ތަރުކާރީ އާއި މޭވާ ވިއްކާ ހުރިހާ ތަނެއް ރަޖިސްޓްރީކުރަން އަންގައިފި

ތަރުކާރީ އާއި މޭވާ ވިއްކާ ހުރިހާ ތަނެއް ރަޖިސްޓްރީކޮށްގެން ހިންގަން ޖެހޭ ގަވާއިދަށް އަމަލުކުރަން ފަށައިފި އެވެ.


އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން އެ ގަވާއިދަށް އަމަލުކުރަން ފަށައިފައިވާ ކަމަށެވެ. އެފަދަ ވިޔަފާރިތައް އޮންލައިންކޮށް މިނިސްޓްރީގައި ރަޖިސްޓްރީވުމަށް މިނިސްޓްރީން އަންގާފައިވެ އެވެ. އަދި މިހާރު ހިންގަމުންދާ ވިޔަފާރިތައް ރަޖިސްޓްރީވުމަށް އެއް މަހުގެ މުއްދަތެއް ވެސް ދީފައި ވެއެވެ.

މާރުކޭޓުގައި ބިދޭސީންނަށް ގޮޅިތައް ނުހިންގޭ ގޮތަށް ގަވާއިދު ހަދައި އަމަލުކުރަން ފެށި ހިސާބުން މާލެ ތެރޭގެ އެކި ސަރަހައްދުތަކުގައި ބިދޭސީން ވަނީ ވިޔަފާރި ގޮޅިގޮޅި ހަދައިގެން މަސައްކަތް ފަށައިފަ އެވެ. އިކޮނޮމިކް މިނިސްޓްރީން ހެދި މި ގަވާއިދަކީ އެފަދަ ކަންކަން ހުއްޓުވުމަށް ހަދާފައިވާ ގަވާއިދެކެވެ.

އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފައިވާ އެ ގަވާއިދު ބުނާގޮތުން، ރެޖިސްޓްރީ ނުކޮށް ހިންގާ ކޮންމެ ތަނެއް ވެސް 10،000ރ. އިން ޖޫރިމަނާކުރާނެ އެވެ. އަދި ގަވާއިދުގައި އެއިން ކޮންމެ ތަނެއްގައި ހުންނަން ޖެހޭ ވަކި ޝަރުތުތަކެއް ހިމަނާފައިވާއިރު އެއިން ކަމެއް އުނިވާ ނަމަވެސް 5،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.

އެގޮތުން އެތަނެއްގެ ނަން ބޯޑު ބޭރަށް ފެންނަން ހުރުމާއި ކަސްޓަމަރުން މަގުމަތީގައި ތިބެގެން ވިޔަފާރި ކުރަން ނުޖެހުން އަދި ވައި ދައުރުވާ ތަނަކަށް ވުމާއި މުދަލުގެ އަގު ފެންނަހެން ބަހައްޓާފައި ހުރި ތަނަކަށް ވާން ޖެހެ އެވެ.

މިނިސްޓްރީގައި އެ ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވޭނީ އެ ވިޔަފާރި ހިންގާ އިމާރާތުގައި އެކަން ކުރުމަށް ކައުންސިލުން ދޭ ހުއްދަ އޮތުމުންނެވެ. އަދި އެ ހުއްދަ މިހާރު ވެސް އޮތް ތަނެއް ނަމަ ވިޔަފާރިކުރުމަށް ބޭނުންވާ ޝަރުތުތައް ފުރިހަމަވޭތޯ ކައުންސިލުން ބަލާނެ ކަމަށް ވެސް އިއުލާނުގައި ވެއެވެ.

އެފަދަ ތަންތަނުގައި ވަޒީފާ އަދާކުރެވޭނީ ރާއްޖޭގައި ގަވާއިދުން އުޅޭ ބިދޭސީންނަށް ކަމަށް ވެސް މިނިސްޓްރީން އާންމުކުރި ގަވާއިދުގައި ބުނެފައި ވެއެވެ.