ހައިތަމް އާއި އަނބިކަނބަލުން ޝަޖާން ކައިވެނީގެ ރަސްމިއްޔާތުގައި.
16 އޮކްޓޯބަރ 2020 - 15:21
ކައިވެނީގެ ރަނަކީ ހަ ލައްކަ ރުފިޔާ ނަމަ، އެއީ މައްސަލައެއް ހެއްޔެވެ؟
ކައިވެނިކުރާ އަންހެންމީހާ ބޭނުން އަދަދަކުން ރަން ކިއުމުގެ ހުއްދަ އިސްލާމްދީނުގައި އޮންނަ ކަން ހަނދާން ނައްތާލައި، "އަގު ބޮޑު ރަނެއް" ކަމުގެ ފާޑުކިއުންތައް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމްގެ ދެކަނބަލުންނަށް އަމާޒުވީ އެވެ. ސޯޝަލް މީޑިއާގައި، ދެކަނބަލުންގެ ކައިވެނީގެ ހަފުލާ އާއި ރަނުގެ ފޮޓޯ އާއްމުކޮށް، ޒާތީ ދިރިއުޅުމާ ބެހިގަތީ އެވެ.
އާއްމުވި ފޮޓޯގައި، ހައިތަމްގެ އަނބިކަނބަލުން ޝަޖާން މުއާޒް ޝަހީމް ރަންކިއުއްވި އަދަދުގެ ގޮތުގައި އޮތީ، 614،520ރ. އެވެ. އެކަމަކު އެ އަދަދު ޖަހާފައި އޮތަސް ރަންކިއުއްވީ ފައިސާއަކަށް ނޫނެވެ. އާއިލީ ގޮތުން ވާރުތަވި ގާތްގަނޑަކަށް 120 އަހަރު ވީ ރިހި ފައްޓަރަކަށެވެ.
ކައިވެނީގެ ރަނުގެ ގޮތުގައި ހައިތަމް ޝަޖާން އަށް ދިން ފައްޓަރު
ހައިތަމް އާއި އަނބިކަނބަލުން ޝަޖާން "މިހާރު"އަށް ވިދާޅުވި ގޮތުގައި، ރަނުގެ ގޮތުގައި އަދަދެއް ޖައްސަވަން ޖެހިވަޑައިގަތީ، ފައްޓަރުގެ އަގުމަގުކޮށް، ފައިސާގެ އަދަދު ޖަހަން ކޯޓުން އެދުމުންނެވެ. ކައިވެނީގެ ފޯމު ލެއްވި ފަހުން، ކޯޓުން އެގޮތަށް އެދުމުން އޭގެ އަގުކުރެވޭނެ ގޮތެއް ބެއްލެވި އިރު، އެނގިވަޑައިގަތީ ރާއްޖޭގެ ހެރިޓޭޖް މިނިސްޓްރީން ވެސް އެފަދަ ގަދީމީ ތަކެތި އަގުކުރެވޭނެ ގޮތެއް ހަމަޖެހިފައި އަދި ނެތް ކަމެވެ. އެކަމަކު، 75 އަހަރު ވީ ތަކެއްޗަކީ އާސާރީ ތަކެތި ގޮތުގައި ބަލައިގަންނަ ގޮތަށް ގާނޫނުގައި ވަނީ ކަނޑައަޅައިފަ އެވެ.
ފައްޓަރާއި އުޅާބައި ހައިތަމަށް ދާދި ފަހުން ހަދިޔާކުރެއްވީ އޭނާގެ މަންމަ އެވެ. ހައިތަމްގެ މާމަގެ ފަރާތުން މަންމައަށް ވާރުތަވި އެ ގަހަނާތައް އަނބިކަނބަލުންނަށް ދެއްވަން ބޭނުންވީ ގަދީމީ ތަކެއްޗާއި ތާރީޚާއި ސަގާފީ ކަންކަމަށް ލޯބިކުރައްވާތީ ކަމަށް ހައިތަމް ވިދާޅުވި އެވެ.
"ރަނުގެ ގޮތުގައި ދިނީ ފައްޓަރު އެކަނި. ދެން ވަކިން ރަނާ އެއާ އެއްކޮށް އުޅާބައެއް ދިނީ. އާސާރީ ތަކެތި އަގުކުރާ ރާއްޖެއިން ބޭރުގެ ބަޔަކާ ހަވާލުކޮށްގެން އަގުކުރިއިރު 1.2 މިލިއަން ރުފިޔާ އަރާ. ފޯމުގައި، އަދަދެއް ޖަހަން ޖެހޭތީ، ޝަޖާން ޖެހި އަދަދެއް [ހަ ލައްކަ ރުފިޔާ] އެއީ،" ހައިތަމް ވިދާޅުވި އެވެ.
އަންހެނުން ކިއުއްވި ރަނުގެ އަދަދާ މެދު ހައިތަމް ފަޚުރުވެރިވެވަޑައިގަނެ އެވެ.
އޭނާ ގަބޫލުކުރައްވާ ގޮތުގައި، ރަނުގެ ގޮތުގައި ބޭނުން އަގެއް ކިއުއްވުމަކީ އަނބިކަނބަލުންނަށް އޮތް ހައްގެކެވެ. އެކަމުގައި އޭނާއާ މަޝްވަރާކޮށް، އަދަދު ކުޑަކުރައްވާނީތޯ ނުވަތަ ބޮޑުކުރައްވާނީތޯ ވިސްނަވާކަށް ވެސް ނުޖެހެ އެވެ.
"ދެ މީހުން މަޝްވަރާކޮށްފައި ބޭނުން އަދަދެއް ކިޔާނީއޭ. މާ ބޮޑު ވެއްޖިއްޔާ ކުޑަކުރާނީއޭ. މިގޮތަށް ޑިސްކަސްކުރުމަށް ވުރެން ވެސް ބޮޑަށް އެއީ އަންހެންމީހާގެ ހައްގެއް. އެ މީހަކު ބޭނުން އަދަދެއް ކިއުމުގެ އިޚްތިޔާރު، އެ ހައްގު އޮންނާނެ،" ހައިތަމް ވިދާޅުވި އެވެ.
ހައިތަމްގެ ދެކަނބަލުންގެ ކައިވެނީގެ ރަނަށް އަމާޒުވި ފާޑުކިއުންތަކަށް އިޝާރާތް ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ދީނީ އިލްމުވެރިޔާ އަނާރާ ނައީމް ވެސް ވަނީ، ރަނަށް ފާޑުކިއުމަކީ ރަނގަޅު ކަމެއް ނޫން ކަން ހަނދާންކޮށްދެއްވައިފަ އެވެ.
"ކައިވެނީގެ ރަނަކީ އަދި ރަނުގެ އަދަދު ކަނޑައެޅުމަކީ އިސްލާމްދީނުގައި އަންހެނާ އަށް ލިބިގެންވާ ހައްގެކެވެ. ނިންމުންތަކަށް ފާޑުކިއުމުގެ ބަދަލުގައި އިހްތިރާމްކުރުން މުހިއްމެވެ،" އަނާރާ، ޓުވީޓަކުން ވިދާޅުވި އެވެ.
ބޮޑުކޮށް ރަން ކިއުން މައްސަލައެއްގެ ގޮތަށް ދެކޭތީ "ދޯ" އިން ލިއުނު ރިޕޯޓަކަށް ދީނީ އިލްމުވެރިޔާ މޫސާ އަންވަރު ވިދާޅުވެފައި ވަނީ ރަން ކިއުމަށް ވަކި މިންވަރެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކައިވެނިކުރާ އަންހެން މީހާ ބޭނުން ކޮންމެ އަދަދަކުން އަދި ކޮންމެ އެއްޗަކުން ރަން ކިޔޭނެ ކަމަށާއި އެ ރަނަށް ފާޑުކިއުމުގެ ހައްގެއް އެއްވެސް މީހަކަށް ނޯންނާނެ އެވެ.
"ރަން ކިޔަން އަދަދެއް ކަނޑައެޅިފައެއް ނޯވޭ. އަންހެން މީހާ ބޭނުން އަދަދެއް ކީދާނެ. އެއް ލައްކަ ރުފިޔާ ވެސް ނުވަތަ އެއް މިލިއަން ރުފިޔާ ވެސް. ކޮންމެ ކަހަލަ ފައިސާއަކަށް ވެސް ކީދާނެ. ގޯތި ގެދޮރަށް ވެސް ކީދާނެ، އަންހެން މީހާ ބޭނުން ނަމަ،" މޫސާ އަންވަރު ވިދާޅުވި އެވެ.
ޝަޖާން ވިދާޅުވި ގޮތުގައި، އޭނާ އަށް މުހިއްމީ ހައިތަމްގެ މާމަގެ ފަރާތުން މަންމައަށް ވާރުތަވެ އޭނާއާ އަށް ލިބިވަޑައިގެންނެވި ފައްޓަރާއި އުޅާގެ އަގެއް ވެސް ނޫނެވެ. ވާރުތަވަމުން އައި އެ ލޯތްބެވެ.
"އެގޮތަށް އިންހެރިޓްވެފައި ހުންނަ އެއްޗެއްސަކީ މާ އަގެއް ހުރި އެއްޗެއްގެ ގޮތުގައި ނުދެކެވޭ ބައެއް ފަހަރަށް. އެކަމަކު ކައިވެނީގެ ހަފުލާގައި ހައިތަމް އަޅައިގެން އިން ޓައީއަކީ އަޅުގަނޑުގެ ކާފަގެ ޓައީއެއް. އަޅުގަނޑަށް ވަރަށް އަގު ހުރި އެއްޗިހި ވާރުތަވަމުން އަންނަ އެފަދަ ތަކެއްޗަކީ،" ޝަޖާން ވިދާޅުވި އެވެ.
ހައިތަމް އާއި އަނބިކަނބަލުން ޝަޖާން ކައިވެނީގެ ރަސްމިއްޔާތުގައި.
ހައިތަމްގެ މާލީ ބަޔާނުގައި، އޭނާގެ އަތުގައި އެހާ އަގުބޮޑު ގަހަނާތަކެއް ހުރި ކަމުގެ ވާހަކަ ނެތުމުން އެ ފާޑުކިއުން ވެސް ވަނީ އަމާޒުވެފަ އެވެ.
ހައިތަމް ވިދާޅުވީ މިދިޔަ އަހަރުގެ މާލީ ބަޔާން އާއްމުކުރައްވަން ޖެހެނީ މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން މި އަހަރުގެ މެއި މަހާ ހަމައަށް މިލްކިއްޔާތުގައި ހުރި މުދާ ހިމަނައިގެން ކަމަށެވެ. މަންމަގެ ފަރާތުން އޭނާ އަށް އަގުބޮޑު ގަހަނާތައް ވާރުތަވީ މެއިގެ ފަހުން، ކައިވެނީގެ ތައްޔާރީތަކުގެ ތެރެއިން ކަން އޭނާ ފާހަގަކުރެއްވި އެވެ.
އެހެންވެ، އަންނަ އަހަރު އޭނާގެ އަންހެނުންގެ މާލީ ބަޔާނުގައި 1.2 މިލިއަންގެ އަގު ހުރި ގަހަނާގެ ވާހަކަ އޮންނާނެ ކަމަށް ވިދާޅުވި އެވެ.
ހައިތަމް އެދިވަޑައިގަންނަނީ، ކޮންމެ މީހެއްގެ ވެސް ޒާތީ ދިރިއުޅުމަށް އިހްތިރާމް ކުރުމަށެވެ. އޭނާގެ އަނބިކަނބަލުން ރަން ކިއުއްވި އަދަދު، ހާމަކޮށް ފާޑުކިއަން ރަނުގެ ފޮޓޯ އާއްމުވި ގޮތާ މެދު އޭނާ ކަންބޮޑުވެވަޑައިގަންނަވަ އެވެ.
"އަޅުގަނޑުމެން ދެ މީހުން އަދި އާއިލާގެ އެއްވެސް މީހެއްގެ ފަރާތަކުން ނޫން އެ އާއްމުވީ. ކޮންމެވެސް ގޮތަކުން ލީކުވީ. އަދި އެ އަދަދު އެނގުނަސް ރަނަށް ފާޑުކިއުން އެއީ ލިބިގެންވާ ހައްގެއް ނޫން. ބޭނުން އަދަދަކުން ރަން ކިއުމަކީ އިސްލާމްދީނުގައި އަންހެންމީހާ އަށް ލިބިގެންވާ ހައްގެއް،" ހައިތަމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހީމު
18 October 2020
ކަނބުލޯ މަށަށް ހީވަނީ 1.2 މިލިޔަނޭ ކިޔައިން ކޮންމެވެސް މީހަކު ކޮންމެވެސް ހިސާބަކުން ދޮގު ހަދާފަހެން ތިޔައޮތީ. އިހުގެ ރިހި ވިޔަސް އަދި މިހާރުގެ ރިހި ވިޔަސް ތިވަރުގެ ކުޑަ ރިހިކޮޅެއްގެ އަގު ތިޔަވަރަކަށް އަރައިގެނެއް ނުދާނެ. ހަގީގަތް އެނގޭ ދުވަހު ތީގެ އަގުވެސް އެނގޭނެ. ކަނބުލޮ ވިސްނައިގެން އުޅޭތި. ލޮލުގަ ވަރުގަދަ އަނދުނެއް އަޅުވާފަ ތިޔަހަރީ.
ޝަމްސުލް ހުދާ
18 October 2020
މިއީ ވަރަށް ރީތި ޒުވާން ޖޯޑެއް. ބަރަކާތް ލައްވާށި!
ނަޝީދު.
18 October 2020
ލާރި ލާރި ޔެސް ސަރ
ޕޕޕޕޕ
18 October 2020
ހިޓްކަމުން ދެދުވަސް ވާއިރަށް އޮންނާނީ ވަރިފަށުގަ.
ކަސީދާ
17 October 2020
ފޮނިކަން..
ޑޫބެ
17 October 2020
މީނަ މީސްމީހުންގެ ޒާތީ ކަންތަކާބެހި ހަޖޫހިޔާ، ލިޔެ ހެދިއިރު ހިތަކަށްނާރާ މިދުވަސްއައިސް މިފަދަ ހާލަތެއް މއދުވެރި ވެދާނެއެކޭ. ކުރީ ސަރުކާރުގަ އުޅުނު މީހެއް ، މެމމްބަރެް އޭނާގެ އަނމިމީހާއަށް 5ހާހެއްހާ ޑޮލަރުގެ އަގުހުރި ގަޑިއެއް ދިނުމުންވެސް ވީ ކަމަކަށް. މީނަ މީ އެވާހަކަ އެންމެ ދެއްކި އެކަކު.
އަބްދުއްالله
17 October 2020
ރަނުގެ ގޮތުގަ ރިހި ދެނީދޯ. ތިމަރައިގެ ގޮތުގަ ދަގަނޑު ވެސް ދެމުތަ؟
ޙަސަން އަޙްމަދު
18 October 2020
ތިމަރައިގެ ގޮތުގަ ދޭން ޖެހޭނީ ތިމަރަ ރަނުގެ ގޮތުގައި ރަން. ދިވެހި ބަހުގައި ރަނޭ ކިޔާނެ ކައިވެނިކުރާ އަންހެނަކަށް ފިރިމީހާ ދޭން ޖެހޭ އަގުކުރެވޭ އެއްޗަކަށް. އެއެއްޗަކީ ދަގަނޑު އަނގޮޓިއަކަށް ވިޔަސް ދިވެހިބަހުގަ އެޔަށް ކިޔާނީ ރަން
އުމަރުބެ
17 October 2020
މަ ހަނދާން އެބަހުރި ޓީވީއެމް އަށް އަރާ ތިބެގެން ހައިތަމް އާއި އޭނާގެ އެކުސް ވައިފް ކެނޑި ފޮނި
ކަލޯފުޅު
17 October 2020
ކޮމެންޓު ތަކައް ހުރިހާ ޑިސްލައިކް ދިނީ އަންހެނުންތައް
ނާމްދި ކާނޫ
17 October 2020
ވެރީ ބޯރިންގް އާރޓިކަލް! ސޮރީ!!