އިދިކޮޅު އިސް ބޭފުޅުންގެ ކޮރަޕްޝަން ތަހުގީގު އެބަ ހިނގާ: އާޒިމް

މި ވެރިކަމާ އެކު އިންޑިއާއާ ބަދަހިވި ގުޅުމަށް އަމާޒުކޮށް "އިންޑިއާ އައުޓް" ގޮވުމުގައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ކުރީ ސަފުގައި ތިއްބެވި ބޭފުޅުންގެ މަގްސަދަކީ ކޮރަޕްޝަންގެ ތުހުމަތުން ސަލާމަތްވުން ކަމަށް ވިދާޅުވެ، ބައެއް ބޭފުޅުންގެ ނަންތައް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މިއަދު އާއްމުކުރައްވައިފި އެވެ.


އެމްޑީޕީން ނެރޭ ޚަބަރު ސިޓީ އަށް "ތިޔަ ފަރިހި ބާވެއްޖެ" ނަމުގައި ލިއުއްވި ލިއުމުގައި އާޒިމް ވިދާޅުވީ އިންޑިއާ އިން ރާއްޖެ ހިފަން ނޫޅޭ ކަމަށާއި އިދިކޮޅުގެ ކެމްޕޭންގެ ފަހަތުގައި އޮތީ މުޅިން އެހެން މަގްސަދެއް ކަމަށެވެ. އެއީ، ސަރުކާރު ކޮންމެވެސް ގޮތަކުން ބަދަލުކޮށްލައި "ދައުވާ އައުޓް" ކޮށްލުމުގެ އުއްމީދު ކަމަށް ވިދާޅުވި އެވެ.

"އަމިއްލަ ޕާޓީގެ މެމްބަރުން ވެސް ގުނބޯ ހެއްދުމަށް ފަހު އިންޑިއާ އައުޓް ގޮވަން ކުރީ ސަފުގައި އެތުރިފައި ތިބި މީހުން ވިސްނާއިރު މީގެތެރެއިން ގިނަ މީހުންގެ ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ބޮޑެތި މައްސަލަތަކެއް މިހާރު ދަނީ ބެލެމުންނެވެ،" އާޒިމް ވިދާޅުވި އެވެ.

ހިޔާނާތުގެ ތަހުގީގު ކުރަމުން އަންނަ ކަމަށް ވިދާޅުވެ އާޒިމް އާއްމުކުރެއްވި ނަންތަކުގެ ތެރޭގައި އިދިކޮޅުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫނާއި ސްރީ ލަންކާގެ ކުރީގެ ސަފީރު މުހައްމަދު ހުސެއިން ޝަރީފާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމާއި ޖޭޕީ އަށް ބަދަލުވެވަޑައިގެން ތިއްބެވި ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ ތަމްސީލްކުރެއްވި ތިން މެމްބަރުން ކަމަށްވާ އަހްމަދު ނިހާނާއި އަލީ އާރިފާއި ރިޔާޒް ރަޝީދު ހިމެނިވަޑައިގަންނަވަ އެވެ.

އާޒިމް ވިދާޅުވި ގޮތުގައި މި ބޭފުޅުންގެ ތަހުގީގުތައް ކަމާބެހޭ އިދާރާތަކުން ކުރިއަށް އެބަ ގެންދެ އެވެ.

"މިކަމުން ސަލާމަތްވާން ވެގެން ގައުމު ހަލަބޮލިކޮށް، އެކުވެރި ގައުމުތަކާއި ރާއްޖެއާ ޖައްސައި، ވެރިކަމުގެ މިސްރާބު ބަދަލުކޮށްލެވޭތޯ މަރުފަލި ޖަހަނީ އެވެ. މިއުޅެނީ އިންޑިއާ އައުޓް ނުވެގެންނެއް ނޫނެވެ. މިއުޅެނީ ކުށް ސާބިތުވެ ޖަލުގެ ތޭރިތަކުގެ ތެރެއަށް އިން ވެދާނެތީ އެކަމާ ގަންނަ ބިރަކުންނެވެ،" އާޒިމް ވިދާޅުވި އެވެ.

ހިޔާނާތުގެ ތުހުމަތުތަކެއްކޮށް އިދިކޮޅު އިސް ސަފުގައި ތިއްބެވި ބޭފުޅުންގެ މައްސަލަތަކެއް ބަލަމުންދާ ކަަމަށް ވިދާޅުވެ އަލީ އާޒިމް ނަންތަކެއް އާއްމުކުރެއްވިއިރު، ތަހުގީގީ އެއްވެސް އިދާރާއަކުން މިހާތަނަށް ރަސްމީކޮށް މި ބޭފުޅުންނަށް ތުހުމަތުކޮށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކެއް ބަލަމުން އަންނަ ކަަމަށް އާއްމުކޮށްފައެއް ނުވެ އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ 267 މީހުންގެ ލިސްޓެއް އެކުލަވާލައި ތަހުގީގު ކުރަމުން އަންނައިރު، ފުލުހުންނާއި އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަންގެ ވިސްނުމަކީ މަންފާ ލިބިގެން ތަހުގީގުކުރާ މައްސަލަތަކުގައި ނަން އާއްމު ނުކުރުމެވެ.

އެ އިދާރާތައް ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ބުނެފައި ވަނީ، ކުރިން މަގާމެއް ފުރުއްވި ބޭފުޅަކަސް އަދި މިހާރު މަގާމުގައި ހުންނެވި ބޭފުޅަކު ނަމަވެސް ތަހުގީގުގައި ގާނޫނީ އިޖުރާއަތު ފުރިހަަމަކޮށްފައި ނޫނީ ނަން ހާމަކުރަން ގަސްތު ނުކުރާ ކަމަށެވެ.

ހިޔާނާތުގެ މަންފާ ލިބުނު ކަމަށް ފުލުހުން އާއްމުކުރި ލިސްޓުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.

މީގެތެރޭގައި އެމްޑީޕީގެ މެމްބަރުން ހިމެނޭކަމުގެ ތުހުމަތުތަކެއް އިދިކޮޅުން ކުރާއިރު، އެއާ ގުޅުވަނީ ބޭރު މީހުންނަށް ރާއްޖެ އިން ދިގު މުއްދަތަކަށް ބިން މިލްކުކުރެވޭ ގޮތަށް ދޫކޮށްލަން ޔާމީންގެ ސަރުކާރުގައި ގާނޫނުއަސާސީ އިސްލާހުކުރަން އުޅުމުން، ފްރީ ވިޕްލައިނެއް ނެރެ، ޕާޓީގެ މެމްބަރުން ބޭނުން ގޮތަކަށް ވޯޓުލާން ދޫކޮށްލުމެވެ.

އިންޑިއާ ކޮޅަށް ބުރަވެވަޑައިގެން، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ދިފާއުކުރައްވައި އާޒިމް ވިދާޅުވީ މައްސަލައަކަށްވީ ކުރީގެ ސަރުކާރުން ޗައިނާގެ "ގޮނޑި ކޮއްކޮ" އަކަށް ވީ ހިސާބުން ކަމަށެވެ. ޗައިނާ އެކު ކުރީގެ ސަރުކާރުން ސޮއިކުރި ފްރީ ޓްރޭޑް އެގްރިމެންޓާއި ސޮވަރިން ގެރެންޓީއާ ނުލައި ޗައިނާ އިން ލޯނު ނެގުމަށް ވެސް ފާޑުވިދާޅުވި އެވެ.

ދެން ވިދާޅުވީ މި ގައުމަށް އަތްގަދަކޮށް، ގައުމު ހިފައި މިލިޓަރީ ބޭސްއެއް ގާއިމްކުރަން އިންޑިއާ އިން ނޫޅޭ ކަމަށެވެ. އެއީ ނުވާނެ ކަމެއް ކަމަށާއި އިދިކޮޅުން ކުރަންވީ ކަމަކީ އަސާސެއް ނެތް ތުހުމަތު އެޅުވުން ހުއްޓާލައި ސަރުކާރު ޖަވާބުދާރީކުރުވުމުގެ ޒިންމާއަދާކުރުން ކަމަށް އާޒިމް ވިދާޅުވި އެވެ.

"ސަރުކާރު ގޯސްކަމެއް ކުރާ ނަމަ އެކަން ފާހަގަކުރާށެވެ. އެ ވާހަކަ ދައްކަވާށެވެ. އޭރުން ރައްޔިތުން ބަލައިގަންނަލެއް ބޮޑުވާނެ އެވެ." އާޒިމް ވިދާޅުވި އެވެ.

ހިޔާނާތާ ގުޅުވައި ތުހުމަތުތަކެއް ކުރިއިރު، 2015 ގައި ތަހުގީގު ފަށައި މި ސަރުކާރުގައި ވެސް ތަހުގީގު ދިގުދެމިގެން ގޮސްފައިވާ މި ޚިޔާނާތުގައި މިހާތަނަށް ދައުވާ އުފުލީ ޔާމީނާއި އަދީބުގެ އިތުރުން އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށެވެ.

މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް ހުރީ ދެ އަހަރު ވި އިރު ވެސް ތަހުގީގު ކުރުމުގެ މަރުހަލާގަ އެވެ. ވަރަށް އަވަހަށް އިތުރު ބައެއްގެ މައްޗަށް ދައުވާކުރަން މީގެ މަހެއްހާ ދުވަސް ކުރިން ފުލުހުންނާއި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ބުނެފައިވިޔަސް، އެ މުއްދަތަކަށް އެކަމެއް ކުރިއަކަށް ނުގެންދެވުނެވެ. އޭސީސީން އެންމެ ފަހުން ބުނެފައި ވަނީ އިސްކަމެއްދީގެން 30 މީހުންގެ މައްސަލައިގެ ތަހުގީގު ކުރިއަށް އެބަދާ ކަމަށެވެ. މިކަމުގައި ވަކި މަގާމެއްގައި ހުރުމަކުން ތަހުގީގަށް ނުފޫޒު ނުފޯރުވޭނެ ކަމުގެ ޔަގީންކަން ވެސް ކަމާބެހޭ އިދާރާތަކުން އޮތީ ދީފަ އެވެ.