު އުފުލަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު

01 އޮކްޓޯބަރ 2020 - 17:24

happy icon 53%

ޒިޔާދާ ނައީމްގެ މަރުގެ މައްސަލާގައި އޭނާގެ ކުރީގެ ފިރިމީހާގެ އިބްރާހިމް ޝާހުގެ މައްޗަށް، ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ކުށް ސާބިތުވެ ތިން އަހަރަށް ޖަލަށް ލުމަކީ އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް އެޅިގެންދިޔަ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ލިބުނު އަނިޔާތަކެއްގެ ސަބަބުން ޒިޔާދާ މަރުވި މައްސަލައިގައި ޝާހުގެ މައްޗަށް ހަތަރު ދައުވާއެއް އުފުލި އެވެ. އެއީ ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ އެވެ. ނަމަވެސް މުޅި ރާއްޖޭގެ ސަމާލުކަން ލިބުނު މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ނިންމާލީ ޝާހުގެ މައްޗަށް އެއްވެސް ދައުވާއެއް ސާބިތުނުވެ އެވެ.

އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ހައި ކޯޓުގައި އިސްތިއުނާފުކުރި އެވެ. ނަމަވެސް އޭގެ ތެރެއިން، އަނބިމީހާ ރޭޕް ކުރުމުގެ ކުށުގައި ޝާހު ތިން އަހަރަށް ޖަލަށްލާން ކުރި ހުކުމަކީ ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ރާއްޖޭގައި އެފަދަ ކުށެއް ސާބިތުވި ފުރަތަމަ ފަހަރެވެ. ޝާހުގެ މައްޗަށް އިއްވީ އެ ކުށަށް ގާނޫނުގައި ދެވެން އޮތް އެންމެ ބޮޑު އަދަބެވެ.

އެކަމާ ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ޖިންސީ ކުށުގެ ގާނޫނުގައި ފިރިމީހާ، އަނބިމީހާ "ރޭޕް" ކުރުމަކީ އެ ގާނޫނު ބަލައިގަންނަ އަދި އަދަބު ކަނޑައަޅާފައިވާ ކުށެއް ކަމަށެވެ. ނަމަވެސް ރާއްޖޭގެ ތާރީހުގައި، ފިރިމީހާ، އަނބިމީހާ ރޭޕްކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓު މަރުހަލާގައި އެޅިގެންދިޔައީ، އަންހެނުންގެ ހައްގު ރައްކާތެރިކުރުމުގައި މުހިއްމު ފިޔަވަޅެއް ކަމަށެވެ.

ހައި ކޯޓުގެ މިއަދުގެ ހުކުމަކީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ދެކޭކަން ފާހަގަކޮށް އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށްޓަކައި، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމާއި އެ އޮފީހުގެ މުވައްޒަފުން ކުރާ މަސައްކަތްތައް ބަލައިގަނެ އެކަމަށް ޝުކުރު އަދާކޮށްފައި ވެ އެވެ.

ފަނޑިޔާރު އަލީ ސަމީރު ރިއާސަތު ބެލެހެއްޓެވި ބެންޗުން އިއްވެވި ހުކުމުގައިވާ ގޮތުން "ރޭޕް" އެ ބަސް އޮތަސް، ފިރިމީހާ އަނބިމީހާ ރޭޕް ކުރުމަކީ ރޭޕްގެ އާންމު މާނައިގެ ބޭރުން، ވަކި ޚާއްސަ ހާލަތްތަކެއްގައި ކަންކަން ވެގެންދާ ގޮތުން އުުފެދޭ ކުށެކެވެ. އެހެންވެ، ބަލަންވީ ކުށުގެ ނަމަށް ނޫން ކަމަށާއި ބަލަންވީ އަމަލު ކަމަށްވާ ގަދަކަމުން ޖިންސީ ގުޅުން ހިންގުމަށް ކަމަށް ހުކުމުގައިވެ އެވެ. އަދި އަނބިމީހާ އަށް ވެސް ބައެއް ހާލަތްތަކުގައި ޖިންސީ ގުޅުމަށް ދެކޮޅު ހެދުމުގެ ފުރުސަތު އޮންނަކަން އިސްލާމީ ޝަރީއަތުގެ އިލްމުވެރިން ބަޔާންކުރައްވާފައިވާ ކަން ފާހަގަކޮށް، އޭގެ ބައެއް މިސާލުތަކުގެ ގޮތުން މާބަނޑު ދުވަސްވަރާއި ގައިން ގަޔަށް އަރާ ބައްޔެއް ހުންނަ ހާލަތްތައް އެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ހުކުމުގައިވާ ގޮތުން ފިރިމީހާ، އަނބިމީހާ ރޭޕްކުރުން ކަމަށް ބެލެވޭނީ ދެމަފިރިންގެ ގޮތުގައި ތިބެ އެކަމަކު ޖިންސީ ކުށުގެ ގާނޫނުގައި ބުނާ އިސްތިސްނާ ހާލަތެއް ދެމަފިރިންގެ ދެމެދުގައި އޮވެ އަދި އެ ހާލަތުގައި ޖިންސީ އަމަލެއް، އަނބިމީހާގެ ނުރުހުމުގައި ހިންގުމަށެވެ. މަސްލަހަތަށްޓަކައި ދެމަފިރިން ވަކިން ދިރިއުޅެމުން ދިއުމަކީ ގާނޫނުގައި ބުނާ އިސްތިސްނާ ހާލަތެއް ކަމަށް ވެފައި، އެ މައްސަލާގައި ޒިޔާދާ އާއި ޝާހު އެއްބަސްވެގެން ވަކި ގެއެއްގައި ދިރިއުޅެމުން ގޮސްފައިވާ ވާތީ އެ ހާލަތު އެ މައްސަލާގައި އޮތް ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ދެމަފިރިން ވަކިން އުޅުމަށް އެއްބަސްވާން ޖެހެނީ ކޮންމެހެން ލިޔުމުން އެކަނި ނޫން ކަމަށާއި ހެކިތަކުން ވެސް އެކަން ދެނެގަނެވިދާނެ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

އެ ހުކުމާ ގުޅިގެން ޕީޖީ ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިރިމީިހާ، އަނބިމީހާ ރޭޕްކުރުމުގެ ކުށް ކޯޓުތަކުން ބަލައިގަންނަ ފެށުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ. ކުރިއަށް އަދި ދެ މައްސަލަ އެބައޮތެވެ. އުއްމީދަކީ އެ ދެ މައްސަލައިގެ ކުށް ސާބިތުވެ ޖަލަށް ލުން ކަމަށް ޝަމީމް ވިދާޅުވި އެވެ.

0 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 0%
icon angry icon angry 43%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!