ރައީސް ޔާމީން ފެކްޝަނުން ވަނީ ލޯކަލް އިންތިހާބުގެ ފޯމުތައް ވެސް ގެންގޮސްފައި: އަލީމް

ޕީޕީއެމްގެ އޮފީހުގައި ހުރި މުދާތައް ކޯޓު އަމުރެއް ނެތި ގަދަކަމުން، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ގެންދިޔައިރު، ކައުންސިލް އިންތިހާބުގައި ވާދަކުރަން ހުށަހަޅާފައިވާ ފޯމުތައް ވެސް ގެންގޮސްފައިވާ ކަމަށް ޕާޓީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމް ފެކްޝަނުގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް މިއަދު ވިދާޅުއްޖެ އެވެ.


ޕީޕީއެމް ދެ ބައިވެފައިވާ އިރު، ހ. ތެމާގައި ހުރި ޕާޓީގެ ރަސްމީ އޮފީސް ހިންގަމުން އައީ މައުމޫން ފެކްޝަނުންނެވެ.

އަލީމް ވިދާޅުވީ ލޯކަލް އިންތިހާބަށް ކުރިމަތިލާން އެދި 250 އަށް ވުރެ ގިނަ ފޯމު ޕާޓީގެ ރަސްމީ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ފޯމުތަކާ އެކު އާއްމު މެމްބަރުން ހުށަހެޅި ފައިސާ ވެސް ގެންގޮސްފައިވާ އިރު، ރައީސް ޔާމީން ފެކްޝަނުން ހިންގި އަމަލުގެ ސަބަބުން އިންތިހާބަށް ވާދަކުރަން ނިންމި އެތައް ބައެއްގެ ހައްގު ގެއްލިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިންތިހާބުގެ ކަންކަން ޕީޕީއެމްގެ އަސާސީ ގަވާއިދާ އެއްގޮތަށް އިންތިހާބާ ބެހޭ ކޮމެޓީން ކުރަނިކޮށް ގަދަކަމުން ފޯމުތައް ވެސް ގެންދިޔައީ. މިއީ އެތައް ބައެއްގެ ހައްގު ގެއްލުވައިލުން،" އަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ފެކްޝަނަށް ފޯމު ހުށަހަޅާފައިވާ ގިނަ ބަޔަކު އަމިއްލަ ގޮތުން ވާދަކުރަން ވަނީ ނިންމައިފަ އެވެ. އެކަން މައުމޫން ފެކްޝަނަށް އަންގަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ގުޅާފައި އެބަ އަންގާ އަމިއްލަ ގޮތުން ވާދަކުރާނެ ކަމަށް،" އަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކައުންސިލް އިންތިހާބުގައި ވާދަ ކުރަން ޕާޓީގެ ރަސްމީ އޮފީހަށް ފޯމު ހުށަހެޅި އެންމެންނަށް، މައުމޫންގެ ފުރިހަަމަ އެއްބާރުލެއްވުން ލިބޭނެ އެވެ. މައުމޫން އިސްވެ ހުންނަވައި އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ފުރުސަތު ނިގުޅައިގަތަސް އެ މަނިކުފާނު ހުންނެވީ ޕީޕީއެމުން ނިކުންނަވާ ކެންޑިޑޭޓުންނާ އެކު ކަމަށް އަލީމް ވިދާޅުވި އެވެ.

މައުމޫން ފެކްޝަނުން ކައުންސިލް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިޔައިރު ވެސް، އެ ފެކްޝަނަށް ހުށަހަޅާ ފޯމުތައް އިލެކްޝަނުން ބަލައި ނުގަންނާނެ ކަމަށް ރައީސް ޔާމީން ފެކްޝަނުން ވަނީ ބުނެފަ އެވެ.

ޕީޕީއެމް ތެރޭގައި އުފެދުނު މައްސަލަ ކޯޓަށް ވެއްދުމުން ސިވިލް ކޯޓުން ވަނީ ޕާޓީ ހިންގުން، މުސްތަޝާރު، ރައީސް ޔާމީނާ ހަވާލުކުރައްވައިފަ އެވެ. މި ހުކުމާ ގުޅިގެން، ޔާމީން ފެކްޝަނުން ވަނީ ޕާޓީގެ ރަސްމީ އޮފީހުގައި ހުރި ހުރިހާ މުދަލެއް ގެންގޮސްފަ އެވެ. އަދި ކައުންސިލް އިންތިހާބަށް ކެންޑިޑޭޓުން ނެރުމުގެ ކަންކަން ވެސް ދަރުބާރުގޭގައި ޔާމީން ފެކްޝަނުން ކުރިއަށް އެބަ ގެންދެ އެވެ.