ކަނޑިންމައިން މަރުވި ދ. މާ އެނބޫދޫ، އާދަމް ނަސީރު، ފުރަތަމަ އައީ އާދައިގެ ހުމެކެވެ. ޕެނަޑޯލް ކައިގެން މައިތިރިނުވެ ގިނަ ދުވަސްތަކެއްވެ، ވަސް ނުދުވުމާއި ރަހަ ނުލުން ފަދަ އަލާމާތްތައް ވެސް ފެނުނެވެ. މިއީ، ކޮވިޑް-19 އަށް ވެދާނެ ކަމުގެ ބިރާއެކު ފަރުވާ އަށް ރަށަށް ނުވަތަ މާލެ ފޮނުވައިދޭން ކަނޑިންމަ ރިސޯޓުގެ މެނޭޖްމަންޓުގައި އޭނާ އާދޭސްކުރި ކަމަށް އެކުގައި އުޅުނު ބައެއް މީހުން ބުންޏެވެ. އެކަމަކު، ގާތްގަނޑަކަށް 10 ދުވަސްވި އިރު ވެސް އެކަމުގައި ރިސޯޓުން ގޮތެއް ނުނިމި އޮއްވާ އާދަމް ނަސީރު، 60، ހާލު މާ ބޮޑަށް ސީރިއަސްވީ އެވެ.
ރިސޯޓުގެ ޑޮކްޓަރުގެ ލަފަޔާއެކު ދ. ކުޑަހުވަދޫ ހެލްތު ސެންޓަރަށް ގެންދިޔަތާ ގާތްގަނޑަކަށް ހަތަރު ގަޑިއިރު ފަހުން މަރުވީ އެވެ. ކޮވިޑުގެ އަލާމާތްތައް ހުރި ކަމަށް ކިޔައިދިން ވާހަކަތަކާ ގުޅިގެން އޭނާ ޓެސްޓްކުރިއިރު ޕޮޒިޓިވް އެވެ. އެއީ، ކޮވިޑުގެ 38 ވަނަ މަރުގެ ގޮތުގައި އެޗްޕީއޭ އިން ވަނީ ކަނޑައަޅައިފަ އެވެ.
އާއިލާ އާއި އެކުގައި މަސައްކަތް ކުރި ބައެއް މީހުން "މިހާރު"އަށް ކިޔައިދިން ގޮތުގައި، ހުން އަންނަން ފެށުމުން ރިސޯޓުގެ ޑޮކްޓަރަށް ދައްކައި، ގަވާއިދުން ޕެނަޑޯލް ނެގި އެވެ. ގަވާއިދުން ބޭސް ކަމުން ދިޔައިރު ވެސް ހުން ފިނި ނުވާތީ، ޓެސްޓް ހަދަން މާލެ ފޮނުވައިދޭން އޭނާ އެދުނެވެ. އެކަމަކު އެކަމަށް ޖަވާބެއް ނުލިބި ލަސްވުމުން އެކިފަހަރު މަތިން ކްލިނިކަށް ދެއްކި އެވެ.
"ބޭސް ކައިގެން ރަނގަޅެއް ނުވޭ. ފަހުން ކާ އެއްޗެހީގެ ރަހައެއް ނުލައޭ ބުނި، ވަހެއް ވެސް ނުދުވައޭ. އޭރު ވެސް އޭނަ ފޮނުވައިދޭން ބުނެފައި އޮތީ އެޗްއާރުގައި،" އެކަކު ބުންޏެވެ.
"ވަރަށް ހާލު ދެރަވި ދުވަހެއްގައި ބުނި، މިތަނުގައި [ރިސޯޓުގައި އުޅެނީ] އިންސާނުން ހެއްޔޭ؟ މިވަރަށް ކިޔާއިރު ވެސް އަޅައެއް ނުލިއޭ."
އާދަމް ނަސީރު އަބަދު ހީކަރުވާފައި ހުންނާތީ، ބައެއް މުވައްޒަފުން ވެސް އޭނާ ފަރުވާއަށް ފޮނުވައިދޭން އެޗްއާރުގައި އެދުނު ކަމަށް އެކަކު ބުންޏެވެ.
އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި، ހުން އަންނަ ވާހަކަ ބުނުމާއެކު، ރަށަށް އައުމަށް އެދުމުން، އެ ހުއްދައަށް މެނޭޖްމަންޓުގައި އެދިފައި އޮތް ވާހަކަ ބުންޏެވެ. ރިސޯޓުން ލިބެން ހުރި ބޭހުން އެއްވެސް ކަމެއް ނުވާތީ، އެދިގެން ރޯގާ ބޭސް ވެސް ފޮނުވައިދިން ކަމަށް އާއިލާ އިން ބުންޏެވެ.
"ކޮންމެ ފަހަރަކު ވެސް ބުނަނީ އެ މީހުން ފޮނުވީމައެއް ނޫންހޭ އާދެވޭނީ. އެ ރިސޯޓަށް ސީ ޕްލޭން ދަތުރުކުރޭ، ލޯންޗާއި ކާގޯ ފެރީ އޮވޭ. ނުފޮނުވެންވީ އެއްވެސް ސަބަބެއް ނެތް،" ހުސެއިންގެ ދަރިއަކު ބުންޏެވެ.
އޭނާ ބުނިގޮތުގައި ކަނޑިންމައިގައި ވަޒީފާ އަދާކުރާތާ 10 އަހަރުވެފައިވާ ބައްޕަގެ ހާލު ދެރަވެގެން ކުޑަހުވަދު އަށް ގެންގޮސް ފަރުވާދޭކަން އެންގީ ވެސް ރިސޯޓަކުން ނޫނެވެ. އެކުގައި ވަޒީފާ އަދާކުރާ މީހެކެވެ.
ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހުން ގަދަވެ ހާލު ދެރަ ކަމަށާއި ނޭވާލާން ވެސް އުނދަގޫ ކަމަށް އާއިލާ އިން ބުންޏެވެ. އާދަމް މަރުވީ ފަރުވާދެނިކޮށެވެ.
"ޑޮކްޓަރު ވިދާޅުވަނީ ހާޓްއެޓޭކެއް ކަމަށް. އަލާމާތްތައް ފެންނަތާ ދުވަސްވެފައިވާ ކަމަށް ބުނުމުން ކޮވިޑަށް ޓެސްޓްކުރީ މަރުވި ފަހުން،" އޭނާ ބުންޏެވެ.
"ވަރަށް ނިކަމެތިކޮށް ބައްޕައާ މެދު ކަންތައް ވެގެން ދިޔައީ. މިކަމުގައި ރިސޯޓުގެ އިހުމާލު އޮތް ކަމަށް ތުހުމަތުކުރެވޭ. އަޅުގަނޑުމެން ބައްޕަ މާލެ އަށް ފޮނުވައިދޭން ވެސް އެދިގެން އެކަން ހަމަނުޖެހި އޮއްވައި ހާލު ސީރިއަސްވީ."
މި އިހުމާލު ބަލައިދޭން އެދި ފުލުހުންނާއި އެޗްއާރުސީއެމަށް ހުށަހަޅަން އާއިލާ އިން ވަނީ ނިންމައިފަ އެވެ.
ކަނޑިންމަ މުވައްޒަފު މަރުވުމުގައި ރިސޯޓުގެ އިހުމާލު އޮތް ކަމަށް ޓޫރިޒަމް އެމްޕްލޯއީ އެސޯސިއޭޝަނުން ވެސް ވަނީ ތުހުމަތުކޮށްފަ އެވެ. މި މައްސަލަ ބަލައި އިންސާފު ހޯދައިދޭން، ރިސޯޓު މުވައްޒަފުންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ އިން ވަނީ ގޮވާލައިފަ އެވެ.
މުވައްޒަފު މަރުވުމުގައި ކަނޑިންމައިގެ އިހުމާލު އޮތް ކަމުގެ ތުހުމަތާ ގުޅިގެން އެ ރިސޯޓުން މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ކަނޑިންމައިގެ ހިއުމަން ރިސޯސަސް ޑިޕާޓްމެންޓަށް "މިހާރު"ން ގުޅުމުން ވާހަކަ ދެއްކެވި އިސް ބޭފުޅަކު ވިދާޅުވީ އެކަމުގައި އެކި މީހުން ވާހަކަ ދައްކަނީ އެކި ގޮތަށް ކަމަށާއި ފަރުވާއަށް ފޮނުވައިދޭން އޭނާ އަށް ހުށަހަޅާފައި ނުވާ ކަމަށެވެ. މާ ގިނަ ވާހަކަ ނުދައްކަވައި އެދިވަޑައިގަތީ، ރިސޯޓުގެ ޕަބްލިކް ރިލޭޝަނަށް ގުޅުމަށެވެ. އެތަނުން އަދި ޖަވާބެއް ނުލިބެ އެވެ.
ގެސްޓުން ވެސް ޕޮޒިޓިވް، ރިސޯޓްގައި ބޮޑު ކްލަސްޓާއެއް!
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އާއްމުކުރާ ހިސާބުތަކަށް ބަލާއިރު، ކަނޑިންމަ ރިސޯޓުން މިހާތަނަށް ވަނީ 46 މީހަކު ޕޮޒިޓިވްވެފަ އެވެ. އެތަނުގައި ތިބި ގެސްޓުންނާއި މުވައްޒަފުންގެ ސާމްޕަލް އަދިވެސް ނަގަމުން އަންނާތީ މި އަދަދު އަދިވެސް އިތުރުވުން އެކަށީގެންވެ އެވެ.
ކަނޑިންމައަކީ މިދިޔަ މާޗް މަހުގެ ތެރޭގައި ރާއްޖެ އިން ކޮވިޑް ފެނުނު ފަހުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި އޮއްވައި އެއް ރިސޯޓަކުން މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ރިސޯޓެވެ. ރިސޯޓް މޮނިޓަރިންއަށް ލައި އެޗްޕީއޭގެ ރެޕިޑް ރެސްޕޯންސް ޓީމުން އަދިވެސް އަންނަނީ އެތަނުގައި ހަރަކާތްތެރިވަމުންނެވެ.
ރިސޯޓުން ވާހަކަ ދެއްކި މީހަކު ބުނީ މަރުވި އާދަމްއާ އެއް ކޮޓަރިއެއްގައި އުޅުނު ހައި ރިސްކު މީހަކު ވެސް ވަނީ ބައްޔަށް ޕޮޒިވްވެފަ އެވެ. އޭނާ މިހާރު ވަނީ ފަރުވާ އަށް އެ ރަށުން އެހެން ތަނަކަށް ގެންގޮސްފަ އެވެ.
ކޮވިޑާ ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ރިސޯޓްތަކަށް ވެސް އެޗްޕީއޭ އިން ވަނީ އަންގައިފަ އެވެ. ކަނޑިންމަ ރިސޯޓުގައި، އާދަމް ހުންނަ އަންނަ ފެށި ފަހުން ވެސް ވަކި ތަނަކަށް އޭނާ ބަދަލެއް ނުކުރެ އެވެ. އޭނާ އެކު އެއް ކޮޓަރިއެއްގައި އެހެން މީހަކު އުޅުނުއިރު، ކެއުމާއި އެހެން ކަންކަން ހަމަޖައްސާފައި ހުންނަނީ ހުރިހާ މުވައްޒަފުން އެކުގަ އެވެ.