ކޮވިޑް-19 ޖެހިގެން ފަރުވާ ދިން އިތުރު 153 މީހަކު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރަނގަޅު ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

އެތަނުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ނެގި 1،801 ސާމްޕަލްގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވީ 36 ސާމްޕަލް އެވެ. އެކަމަކު އެހެން ދުވަސް ދުވަހަށް ވުރެ، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެ ބަލިން ގިނަ ބަޔަކު ރަނގަޅުވެފައިވާކަން ތަފާސްހިސާބުތަކުން ދައްކަ އެވެ.

މިދިޔަ އޭޕްރީލް މަހުން ފެށިގެން މާލެ ތެރޭގައި ފެތުރެން ފެށި ކޮވިޑް ބައްޔަށް މިހާތަނަށް 13،106 މީހުން ޕޮޒިޓިވްވެފައި ވެ އެވެ. އޭގެ ތެރެއިން 12،154 މީހުން ރަނގަޅުވެފައިވާއިރު މިހާރު ބަލި މީހުންގެ ގޮތުގައި ތިބީ 898 މީހެކެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި ބަލި ޖެހިގެން ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން އަންނަނީ 86 މީހަކަށެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން، ދެ މީހަކު ޕޮޒިޓިވްވީ ރަށަކުންނެވެ. އަދި ރިސޯޓަކުން ދެ މީހަކަށް ބަލި ޖެހުނު އިރު، ބާކީ ތިބި އެންމެން ވެސް ޕޮޒިޓިވްވީ މާލެ ސަރަހައްދުންނެވެ.

ކޮވިޑް-19 ގައި ރާއްޖެ އިން މިހާތަނަށް ވަނީ 47 މީހަކު މަރުވެފަ އެވެ.