ކޮވިޑް-19އިން ދިފާއުވުމަށް މިހާރު ގައުމުތަކުން ހަދާ ވެކްސިން، ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ވެސް ހިލޭ ލިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ލ. ގަމު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ތައާރަފް ކުރުމާއި މަރުކަޒީ އިންޖީނުގެ އެއް ނެޓްވޯކަކުން ގުޅާލުމާއި ޒޯން ސްޓޭޑިއަމް ފުޓުބޯޅަ ދަނޑު ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވިދާޅުވީ ވެކްސިން ދިނުމުގައި އެއްވެސް މީހަކު ބާކީ ނުކުރާނެ ކަމަށެވެ. އެ މަނިކުފާނު އެހެން އެ ވިދާޅުވީ، ރާއްޖޭން ކޮވިޑް-19 ޖެހުނު މީހުންގެ ތެރޭގައި، ރާއްޖޭގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބިދޭސީން ހިމެނޭތީ އެވެ.

"ހުރިހާ އެންމެންނަށް ވެސް ހިލޭ ވެކްސިން ލިބޭނެ،" ރައީސް ވިދާޅުވި އެވެ.

ހުރިހާ ދިވެހިންނަށް ވާވަރަށް ވެކްސިން ހޯދާނެ ކަމާއި ބޭރުގެ އެހީގައި އާބާދީގެ 20 ޕަސެންޓަށް ލިބޭ ވެކްސިން ހޯދުމުގެ މަސައްކަތާ އެކުއެކީގައި، ބާކީ ތިބި މީހުންނަށް ވެކްސިން ހޯދުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދާ ކަމަށް ހެލްތު މިނިސްޓްރީން ރޭ ވަނީ ބުނެފަ އެވެ.

ކޮވިޑް-19އާ ގުޅޭ ވެކްސިނެއް އުފެއްދުމާއެކު، އެ އެންމެ ބޭނުންވާ ހައިރިސްކުގެ މީހުންނަށް ވެކްސިން ލިބޭނެކަން ކަށަވަރު ކުރުމަށް، ޑަބްލިޔުއެޗްއޯއިން އުފައްދާފައިވާ ކޯވެކްސް ފެސިލިޓީގައި ރާއްޖޭން ވަނީ ބައިވެރިވެފަ އެވެ. އެއާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިހާރު އަންނަނީ، ވެކްސިން ރާއްޖެ އަށް ބޭނުންވާ ވަރު ދެނެގަތުމަށް، އެ ކެޓަގަރީގައި ހިމެނޭ ބަލި މީހުންގެ ބައެއް މައުލޫމާތު އެއްކުރަމުންނެވެ.

އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ވެކްސިން ދިނުމުގައި އިސްކަންދޭނެ މީހުން ކަނޑައެޅުމަަށް ފްރޭމްވޯކެއް ތައްޔާރުކުރުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ. އެޗްޕީއޭގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް(ޓެގު)ން ތައްޔާރު ކުރަމުން އަންނަ އެ ފްރޭމްވޯކުގެ ދަށުން ވެކްސިން ޖަހާނެ މީހުން ކަނޑައަޅައި، ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި، އެ ކެޓަގަރީއަށް ފެތޭ މީހުން އަންނަނީ ހޯދަމުންނެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު އަބްދުﷲ މާހިރު ރޭ ވިދާޅުވި ގޮތުގައި ކޮވިޑް ވެކްސިން ރޭހުގެ ކުރީގައި އުޅޭ ވެކްސިންތަކުގެ ތެރެއިން ރާއްޖެ އިން ހޯދަން މަސައްކަތްކުރަމުންދަނީ އޮކްސްފަޑް ޔުނިވަސިޓީ އާއި އެސްޓްރަޒެނިކާގެ ވެކްސިނާއި މޮޑާނާގެ ވެކްސިނެވެ. އެއީ ބަހައްޓަން ޖެހޭ ފިނިމިނާއި ރާއްޖޭގެ މާހައުލަށާއި ވެކްސިންގެ ނަތީޖާ އަށް ބަލާ އިރު އެންމެ އެކަށީގެންވާ ވެކްސިން ކަމަށް ވާތީ ކަމަަށް އޭނާ ވިދާޅުވި އެވެ.

ކޯވެކްސް ފެސިލިޓީން ފުރަތަމަ ވެކްސިން ލިބޭނީ ތިން ޕަސެންޓަށެވެ. އެ ޑޯޒްތައް ދޭނީ ކޮވިޑްގެ ބަލިމީހުންނާ ސީދާ ބައްދަލުވާން ޖެހޭ ނުވަތަ ވައިރަހަށް ހުށަހެޅޭ ގޮތަށް މަސައްކަތްކުރާ ނަރުހުންނާއި ޑޮކްޓަރުން ފަދަ މީހުންނަށެވެ. ދެން ލިބޭ 17 ޕަސެންޓް ބަހާނީ އުމުރުން ދުވަސްވީ މީހުންނާއި ކޮވިޑް ޖެހިއްޖެ ނަމަ ފުރާނަ އަށް ނުރައްކާވުމުގެ ބިރު އޮތް ނުވަތަ ބޮޑަށް ބަލިވެދާނެ މީހުންނަށެވެ.