ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް: އޭނާ ވިދާޅުވަނީ ގެއްލުނު ފައިސާ ހޯދޭނެ ކަމަށް. --ފޮޓޯ/މިހާރު
08 އޮކްޓޯބަރ 2020 - 13:25
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ އެކު ހެދި އިއުތިރާފްގެ އެއްބަސްވުމުން، އެމްއެމްޕީއާރުސީގެ ޚިޔާނާތުން ދައުލަތަށް ގެއްލުނު ފައިސާ އެ ޚިޔާނާތުގެ ބައިވެރިންނާއި މަންފާވި ފަރާތްތަކުގެ އަތުން ހޯދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
ޚިޔާނާތުގެ މައްސަލައިގައި އަދީބަށް ދައުލަތުން، އުފުލި ހަތް ދައުވާ ސާބިތުވެ 20 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ހޯމަދުވަހު ވަނީ އިއްވައިފަ އެވެ. މި ދައުވާތައް އުފުލީ، އަދީބާއި ދައުލަތާ ދެމެދު ހެދި ޕްލީ ބާގެއިން [ކުށަށް އިއުތިރާފު ވުމުގެ އެއްބަސްވުމު]ގެ ދަށުން، އަދަބު ލުއިވާ ގޮތަށެވެ. އެއްބަސްވުމުގައިވާ ގޮތުން، އަދީބު ދައްކަވަން ޖެހުނީ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއެކެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް، 54 ރަށް ދޫކޮށްގެން އަދީބުގެ މައްޗަށް 150 އަށް ވުރެ ގިނަ ދައުވާ ކުރެވެން އޮއްވައި ދައުލަތުން އަދީބާ އެކު ހެދި އެއްބަސްވުމުން ރައްޔިތުންނަށް އޮތް ފައިދާއަކީ ކޮބައިތޯ ގާނޫނީ ބޭފުޅުން ދަނީ ސުވާލު އުފައްދަވަމުންނެވެ. މަނީ ލޯންޑްރިންގެ ގާނޫނުން، މަނީ ލޯންޑާކުރި އަދަދު ދައްކަން އަންގައި އޭގެ ފަސް ގުނައާ ހަމައަށް (އަދީބަށް ކުރި ދައުވާތަކުގައި، ފަސް ބިލިއަން ރުފިޔާ އިން) އަދީބު ޖޫރިމަނާ ކުރެވެން އޮއްވައި ދެ މިލިއަނުން ޖޫރިމަނާ ކުރި ސަބަބާ މެދު ވެސް ކަންބޮޑުވުން ދަނީ ފާޅުކުރަމުންނެވެ.
ޕީޖީ ޝަމީމް، "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ އަދީބަށް އިއްވި ހުކުމަކީ "ކުށް ސާބިތުކުރުން ކަމަށާއި ގެއްލުނު ފައިސާ ހޯދުން ވަކިން ކުރިއަށްދާނެ" ކަމަށެވެ. ފައިސާ ވަކިން ހޯދުމުގެ މަރުހަލާ ދާއިރު އަދީބުގެ އަތުން އެއްޗެއް ފެނުނަސް ދައުލަތަށް ނެގޭނެ ކަމަށް އެއްބަސްވުމުގައި އެބަ އޮތް ކަމަށް ޕީޖީ ވިދާޅުވި އެވެ.
މި ސަރުކާރުގެ އެންމެ ބޮޑު ވައުދަކީ ގެއްލުނު ފައިސާ އަނބުރާ ދައުލަތަށް ހޯދައި ދިނުމެވެ.
ޚިޔާނާތުން ދައުލަތަށް ގެއްލުނު ފައިސާ ހޯދުން ކުރިއަށް ގެންދަނީ ޕީޖީ އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީހުންކަން ޝަމީމް، ފާހަގަކުރެއްވި އެވެ. އޭޖީ އޮފީހުން ގެންދަނީ، ހިޔާނާތުގައި އެކި ފަރާތްތަކަށް ނުއަގުގައި ދޫކޮށްފައިވާ ރަށްތަކުން ގެއްލުނު ފައިސާ ހޯދުމެވެ.
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު: ޚިޔާނާތުން މަންފާވި ގިނަ މީހުންގެ މައުލޫމާތު ތަހުގީގަށް އޭނާ ވަނީ ކިޔައިދެއްވާފައި. --ފޮޓޯ/މިހާރު
ޝަމީމް ވިދާޅުވީ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ އަކީ ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް ހުންނެވިއިރު އަދީބާ އެކު ދައުލަތުން އެއްބަސްވެފައިވާ ވަރު ކަމަށެވެ. އަދަދަށް ބަދަލު ނުގެނައި ސަބަބަކީ، ވަރަށް އާދަޔާ ޚިލާފު ބޮޑު ބޭއިންސާފެއް ހިނގާފައި އޮތިއްޔާ ނޫނީ، ކުރީގެ ޕީޖީގެ ނިންމެވުން ބަދަލުނުކުރާ އުސޫލް އޭނާ ގެންގުޅުއްވާތީ ކަމަށް ޝަމީމް ވިދާޅުވި އެވެ.
ދައުލަތުގެ އިދާރާތަކުގައި ލިޔެކިއުމުން ފެންނަން ހުންނަ ނިންމުންތައް ބަދަލުކުރުމުގެ އާދަ އަށަގެންނެވުމަށް ތާއީދު ނުކުރައްވާ ކަމަށް ޝަމީމް ވިދާޅުވެ އެވެ.
އޭނާ ބަދަލުކުރައްވަފާނެ މައްސަލައަކުން މިސާލެއް ނަންގަވަމުން ވިދާޅުވީ މުޅިން ގޯސްކޮށް ހިންގާފައި އޮތް އިޖުރާއަތެއްގެ ތެރެއިން 17 އަހަރުގެ ކުއްޖަކު ޖަލަށް ލާފައި ހުއްޓައި އެ ހުކުމް އިސްތިއުނާފް ނުކުރަން ކުރިން ނިންމާފައި އޮތް އާދަޔާޚިލާފު ނިންމުމެއް ބަދަލުކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި، ހުކުމާއި އިޖުރާއަތު ގޯސްކޮށް އޮވެ ވަރަށް ބޮޑު ބޭއިންސާފަކަށް ވާނެތީ އެވެ.
"ބަންދުގެ މުއްދަތަށް ވެސް، 20 އަހަރުގެ އަދަބަށް ވެސް، ޖޫރިމަނާއަށް ވެސް ގޮތްތަކެއް ޕީޖީ [ބިޝާމް] ނިންމާވާފައި އޮތީ. ޕީޖީ އަށް އެނގިވަޑައިގަންނަވާ ގާނޫނުގައި ހުރި އަދަބުތައް ވެސް ރޭންޖް ވެސް. މަގާމާ ހަވާލުވެވަޑައިގެން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވެސް އަޅުގަނޑު ދެންނެވިން 800 އަހަރަށް ޖަލަށް ލެވެން އެބައޮތޭ. އަޅުގަނޑު އުއްމީދުކުރީ އަދީބު އެއްބަސްވުމާ އެއްގޮތަށް ނުދާނެ ކަމަށް،" ޝަމީމް ވިދާޅުވި އެވެ.
އެއްބަސްވުމަށް ބަދަލު ގެނެސް މިހާރަށް ވުރެން ވެސް ލުއި ގޮތެއް ހައިދޭން އަދީބު ހުށަހެޅުއްވި އެވެ. ތަހުގީގަށް އަދި ދައުލަތަށް ގެއްލުނު ފައިސާ ހޯދައިދޭން އެއްބާރުލުން ދެއްވާ ގޮތެއްގެ މައްޗަށް ބަލައި އެއްބަސްވުމަށް ބަދަލު ގެނެވިދާނެ ކަމަށް އަދީބަށް ދެންނެވިޔަސް ޕީޖީ އޮފީހުން އެ ބަދަލެއް ނުގެނެ އެވެ.
"އެކަމަކު މިހިސާބަށް އައިއިރު އެގޮތަށް ދެވޭނެ ސަބަބެއް ނެތީ، އެެހެންވީމަ އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ގެންދިޔައީ،" ޕީޖީ ވިދާޅުވި އެވެ.
އެއްބާރުލުން ދެއްވަން ޝަރުތުކޮށް، ދެ މިލިއަނަކީ އެއްބަސްވުމުގައި ހިމަނަން އަދީބު އެދިވަޑައިގަތް އަދަދު ކަމަށް ކުރާ ތުހުމަތަށް ބާރުދޭނެ، ލިއުމެއް ފެނިވަޑައިނުގަންނަވާ ކަމަށް ޕީޖީ ވިދާޅުވި އެވެ. އިއުތިރާފްގެ އެއްބަސްވުން ހެދިއިރު ދައުލަތުން ހުށަހެޅީ ބޮޑު އަދަދެއްގެ ޖޫރިމަނާއެއް ކަަމަށްވެ އެވެ.
އަލްޖަޒީރާ އިން ރާއްޖެއާ ގުޅޭގޮތުން ތައްޔާރުކުރި ޑޮކިއުމެންޓްރީގެ ޓްރެއިލާއަކުން ނަގާފައިވާ ސްކްރީން ޝޮޓެއް.
ޝަމީމް ވިދާޅުވި ގޮތުގައި، އަދީބާ އެކު އެއްބަސްވުން ހެދުމާ ގުޅޭ ލިއުމެއް އަދި އެކަމާ ގުޅޭ މައުލޫމާތެއް އެ އޮފީހުގެ މުވަޒަފަކަށް ވެސް ނޭނގެ އެވެ. މުވައްޒަފުންގެ މާބޮޑު ބައިވެރިވުމެއް ނެތި ގިނިކަންޏާ ނިންމުންތައް ނިންމަވާ ގޮތަށް ކުރީގެ ޕީޖީ އޮފީސް ހިންގަވަމުން އަޔަސް މަގާމާ ހަވާލުވެވަޑައިގެން އެ ސަގާފަތަށް ބަދަލެއް ގެންނަވާފައިވާ ކަމުގެ ޔަގީންކަން ޝަމީމް ދެއްވި އެވެ.
"ދައުލަތުގެ ބޮޑު ސިއްރަކާ ބެހޭ ކަމެއްގައި ނޫނީ، ރަސްމީ ބައްދަލުވުންތައް، މި އޮފީހުގެ އެހެން މީހަކާ ނުލައި ބައްދަލު ނުކުރާ ގޮތަށް އަޅުގަނޑު ނިންމީ،" އޭނާ ވިދާޅުވި އެވެ.
ދެ މިލިއަނަށް ވުރެން ބޮޑުކޮށް އެއްބަސް ނުވީތޯ ނުވަތަ އެކަން ދިޔަ ގޮތެއް ލިޔެކިޔުމަކުން ފެންނަން ނެތުމުން، އެކަން އެނގިވަޑައިގަންނަވާނީ، ޝަމީމް ވިދާޅުވި ގޮތުގައި، ކުރީގެ ޕީޖީ ބިޝާމަށެވެ.
އަދީބު ދައްކަންޖެހޭ ދެ މިލިއަން ރުފިޔާ އަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ގެއްލިގެން ރިކަވާކުރާ ފައިސާއެއް ނޫން ކަމާއި އެއީ އަދަބުގެ ބައެއްކަން ޝަމީމް ފާހަގަކުރެއްވި އެވެ.
"އެއްބަސްވުމުގައި އެބަ އޮވޭ، ފައިސާ ރިކަވާކުރާނެ ގޮތުގެ ވާހަކަ. އެއްބަސްވުމުގައި މީގެ ފަހުން ވެސް އަދީބުގެ އަތުން އެއްޗެއް ފެނުނަސް ދައުލަތަށް ނެގޭނެއޭ. މާނަ އަކީ އަދި ކުރިއަށް ތަހުގީގުދާއިރު އިތުރު އެސެޓެއް (މިސާލަކަށް އެޕާޓްމެންޓެއް)، މީހަކަށް ދީފައި ހުރި އެއްޗެއް ފެނުނީ. އެހެންވެއްޖިއްޔާ އެ ވެސް ދައުލަތަށް ނެގޭނެއޭ އެއްބަސްވުމުގައި އޮވޭ،" ޝަމީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެން އެ ޕްރޮސެސް ފަށާނީ. އެކަމަކު ހުކުމެއް ނެތީހެއް އެކަން ނުފެށޭނެ، ވަގުތު ބޭނުންވާނެ އެކަން ކުރަން."
ތަފްސީލްކޮށްދެއްވަމުން ޝަމީމް ޔަގީންކަން ދެއްވި ގޮތުގައި، ކުރިއަށް އޮތް ތަނުގައި، ތަހުގީގަށް ފެންނަ ހުރިހާ އެސެޓެއް ވެސް ދައުލަތަށް ނެގޭނެ އެވެ. ދެން ފަށަން އޮތީ އެ މަރުހަލާ ކަމަށް ވިދާޅުވި އެވެ.
"އެއްބަސްވުމާ އެއްގޮތަށް، އަދީބު މިހާރު ވެސް އެބަހުރި ބައިވަރު މީހުންގެ މައުލޫމާތު ދީފައި. ދެން އިތުރަށް ތަހުގީގު ކުރިއަށް ގެންގޮސް، އިތުރު މައުލޫމާތު ހޯދައިގެން ދައުވާ ކުރުމާ ހަމައަށް ގެންދާނެ،" ޝަމީމް ވިދާޅުވި އެވެ.
އަދީބާ އެކު ހެދި އިއުތިރާފްގެ އެއްބަސްވުމުން ދައުލަތަށް ގެއްލުމެއް ނެތް ކަމަށް ޕީޖީ އޮތް އިތުބާރަށް ބާރު ދެއްވަމުން ވިދާޅުވީ ޖިނާއީ މައްސަލައެއްގައި އެކަމެއް ހިނގި ދުވަހާއި ސުޕްރީމް ކޯޓުން ނިމުމާ ހަމައަށް ރާއްޖޭގައި އެވްރެޖްކޮށް 10 އަހަރު ހޭދަވިކަން ތަފާސްހިސާބުތަކުން އޮތީ ފެންނަން ކަމަށެވެ.
"އަދީބު އިއުތިރާފްވި ދުވަހުން ފެށިގެން ގޮސް މައްސަލަ ނިމުނު ދުވަހާ ހަމައަށް ވީ ފަސް ދުވަސް. މިސާލަކަށް މި ޕްރޮސެސް މިގޮތަށް ނުގެންދިޔަ ނަމަ އަދީބު އިންކާރު ކުރެއްވީ. އޭރަށް 70 ދައުވާކޮށް 800 އަހަރަށް ޖަލަށް ލާނެ. ކްރިމިނަލް ކޯޓުން އެކަން ނިންމަން މުއްދަތު ނަގާނެ،" ޝަމީމް ވިދާޅުވި އެވެ.
އިއުތިރާފްވި ހަތް ދައުވާ ނިންމަން ވެސް ތިން ގަޑިއިރު ހޭދަވިކަން ފާހަގަކުރެއްވި އެވެ.
ޕްލީ ބާގެއިނުން ނޫން ގޮތަށް ގެންދިޔަ ނަމަ ކޮންމެ ދައުވާއެއްގައި އިބްތިދާއީ އަޑުއެހުން ބާއްވައި ޝަރީއަތް ނިންމަން، ތިން، ހަތަރު އަހަރު ނަގާނެ ކަމަށް ޕީޖީ ލަފާކުރައްވަ އެވެ. އޭނާ ލަފާކުރައްވާ ގޮތުގައި، ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ވެސް 10 އަހަރު ހޭދަވާނެ އެވެ.
"އެހެންވީމަ އެ 10 އަހަރު އެސެޓްސްތަކުގައި ވެސް އަތް ނުލައި ތިބެން ޖެހޭނީ. އެއީ ޕްރޮސެސް ކޯޓުގައި ހިނގަމުން ދަންޏާ އެސެޓްސްގައި އަތެއް ނުލެވޭނެ. [ހިޔާތުގެ ފައިސާ އިން ގަތް] އެޕާޓްމެންޓްތަކާ އެއްޗެހި ޑީވެލިއުވާނެ. އެހެންވީމާ ކޮބާހޭ ދައުލަތަށް އޮތް ފައިދާ،" ޝަމީމް ސުވާލު އުފެއްދެވި އެވެ.
އެމްއެމްޕީއާރުސީ ޚިޔާނާތުގައި، ނުއަގުގައި ރަށްތައް ނަގައިގެން ރިސޯޓް ހަދަން އުޅުނު ކުންފުނިތަކުގެ ތެރޭގައި، ވިޔަފާރީގައި ރާއްޖޭގެ ނުފޫޒު ގަދަ ކުންފުނިތައް ހިމެނެ އެވެ. އެކަމަކު ނުފޫޒެއް ނުފޯރުވޭ ގޮތަށް، މައްސަލަތައް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ޝަމީމް ދެއްވި އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީޝާ
09 October 2020
ދިވެިހި ދައުލަތަށް ގެއްލޭ އެއްޗެއް މިހިސާބަށް ރިކަވަރ ކޮށް ހޯދިފަނެތް ވެދިިޔަތަނުގަ އޭރުވެސް މިހާރުވެސް ތިބީ ހަމަ އެއްބައެއް އޭރު މައުމޫނު މިއަދު އެމީހުންގެ ދަރިވަރުން ކޮބާ އެފްޑީއައި މައްސަލަ ކޮބާ އެއާމޯލްދިވްސް ކޮބާ ނެޝަނަލް ޝިޕިންލައިން މިހެން ގޮސް ކިތައްމެކަމެއް....... ވާނީ ހަމައެކައްޗެއް
ޖަލީލް
09 October 2020
އަދީބު ތިޔަ ހުރިހާ ގަޑެއްގަތް އިރު ކޮބާހޭ އެމްއެމްއޭ ގެ ގަވަރުނަރ ޢާޒިމާ ހަމަ ހުދު ކާފޫރަށް ވީހޭ.
Juhaa
09 October 2020
އެމް.އެމް.އޭގެ ގަވަރުނަރަކަށް ޢާޒިމާ ކިޔާ މީހަކު ނުހުރޭ. ޢަޒީމާ ކިޔާ މީހަކު ހުރީ.
ޞާފިނާ
08 October 2020
ހޯދޭތޯ އަދު ހޯދިމޭ ނުވާނެ ތިކަމެއް
މޫސަ
08 October 2020
ހުސްފޮނި.ވާކަމެއްނެއް. ފައިބާ ގެއައްދޭ
ކުދުބެއްޔާ
08 October 2020
އަދީބުގެ އެއްބަސްވުމުން ފައިސާ ލިބޭނެކަން ޔަގީން، އަދި ކޮންމެވެސް ބަޔަކަށް މިހާރުވެސް ވާނީ ފައިސާ ލިބިފައި، މައްސަލައަކީ ދައުލަތުން ގެއްލުނު ފައިސާ ދައުލަތައް ލިބެންޖެހޭއިރު އެފައިސާ އަނެއްކާވެސް އެހެން ބައެއްގެ ޖީބައް ލިބުމަށް ޑީލް ހެދީމާ
އެހެންނާ
08 October 2020
ބޭރުގެ ކޮންމެވެސް ތަނެއްގައި ފުދޭވަރަކަށް ބަހައްޓާފަ ހުރީމަތަ ހޯދަދެވޭނެކަމުގެ ޔަގީންކަން ތިޔަ ދެނީ؟
ޓިނު
08 October 2020
ތި ކަޑާފޮނީގެ ހުރިވަރެއް އެގިދާނެތާ
ވަހީދުއްދީން
08 October 2020
ކީކޭ ދެން ބުނާނީ. މަގޭ ފޯނު ވަގަށް ގެންދިޔަތާ 30 މިނިޓުވެސް ނުވަނީސް ވަގުކަލޭ ހައްޔަރު ކުރި. އެކަމަކު ފޯނު ވިއްކާލައިފި އެއިރު 500 ރުފިޔާއަށް. ފޯނަކީ 6000 ރުފިޔާގެ ފޯނެއް. އަދި ވެސް ފޯނެއް ނުފެނޭ.
ޝައިނީ
08 October 2020
ދުވެގެން ނޫނީ ފަތައިގެން ތިކަން ކުރެވެންޏާ ޤަބޫލު ކުރާނަށް.
ޒިންދަގީ
08 October 2020
އެންމެ ފައިސާ ފޮއްޗެއްވެސް ދައުލަތަށް ލިބިއްޖެއްޔާ ރަގަޅު.. ތިޔަބުނާ ވަގުފައިސާއިން މަންފާ ނަގައިގެން ޑީލުހަދައިގެން ނުވަތަ ފިތިގެން ނުވަތަ މަޖުބޫރުވެގެންވިއަސް ތިފައިސާ ބޭނުން ނުކުރާ ސިޔާސީ މީހަކު، އިދިކޮޅުގަވެސް އަދި ސަރުކާރުވެސް ވަރަށް މަދުކަން ދިވެހިން ދަންނާނެ.. އެހެންވީމަ ތިކަހަލަ ބޭކާރު ވާހަކަ ޕީޖީވެސް ނުދައްކާ، ދިވެހި ފައިސާގެ އަގު ހިފަހައްޓަން ގާނޫނީ ގޮތުން ކޮށްދެވޭނެ ކަމެއް މިވަގުތަށް އޮތްތޯބަލާ އެކަމެއް ކޮށްދެއްވާ..
ވަތަން-
11 October 2020
އެންމެ ފައިސާ ފޮއްޗެއްހޯދަންތޯ ރައްޔިތުންނަށް ވައުދުވީ. އިސްތިއުފާދީފާ އަވަހަށް ގެއަށް ވަޑައިގަންނަވާ. ފޭލިވެފަ ތިޔަތިބީ. މުޅި ގައުމު އިނދަޖެހިއްޖެ. ހިންގަން ނޭނގިގެން މިހެންމިވީ. އިންޑިޔާ ސިފައިންގެ ބާރުގައެއްނޫން ގައުމު ހިންގަންޖެހޭނީކީ.