ކޮވިޑް-19ގެ ހާލަތު ރާއްޖެ ގޯސްވެ، މާލެ ލޮކްޑައުން ކުރި ފަހުން އެ ބައްޔަށް އެންމެ މަދުން މީހުން ޕޮޒިޓިވްވި އެއް ދުވަހަކީ މިއަދު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. ބަލި ޖެހިގެން މިއަދު ރިޕޯޓުކޮށްފައިވަނީ 14 މީހުންނެވެ.

އެޗްޕީއޭން މިރޭ ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 1،816 ސާމްޕަލްގެ ތެރެއިން މާލޭން ކޮވިޑަށް ޕޮޒިޓިވްވީ އެންމެ އަށް މީހުންނެވެ. މިއީ ވެސް މި ފަހުން ރެކޯޑް އަދަދެކެވެ. މީގެ އިތުރުން މީހުން ދިރިއުޅޭ ދެ ރަށަކުން ދެ މީހުން ޕޮޒިޓިވްވި އިރު، ތިން ރިސޯޓަކުންނާއި ހަދަމުން އަންނަ ރަށަކުން ވެސް ބަޔަކު ޕޮޒިޓިވްވި އެވެ.

މާލޭގައި އާއްމުންގެ ތެރެއިން ކޮވިޑްގެ ކޭހެއް ފެނުމުން ވެރިރަށް ބަންދުކުރީ އޭޕްރީލް 15 ވަނަ ދުވަހު އެވެ. ފުރަތަމަ ދުވަސްކޮޅު ބަލި ޖެހޭ މީހުންގެ އަދަދު މަދުވި ނަމަވެސް، ފާއިތުވި ދުވަސްތަކުގައި ނަމްބަރުތައް ދިޔައީ އިތުރުވަމުންނެވެ. އެގޮތުން ބަލިވި މީހުންގެ އަދަދު 200 އަށް އެރި ދުވަސްތައް ވެސް ދިޔަ އެވެ.

ބަލިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކާއެކު، ޕޮޒިޓިވްވާ މީހުންގެ އަދަދު މި ފަހުން އަންނަނީ ދަށްވަމުންނެވެ.

އެޗްޕީއޭގެ މިއަދުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، 12،974 މީހުންނަށް މިހާރު ބަލި ޖެހިފައިވާއިރު، ބަލި މީހުންގެ ގޮތުގައި ތިބީ 1،113 މީހުންނެވެ. ހޮސްޕިޓަލްތަކުގައި 92 މީހުން ތިބި އިރު، ބަލީގައި 46 މީހަކު ވަނީ މަރުވެފަ އެވެ.

މި ހަފުތާގެ ކުރީކޮޅު ކޮވިޑްގެ ކޭސްތައް މަތިވި ނަމަވެސް، ގިނަ މީހުން ޕޮޒިޓިވްވީ ހަދަމުން އަންނަ ރިސޯޓުތަކުންނެވެ. އަދި ރަށްރަށުން ވެސް މީހުން ޕޮޒިޓިވްވެފައި ވަނީ ހޯމް ކަރަންޓީނުގައި ތިބޭ މީހުންނެވެ. މާލެ ފިޔަވައި އެހެން ރަށެއްގައި، އާއްމުންގެ ތެރޭގައި އަދި މި ބައްޔެއް ނުފެތުރެ އެވެ.

ބަލިން ރައްކާތެރިވުމަށް މާލޭން ރަށްރަށަށް ދާ މީހުން ހޯމް ކަރަންޓީނުގައި ތިބެން ޖެހޭއިރު، ގިނަ ބަޔަކަށް މިހާރު އެކަން ވެފައި އޮންނަނީ ތަކުލީފަކަށެވެ. އެކަމަކު އެޗްޕީއޭން ބުނަނީ މާލޭން ރަށްރަށަށް ދާ މީހުން 14 ދުވަހު ކަރަންޓީނުގައި ތިބޭ ގޮތަށް މުއްދަތު ކަނޑައަޅާފައި އޮންނަނީ ބަލީގެ ހާލަތު އޮތް މިންވަރުގެ މައްޗަށް ނޫން ކަމަށާއި ބަލީގެ ހާލަތު ބަލަނީ ކަރަންޓީނު އުވާލުމާ މެދު ގޮތެއް ނިންމަން ކަމަށެވެ.