ތާޖުއްދީން ސްކޫލުގެ ދަރިވަރުންތަކެއް، މިއަދު ކްލާސްރޫމުގައި.-- ފޮޓޯ: ތާޖުއްދީން ސްކޫލު
04 އޮކްޓޯބަރ 2020 - 14:22
ގާތްގަނޑަކަށް ދެ މަހަށްފަހު މާލެ ސަރަހައްދުގެ ސްކޫލުތައް މިއަދު ހުޅުވިއިރު، ކުރިއާ އަޅާބަލާއިރު ދަރިވަރުންގެ ހާޒިރީ ވަރަށް ރަނގަޅު ކަމަށް ބައެއް ސްކޫލުތަކުން މިއަދު ބުނެފި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް މާޗު 12 ގައި ރާއްޖޭގެ ހުރިހާ ސްކޫލެއް ބަންދުކުރުމަށް ފަހު އަލުން ކިޔަވައިދޭން ފެށީ ޖުލައި 1 ގަ އެވެ. ނަމަވެސް މާލެ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށުމުން އޮގަސްޓް 9 ގައި ސްކޫލުތައް އަނެއްކާ ވެސް ބަންދުކުރި އެވެ. މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ ސްކޫލުތަކުގައި އަލުން ކިޔަވައިދޭން ފެށީ ގްރޭޑު 9 އިން ފެށިގެން މައްޗަށެވެ.
ޖުލައި މަހު ސްކޫލުތައް ހުޅުވި ފުރަތަމަ ހަފުތާގައި ވެސް ދަރިވަރުންގެ ހާޒިރީ ރަނގަޅެވެ. ނަމަވެސް މަޑުމަޑުން އެޓެންޑެންސް ދަށްވަމުން، ބައެއް ސްކޫލުތަކުގައި ކްލާހެއްގައި 5-6 ދަރިވަރުން ވެސް ތިއްބެވެ.
މަޖީދިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް، އެ ސްކޫލުގެ ގޯތިތެރޭގައި ބޭއްވި ހަރަކާތެއްގައި ބައިވެރިވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
ދަރުމަވަންތަ ސްކޫލުން ބުނީ، ބޮޑު ބަންދަކަށްފަހު ޖުލައި 1 ގައި ސްކޫލުތައް ހުޅުވިއިރާ ބަލާއިރު މިފަހަރު އެ ސްކޫލުގެ އެޓެންޑެންސް ރަނގަޅު ކަމަށެވެ. ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ހަސަން މުހައްމަދު ވެސް ވިދާޅުވީ، ސްކޫލު ހުޅުވައި ފުރަތަމަ ދުވަސް ނިމިގެން ދިޔައީ ވަރަށް އުފާވެރިކޮށް ކަމަށެވެ. އެޓެންޑެންސް ވަރަށް ރަނގަޅުކަން ފާހަގަކުރެއްވި އެވެ.
"ކުރިއަށްވުރެ ބޮޑަށް ރަނގަޅު ދަރިވަރުންގެ ހާޒިރީ. އެއް ކަމަކީ ގްރޭޑު 9، 10 އިމްތިހާނު މި އޮތީ. ކިޔެވުމަށް ފޭސް ޓައިމްއަކީ ވަރަށް މުހިއްމު އެއްޗެއް. އަނެއް ކަމަކަށް، ނިއު ނޯމަލް އަށް ދަރިވަރުން ހޭނިފައި ތިބުން،" ހަސަން ވިދާޅުވި އެވެ.
އެ ސްކޫލުގެ ގްރޭޑު 9، 10 އަށް 70 ޕަސެންޓް ދަރިވަރުން މިއަދު ހާޒިރުވި އެވެ.
ސްކޫލު ކްލަސްޓާއެއް ނުއުފެދޭނެ ގޮތަށް ދުރުގައި ތިބެގެން ވާހަކަދެއްކުން ފަދަ ކަންކަން ދަރިވަރުންނަށް ހަނދާންކޮށްދީ ބެލެނިވެރިންގެ ފަރާތުން ވެސް ރަނގަޅު ތަރުހީބެއް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.
އަރަބިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް، އެ ސްކޫލުގެ ހޯލުގައި ބޭއްވި ހަރަކާތެއްގައި ބައިވެރިވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
ތާޖުއްދީން ސްކޫލުގެ އިސް އޮފިޝަލަކު ވިދާޅުވީ، މިފަހަރު ދަރިވަރުންގެ އުޅުމަށް ވެސް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. ސްކޫލުން ފެނުމުން ސަލާމް ގޮވާލައި މަދުމަދުން ވާހަކަދައްކަން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.
"ކުރިން ތިބޭނީ ވަރަށް ކަންބޮޑުވެފައި ކަހަލަ ގޮތަކަށް ފެނުނީމަ ވެސް. އެކަމަކު މިހާރު އެކަމަށް ހޭނިފައި ތިބި ގޮތަކަށް ފެންނަނީ،" އޮފިޝަލް ވިދާޅުވި އެވެ.
އެ ސްކޫލުގެ ދެ ގްރޭޑުން ވެސް ޖުމްލަ 80 ޕަސެންޓް ދަރިވަރުން ސްކޫލަށް ހާޒިރުވެފައިވާ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1828
04 October 2020
ރިސޯޓްތަކުގެވެސް. ރިސޯޓުން ބަންދުން ވީލޭ ޤާނޫނު ހަދާ ފާސްކޮށްފައި، މުވައްޒަފުން ރިސޯޓް ބަންދުކޮށްފައި.