އެޗްޕީއޭގެ ރައްދު:ހިދުމަތް ދެނީ އޯގާތެރިކޮށް

ކޮވިޑަށް ޓެސްޓްކުރުމާއި އެނޫން ހިދުމަތްތައް ވެސް ދެނީ އޯގާތެރިކޮށް ކަމަށް ބުނެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަނަށް މިރޭ ރައްދު ދީފި އެވެ.


ކޮވިޑަށް ޓެސްޓްކުރަން ސާމްޕަލް ނެގި މީހަކަށް އިކްރާމް ހަމަލާދިން ކަމަށް ފެތުރުނު ވާހަކަ ދޮގު ކުރައްވައި އޭނާ މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ސާމްޕަލް ނެގި މީހާގެ އަތް ދުރުކޮށްލެއްވީ ތަދުވެގެން ކަމަށާއި އެހާ އަނިޔާވެރިކޮށް ސާމްޕަލް ނަގަން މީހުން ބައިތިއްބައިގެން ނުވާނެ ކަމަށެވެ.

އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރު އިކްރާމް މާފަންނު މަދަރުސާގައި ކޮވިޑް-19 ޓެސްޓް ކުރަން ސާމްޕަލް ނަގާ މީހަކަށް ހަމަލާދިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި އޭނާއަށް ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. އަދި އެ މައްސަލަ މިހާރު ފުލުހުން ވެސް ދަނީ ބަލަމުންނެވެ.

އިކްރާމްގެ ނަން ނުގެނެސް އޭނާ އަށް ރައްދުދީ އެޗްޕީއޭ އިން މިރޭ ނެރުނު ބަޔާނުގައި ބުނީ ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ދެމުން އަންނަ ހިދުމަތަކީ ޕްރޮފެޝަނަލް މިންގަނޑުތަކާ އެއްގޮތަށް ދޭ ހިދުމަތެެއް ކަމަށާއި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރާއި އެހެނިހެން މަރުކަޒުތަކުގައި ވެސް ހިދުމަތް ދެނީ އެގޮތަށް ކަމަށެވެ. ހިދުމަތްތައް ދެނީ އާއްމުން ކަންބޮޑުވާ ކަންތައްތައްތަކަށް ވެސް އިޖާބަދީގެން ކަމަށާއި ކަންތައްތައް އޮޅުންފިލުވައިދީގެން ކަމަށެވެ.

"...މި މަސައްކަތުގައި ސިއްހީ ހިދުމަތްތެރިންނާއި ވޮލަންޓިއަރުން ރެއާއި ދުވާލު މަސައްކަތްކުރަމުން ދަނީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީގެން ފޯރުކޮށްދޭ ހިދުމަތް ދިނުމުގައި އަމަލުކުރުމަށް ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އޯގާތެރިކަމާއި އެކުގައި ކަމަށް ދަންނަވަމެވެ،" އެޗްޕީއޭގެ ބަޔާނުގައި ބުންޏެވެ.

ކޮވިޑް ކޮންޓްރޯލްކުރަން ކުރާ މަސައްކަތުގައި ސިއްހީ ހިދުމަތްތެރިންނައި ވޮލަންޓިއަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަަވަރުކުރާނެ ކަމަށާއި އެކަމުގައި އާއްްމު ރައްޔިތުންނާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ އެހީތެރިކަން ދޭން އެޗްޕީއޭގެ ބަޔާނުގައި އެދިފައިވެ އެވެ.