ޑީއާރުޕީ ދެ ބައިވުމުގެ ފައިދާ ނަގައި ޕީއޭ އިން އޭރު ވެސް އުޅުނީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ "ނަން ފިލާގަނޑު" ބޭނުންކޮށްގެން އާ ޕާޓީއެއް އުފައްދައި އެ ޕާޓީ އަށް ވެރިވެގަތުމަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

"އަސްލު" ޕީޕީއެމަކީ ރައީސް އަބްދުﷲ ޔާމީން ފެކްޝަން ކަން ދައްކަން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ބާނީ އަކީ ޕީއޭ ވެސް އުފެއްދެވި ރައީސް ޔާމީން ކަމަށެވެ. ޕީޕީއެމް އުފައްދަން ރައީސް ޔާމީން ހުށަހެޅުއްވުމުން އެކަމާ އެންމެ ބޮޑަށް ދެކޮޅުހެއްދެވީ އުމަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު" އަށް ދެއްވި އިންޓަވިއުގައި އުމަރު އެ ވާހަކަ ދޮގެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވީ ޑީއާރުޕީ ދެ ފަޅިކޮށްލައިގެން ޕީޕީއެމް އުފައްދަން އޭރު އޭނާ ތާއީދުނުކުރެއްވި ސަބަބުތައް ގިނަ ކަމަށެވެ. އެންމެ ބޮޑު އެއް ސަބަބަކީ، އުމަރު ވިދާޅުވި ގޮތުގައި، ރައީސް މައުމޫންގެ ނަން ފިލާގަނޑު ބޭނުންކޮށްގެން އާ ޕާޓީއެއް އުފައްދައި، ޕީއޭގެ ބޭފުޅުން އެ ޕާޓީގެ މައްޗަށް ވެރިވެގަންނާނެ ކަން އޭރުު ވެސް ވިސްނިވަޑައިގަތުމެވެ.

ޕީއޭ އަށް ނިސްބަތްވެވަޑައިގަންނަވާ ބަޔަކު އެންމެ ފަހުން ޕީޕީއެމާ ދޭތެރޭ ކަންކަން ކޮށްފައި މިވަނީ، އޭރު އޭނާ އަށް ވިސްނިވަޑައިގަތް ގޮތަށް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

"ޕީއޭ ބޭފުޅުން ބޭނުންވީ ރައީސް މައުމޫންގެ ނަން ފިލާގަނޑުގެ ދަށުން ޕާޓީ ހަދައި ޓޭކްއޯވާ ކުރަން، މި ފެންނަނީ އެކަން،" އުމަރު ވިދާޅުވި އެވެ.

އަނެއް ސަބަބަކީ، އުމަރު ވިދާޅުވި ގޮތުގައި، 38،000 މެމްބަރުން ހިމެނޭ ޕާޓީގެ އާއްމު މެމްބަރުންނަށް ބޮޑު ތަކުލީފެއް ޖައްސަން ބޭނުން ނުވުމެވެ. ޕީޕީއެމް އުފެއްދުމާ ދިމާލަށް ދިޔައީ، ޑީއާރުޕީ އަނބުރާ ހޯދެން ހުރި ހުރިހާ މަރުހަލާއެއް ފުރިހަމަކޮށްފައި ނޫން ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޮޅުވީ، ޑީއާރުޕީ ހޯދެން ހުރި ހުރިހާ މަރުހަލާއެއް ފުރިހަމަ ނުކޮށް އާ ޕާޓީއެއް އުފެއްދުން. ޕީޕީއެމް ދޫކޮށްލާފައި އާ ޕާޓީއެއް އުފެއްދުމާ އަޅުގަނޑު މިހާރު ވެސް ދެކޮޅު،" އުމަރު ވިދާޅުވި އެވެ.

ޕީޕީއެމްގެ ބާނީއަކީ ރައީސް ޔާމީން ކަމަށް ވިދާޅުވި ނަމަވެސް ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވީ ކޮން ބައެއް ކަން އާއްމު މެމްބަރުންނަށް ނޯޅޭނެ ކަމަށް އުމަރު ވިދާޅުވި އެވެ. ޑީއާރުޕީ ދެ ބައިވެ ޕީޕީއެމް އުފެދުނީ ކުއްލިއަކަށް ނޫން ކަމަށާއި ޑީއާރުޕީ ތެރެއިން އުފެދުނީ ޒެޑްޑީއާރުޕީ ކަން އުމަރު ފާހަގަކުރެއްވި އެވެ.

"ރަނގަޅު، އަޅުގަނޑާއި އަޅުގަނޑުގެ ޓީމުން އަދުރޭ [އަބްދުއްރަހީމް] މެންނާ އެކު ދަތުރެއް ނުކުރަން. އަޅުގަނޑުމެންނަށް އަޑު އިވެނީ އެ ޓީމުން ރަށްތަކަށް ގޮސް ތިބެނީ ތާސްކުޅެން ކަމަށް،"

އޭރު ޕާޓީ އެއް މިސްރާބަކަށް ގެންދިއުމުގެ އެންމެ ބުރަ މަސައްކަތްތަކެއް މައުމޫނާ އެކު ކުރެއްވީ އޭނާ އާއި އޭނާގެ ޓީމުން ކަމަށް އުމަރު ވިދާޅުވި އެވެ. ޕީޕީއެމް އުފެދުމާ ގްރާސްރޫޓާ ގުޅިފައިވާއިރު، އެކަމަށް މަގުފަހިކޮށްދޭން އޭނާގެ ދައުރު ބޮޑު ކަމަށް ވެސް ވިދާޅުވި އެވެ.

"އޭރު [ޕީއޭ ބޭފުޅުން] ތިއްބެވީ ހޮރުހޮރަށް ވަދެ. ގްރާސްރޫޓް ރޫޅިފައި އޮއްވައި ރީއޮގަނައިޒްކޮށް އެއް މިސްރާބަކަށް ގެންދިޔައީ އަޅުގަނޑު. ޕީޕީއެމް އުފެއްދުމުގެ މަރުހަލާ އެއީ މާ ފަހުގެ މަރުހަލާއެއް،" އުމަރު ވިދާޅުވި އެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު "މިހާރު"އާ ވާހަކަ ދައްކަވަނީ  --ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
ކުރީގެ ހޯމް މިނިސްޓަރު އުމަރު "މިހާރު"އާ ވާހަކަ ދައްކަވަނީ --ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

އާ ޕާޓީއެއް އުފައްދަން ގިނަ ބަޔަކު ތާއީދުކުރުމުން އެކަމަށް އިހްތިރާމްކުރައްވައި ޕީޕީއެމަށް އާއްމު މެމްބަރުން ހޯދަން އެންމެ ގިނަ މަސައްކަތްތަކާއި އެންމެ ބޮޑު ހަރަދެއް ކުރެއްވީ ވެސް އޭނާގެ ޓީމުން ކަމަށް އުމަރު ވިދާޅުވި އެވެ. އޭނާގެ ޓީމު ދަށްކޮށްލަން "މަގުމަތީ ޓީމު"ގެ ނަން ދިނަސް ޕާޓީ އަށް މެމްބަރުން ހޯދަން 70 ރަށަކަށް ލޯންޗުގައި ދަތުރުކޮށް، އެ ދަތުރުތަކުގައި އެކަނި ވެސް 8،000 ފޯމު ހޯދި ކަމަށް އުމަރު ވިދާޅުވި އެވެ.

"ރަނގަޅު، އަޅުގަނޑާއި އަޅުގަނޑުގެ ޓީމުން އަދުރޭ [އަބްދުއްރަހީމް] މެންނާ އެކު ދަތުރެއް ނުކުރަން. އަޅުގަނޑުމެންނަށް އަޑު އިވެނީ އެ ޓީމުން ރަށްތަކަށް ގޮސް ތިބެނީ ތާސްކުޅެން ކަމަށް،" އުމަރު ވިދާޅުވި އެވެ.

ޕީޕީއެމްގެ ބާނީއަކީ ރައީސް ޔާމީން ކަމަށް ވިދާޅުވާއިރު 3،00 މީހުން ހަމަނުވެގެން ޕީއޭ އުފެއްދުމުގެ ޖަލްސާ ދެ ފަހަރަށް ކެންސަލްކުރަން ޖެހުނު ކަމަށް ވިދާޅުވެ އުމަރު މިސާލު ދެއްކެވީ ރައީސް ޔާމީން ފަދަ ބޭފުޅަކަށް ޕާޓީއެއްގެ ބާނީއަކަށް ވެވަޑައިގެންނެވޭނީ ކިހިނެއްތޯ ސުވާލު ކުރަައްވަމުންނެވެ.

ހައްލު އޮތީ ޕްރައިމަރީން، ރައީސް ޔާމީން ކުރިމަތިލައްވާ!

ޕީޕީއެމް ދެ ފަޅި ވެފައިވާއިރު، އުމަރު ވިދާޅުވި ގޮތުގައި، އެކަން ހައްލުކުރެވެން އޮތް ހަމައެކަނި ގޮތަކީ ޕްރައިމަރީ އެވެ. ރައީސް ޔާމީނަށް ކެރިވަޑައިގަންނަވާ ނަމަ، އޭނާއާ އެކު ޕްރައިމަރީއާ ކުރިމަތިލައްވަން އުމަރު އެދިވަޑައިގެންނެވި އެވެ.

އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތަކަކީ "މާލޫދު ޕާޓީތަކެއް" ނޫން ކަމަށެވެ. އެމްޑީޕީގެ ވެސް އިންތިހާބު ނުބާއްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިފަހައްޓަވައިގެން އުޅުއްވާތީ އެކަމަށް ފާޑުވިދާޅުވެ، އުމަރު ވިދާޅުވީ ޕާޓީތަކަކީ ހަރު މުދަލެއް ނޫން ކަމަށާއި ހައްލު ހޯދަން ޖެހޭނީ ވޯޓު ފޮށިން ކަމަށެވެ.

ރައީސް ޔާމީނާއި އުމަރު ސަލާން ކުރައްވަނީ: ޕާޓީގެ މައްސަލަ ހައްލުކުރަން ރައީސް ޔާމީން ޕްރައިމަރީއާ ކުރިމަތިލެއްވުމަށް އުމަރު އެދިވަޑައިގެންނެވި --ފޮޓޯ: ރައީސް އޮފީސް
ރައީސް ޔާމީނާއި އުމަރު ސަލާން ކުރައްވަނީ: ޕާޓީގެ މައްސަލަ ހައްލުކުރަން ރައީސް ޔާމީން ޕްރައިމަރީއާ ކުރިމަތިލެއްވުމަށް އުމަރު އެދިވަޑައިގެންނެވި --ފޮޓޯ: ރައީސް އޮފީސް

އޭނާ ވިދާޅުވި ގޮތުގައި އޭނާ އެކު ޕްރައިމަރީގައި ވާދަކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައިގެންފި ނަމަ ނަތީޖާ ފެންނާނެ އެވެ.

"ޑިވައިޑެއް އުފެދިއްޖިއްޔާ ހައްލު ކުރަން އޮތް ކޮންސެޕްޓަކީ ފްރީ އެންޑް ފެއާކޮށް ޕްރައިމަރީ ބޭއްވުން. ޕްރައިމަރީން ރައީސް ޔާމީން ބަލިކުރާނަން،" އުމަރު ވިދާޅުވި އެވެ.

ޕީޕީއެމްގެ ފުރަތަމަ ޕްރައިމަރީގައި ވާދަކުރެއްވީ ރައީސް ޔާމީނާއި އުމަރެވެ. އެ ފަހަރު ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގަތީ، އުމަރު ވިދާޅުވި ގޮތުގައި، "ކާލާ މަންނަ" އޮތީ ރައީސް ޔާމީންގެ އަތްޕުޅުގައި ކަން އާއްމު މެމްބަރުންނަށް ދެއްކެވުމެވެ.

އުމަރު، ކާލާ މަންނަ ކަމަށް އިޝާރާތް ކުރައްވަނީ މައުމޫނަށެވެ.

"ރައީސް ޔާމީނަށް ޕްރައިމަރީ ކާމިޔާބު ކުރެވުނީ ދެ ސަބަބަކާ ހުރެ. އެއް ކަމަކީ ރައީސް މައުމޫންގެ އާއިލާ އެއްކޮށް ސްޓޭޖަށް އަރުވައި ދެއްކީ ކާލާ މަންނަ އޮތީ ރައީސް ޔާމީންގެ އަތްޕުޅުގައި ކަމަށް،" އުމަރު ވިދާޅުވި އެވެ.

ދެ ވަނަ ސަބަބަކީ ޕްރައިމަރީގެ ވޯޓު އޮޅުވާލުން ކަމަށް ވިދާޅުވި އެވެ.

އުމަރު ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައިވާ ޕީޕީއެމްގެ ދަފްތަރުގައި ނެތް 8،000 މީހުން ކުއްލިކަށް ޕްރައިމަރީގައި ވޯޓުލާފައިވެ އެވެ. މިއީ އޮޅުވާލި ވޯޓުތަކެއް ކަމަށް އޭނާ ތުހުމަތު ކުރައްވަ އެވެ.

ޕީޕީއެމްގެ ޕްރައިމަރީ މިފަހަރު ބާއްވަން ޖެހޭނީ، އުމަރު ވިދާޅުވި ގޮތުގައި، ޕާޓީން ބޭރު، މިނިވަން ބަޔަކު ލައްވަ އެވެ. ބޭރު ގައުމުތަކުގައި ވެސް ކަންކުރާ އުސޫލަކީ އެއީ ކަމަށް ވިދާޅުވި އެވެ.