ކޮވިޑް-19 އަށް 41 މީހަކު ޕޮޒިޓިވްވެއްޖެ

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކޮވިޑް-19 އަށް 41 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.


ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދު ހަވީރު 6:00 އާ ހަމައަށް ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 37 ދިވެހިންނާއި ހަތަރު ބިދޭސީން ކަމަށެވެ. އޭގެ ތެރެއިން ހަތް މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ރަށްރަށުން ނުވަތަ ރިސޯޓުތަކުންނެވެ.

އެޗްޕީއޭ އިން މިރޭ ކުރި ޓްވީޓެއް

ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 11،154 އާ ހަމައަށް އަރާފައިވާ އިރު، މި ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަނީ 1،117 މީހުންނެވެ. 115 މީހަކު ކޮވިޑުން ރަނގަޅުވެފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

މާލޭގެ އިތުރުން 20 ރަށެއްގަ އާއި 19 ރިސޯޓެއްގައި ކޮވިޑްގެ އެކްޓިވް ކޭސް މިވަގުތު ހުރިކަމަށް އެޗްޕީއޭ އިން ބުންޏެވެ. އޭގެ ތެރޭގައި 15 ޓޫރިސްޓުންނާއި 25 ރިސޯޓު މަސައްކަތްތެރިން ހިމެނެ އެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް މަރުވެފައި ވަނީ 35 މީހުންނެވެ.

މީގެ އިތުރުން ކޮވިޑް އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ސަރުކާރުން ވަނީ މިރޭ ލުއި ވެސް ދީފަ އެވެ. މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާ ވަގުތުތައް މިހާރު ވަނީ ރޭގަނޑު 11:00 އިން ފަތިހު 4:00 އަށް ބަދަލުކޮށްފަ އެވެ. މީގެ ކުރިން ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އާ ހަމައަށް ވެހިކަލް ދުއްވުން މަނަލެވެ.