ގއ. ދާންދޫގައި ރޭ ހިންގި މާރާމާރީއެއްގައި އެކެއްގެ ހާލު ސީރިއަސްވެ، އިތުރު ފަރުވާ އަށް އެ އަތޮޅު ވިލިނގިލިއްޔަށް ގެންގޮސްފި އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ކެފޭއެއްގެ ތެރޭގައި މާރާމާރީ ހިންގީ ދެ ގުރޫޕުގެ މެދުގައި ކަމަށެވެ. އެއް ގުރޫޕުގައި ތިބީ އުމުރުން 25 އަހަރުގެ ދެ މީހަކާއި 27 އަހަރުގެ މީހެކެވެ. އަނެއް ގުރޫޕުގައި ހަރަކާތްތެރިވީ އުމުރުން 18 އަހަރުން ދަށުގެ ކުދިންނާއި ގާތްގަނޑަކަށް 19 އަހަރުގެ ފިރިހެނެކެވެ. ސީރިއަސް އަނިޔާ ލިބުނީ އޭނާއަށެވެ.
ރޭ 10:30-11:00 އާ ދެމެދު ހިނގި މާރާމާރީގައި ތޫނު އެއްޗަކުން ބޮލަށް ހަމަލާދިނުމުން ފުރަތަމަ ފަރުވާ ދިނީ ދާންދޫ ސިއްހީ މަރުކަޒުގަ އެވެ. ނަމަވެސް ލޭ މަނާނުވުމުން ދަންވަރު 12:15 ހާއިރު، ޑޮކްޓަރާއެކު ވިލިނގިއްޔަށް އެ މީހާ ގެންދިޔައީ އެވެ.
"ހަޑި އެއްޗެހި ކީމާ، އެ ކުދިންނަށް ގުޅާފައި ކެފޭއެއް ގެންދިޔަ ކަމަށް ވަނީ. އެ ތަނަށް ގެންގޮސްފައި އެތެރޭގައި ހަމަނުޖެހުން ހިންގީ،" ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ދާންދޫގައި މާރާމާރީއެއް ހިންގައިގެން ރޭ 11:25 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެ ހާދިސާގައި ތިން މީހަކަށް އަނިޔާ ވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވޭ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.