މައުމޫނާ އެކު މަސައްކަތް ކުރުން މިވަގުތު ވަރަށް މުހިއްމު: ނަޝީދު

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރައްޔިތުންނަށް ދެމުންދާ "އަނިޔާ" އާ ދެކޮޅަށް ނުކުންނަވައި އެމަނިކުފާނުގެ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފައްޓަވާފައިވާ މަސައްކަތްޕުޅަށް ސިޔާސީ ހުރިހާ ފަރާތްތަކާއި ޖަމިއްޔާ ޖަމާއަތްތައް އަދި ގައުމުގެ ހެވަށް އެދޭ އެންމެން މިވަގުތު ބައިވެރިވުން ވަރަށް މުހިއްމު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެން، އެ ގައުމުގެ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ނަޝީދު "97 މިނިވަން" އަށް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމާއެކު ވާދަވެރި ސިޔާސީ ނިޒާމް ނައްތާލަން ރައީސް ޔާމީން އެޅުއްވި ފިޔަވަޅުތަކުން އެމަނިކުފާނު މިހާރު ހުންނެވީ ވަރަށް އެކަނިވެރިވެފައި ކަމަށެވެ. މައުމޫނާ އެކު މަސައްކަތް ކުރަން ޖެހެނީ ވީހާވެސް އަވަހަކަށް، ގައުމަށް ހަމަޖެހުމެއް ހޯދަން ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީ އާއި އަދާލަތާއި ޖުމްހޫރީ ޕާޓީގެ އިތުރުން އެހެން ފަރާތްތައް ގުޅިގެން އެއީ ކުރަން ޖެހޭ ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން ވެސް ކުރަމުން އަންނަނީ، ނަޝީދު ވިދާޅުވި ގޮތުގައި، އެ މަސައްކަތެވެ. އަދި އެންމެން ގުޅިގެން ކުރާ މަސައްކަތް ކާމިޔާބުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމްޔޫއޯ އިން އަބަދުވެސް ބުނަމުންދާ ގޮތަށް، ދުވަސްކޮޅެއް ވަންދެން ގުޅިފައިވާ ސަރުކާރެއް ރާއްޖޭގައި އޮތުން ވަރަށް މުހިއްމު ކަމަށެވެ. ރިޔާސީ އިންތިހާބަކާ ހަމައަށް ދާން ޖެހޭނީ އޭގެ ފަހުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެންގެ ސަލާމަތް އޮތީ އެކަކު އަނެކަކުގެ ގެއްލުމަށް މަސައްކަތް ނުކުރުމުން. ހަސަދަވެރިކަމާއި ރުޅިވެރިކަމާ، މި މަގަށް އަޅުގަނޑުމެން ނުގޮސް ރިވެތި ގޮތުގައި އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭތޯ ބެލުން. އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނަށް އެކަން ވާނެއޭ،" ނަޝީދު ވިދާޅވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނު ވަނީ އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވާފައި. --ފޮޓޯ: އަހްމަދު އާޒިމް (އަންޖު)

ސިޔާސީ ލީޑަރުންތަކަކަށް ނުހައްގުން ޖަލު ހުކުމްތަކެއް އިއްވާފައިވާ ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ތަހުގީގުތައް ރަނގަޅަށް ކުރިއަށް ގެންގޮސް ޝަރީއަތްތައް ހިންގަން ޖެހޭނީ އިންސާފުވެރިކޮށް ކަމަށެވެ. އެކަމަކު ރާއްޖޭގައި ކަން ހިނގަނީ އެ އުސޫލުން ކަމަށް ވިދާޅުވެވެން ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ނުހައްގުން އަދަބު ދީފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްފޫލް ފަދަ ބޭފުޅުން މިނިވަންކުރަން ޖެެހެ އެވެ. އަދި މިދިޔަ އަހަރުގެ މޭ 1 ގައި މާލޭގައި ބޭއްވި މުޒާހަރާގައި ހައްޔަރުކޮށްފައިވާ އެންމެން ވެސް ދޫކޮށްލަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެމްޑީޕީން ދެކޭ ގޮތުގައި ހައްޔަރުން ނެއްޓިގެން ނޫނީ ތަރައްގީ ހޯދޭކަށް ނެތް. އަޅުގަނޑުމެންގެ ދިރިއުޅުން ރަނގަޅު ކުރަން އެދޭނަމަ، އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އަޅުގަނޑުމެން މިނިވަންކުރުން،" ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު އަބަދުވެސް ދަންނަވަން އޮބަހައްޓައި ފިއްތައިގެނެއް ކުރިއެރުމެއް ނުލިބޭނެއޭ."

ސަރުކާރުން އަނިޔާ ދޭ އެންމެން ދޫކޮށްލައި، ސިޔާސީ ޕާޓީތަކުން މަޝްވަރާކޮށްގެން ހައްލަކަށް ދިއުމަށް ނަޝީދު ގޮވާލެއްވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ގައުމު ހަމަ މަގަށް އަޅުވަން، ގުޅިގެން ކުރާ މަސައްކަތުގައި ރައީސް ޔާމީނަށް ވެސް ދެރައެއް ދޭން ވިސްނައިގެން ނުވާނެ އެވެ. މަސައްކަތް ކުރަންވީ މަގްސަދަކީ، އިންސާފާއި ހަމަހަމަކަން ރާއްޖޭގައި ގާއިމްކުރަން ކަމަށް ނަޝީދު ވިދާޅުވި އެވެ.

އިނގިރޭސި ވިލާތުގައި، ދިރިއުޅުއްވުމަކީ "ވަރަށް ބޮޑު ހިތާމާއެއް" ކަމަށާއި "މިގޮތަށް އަބަދަކު އަޅުގަނޑު ނުހުންނާނަން" ކަމަށް ނަޝީދު ވިދާޅުވި އެވެ. އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވިއަސް ތާރީހެއް ވިދާޅެއް ނުވެ އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި 2013 ގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާއިރު ވެސް ރައީސް ޔާމީނަށް ވެރިކަން ކުރެއްވުމުގެ ފުރުސަތު އެމްޑީޕީން ދިނެވެ. އެކަމަކު 2014 ނުނިމެނީސް، ރައީސް ޔާމީންގެ އަމާޒު ސިޔާސީ ލީޑަރުން ހިފައި ހައްޔަރުކުރުމަށް މިސްރާބު ޖައްސަވައި ނުހައްގުން އެތައް ބަޔަކަށް އަދަބު ދޭން ފައްޓާވާފައިވާ ކަމަށާއި އެމްޑީޕީން ސަރުކާރާ ދެކޮޅަށް ބަސްބުނަން ފެށީ އެހެންވެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ވާދަވެރި ސިޔާސީ ނިޒާމް ނައްތާލަން މަސައްކަތް ފެއްޓެވި ހިސާބުން އަޅުގަނޑުމެންނަށް މަޖުބޫރުވީ، އަޅުގަނޑުމެންގެ ހަރަކާތްތައް ކުރިއަށް ގެންދިއުން އިތުރު ކުރަން،" ނަޝީދު ވިދާޅުވި އެވެ.

ގައުމާއި ރައްޔިތުންގެ ހައްގުގައި ކުރެއްވެން އޮތް މަސައްކަތްޕުޅެއް ކުރިއަށް އޮތް ތަނުގައި ވެސް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.