ފެނަކައިގެ މުދާތަކަކާ އެކު ދަތުރުކުރަނިކޮށް ށ. މިލަންދޫގެ ފަރަށް އެރީ ހެވީ ލޯޑް ކުންފުނީގެ ކޮޅުވެއްޓިއެއް ކަމަށާއި އެ ކޮޅުވެއްޓި އަދިވެސް ފުންކޮށްފައި ނުވާ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

ޖަނަރޭޓަރަކާއި އިތުރު މުދާތަކާ އެކު ފޮނުވި އެ ކޮޅުވެއްޓީގައި ފެނަކައިގެ 13 މިލިއަން ރުފިޔާގެ މުދާ ހުއްޓެވެ. މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު މާލެ އިން ފުރި އެ ކޮޅުވެއްޓި، ފަރަށް އެރީ މިދިޔަ މަހުގެ 14 ވަނަ ދުވަހެވެ.

އީޕީއޭގެ ޑިރެކްޓާ ޖެނަރަލް އިބްރާހިމް ނައީމް "މިހާރު" އަށް ވިދާޅުވީ ކޮޅުވެއްޓި ފުން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެވީ ލޯޑުން ބުނެފައިވާ ކަމަށެވެ.

ހެވީ ލޯޑަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ ކުންފުންޏެކެވެ.

އުޅަނދެއް ފަރަށް އަރައިފި ނަމަ އެތަނަކަށް ލިބުނު ގެއްލުމެއް ބަލައި އެކަށީގެންވާ ފިޔަވަޅު އެޅުމުގެ ޒިންމާ އީޕީއޭ އިން ނަގަން ޖެހެ އެވެ.

"ފިޔަވަޅު އެޅޭނީ އެ ފުންކޮށް ފަރަށް ވެފައިވާ ގެއްލުން ބެލުމަށް ފަހު،" ނައީމް ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ކޮންޓްރެކްޓް މަސައްކަތެއްގެ ގޮތުގައި އެ މުދާ ފޮނުވައިދޭން ހަވާލުވި ހެވީ ލޯޑް ކުންފުނިން، މިކަމާ ގުޅިގެން "މިހާރު" އިން ސުވާލުކުރުމުން އެއްވެސް ޖަވާބެއް ނުދެ އެވެ.

އެ ކޮޅުވެއްޓީގައި ގެންދިޔަ މުދާތައް ރައްކާތެރިކަމާއެކު ސަލާމަތްކުރެވުނު ކަމަށް ފެނަކައިގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ސައީދު މީގެ ކުރިން ވިދާޅުވެފައި ވެ އެވެ. އަދި އެ ތަކެތި ފޮނުވި ރަށްތަކަށް ހަވާލުކުރި ކަމަށް ވެސް ވިދާޅުވި އެވެ.