އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ހިމެނޭ ކޯލިޝަން ބައިބައިކޮށްލުމަށް ހީލަތްތެރި ރޭވުންތައް ރާވަމުންދާ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަންގެ ބައެއް ވެރިން މި ދުވަސްކޮޅު ގެންދަވަނީ "މިނިކާ ބާޒުތަކެއް"ގެ ހަމަލާ ޕާޓީއަށް އަމާޒުވާ ކަމަށާއި އެކަމަށް ފާރަވެރިވެ ތިއްބެވި ކަމަށް ވިދާޅުވެ، އެކި ޕްލެޓްފޯމުތަކުގައި ވާހަކަތައް ދައްކަވަމުންނެވެ. އެ އަޑުތައް ގަދަވީ، ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެ މަނިކުފާނު ނެތް ނަމަވެސް، ޕާޓީގެ މައްޗަށް "މިނިކާ ބާޒުތަކެއް" ސަވާރުވެ ނުދިނުމަށް، މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު ވިދާޅުވި ފަހުންނެވެ. ޔާމީން އެހެން ވިދާޅުވި ފަހުން މަނީ ލޯންޑަރިންގެ މައްސަލަ ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ވަނީ އައިސްފަ އެވެ.
އާދަމް ޝަރީފް ވިދާޅުވީ، ޕީޕީއެމް/ޕީއެންސީ އަށް އަމާޒުކޮށްގެން، ހީލަތްތެރި ރޭވުންތައް ރާވަމުން ދަނީ މިހާރު އެ ކޯލިޝަން ވަރުގަދަވަމުން އަންނާތީ ކަމަށެވެ. ވަކި ކޮޅަކަށް ނުޖެހި ތިބި ސަޕޯޓަރުންނާއި އެމްޑީޕީގެ ވަރުގަދަ މީހުން ވެސް އިދިކޮޅަށް ސަޕޯޓު ކުރަމުން އަންނަ ކަމަށާއި އެހެން އެވީ، ސަރުކާރު ބަލިކަށިވެ، ރައްޔިތުން އުއްމީދުކުރި ފަދަ ނަތީޖާއެއް ނުނެރުވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވެ، މިހާރު އެ ޓާގެޓް ކުރަނީ އަޅުގަނޑުމެން ބައިބައިކޮށްލުމަށް. ރައީސް ޔާމީން ވިދާޅުވި ބާޒުތަކެއް އެކަންޏެއް ނޫން، އެހެން ގޮތްގޮތުން ވެސް އެބަ އަޅުގަނޑުމެންނަށް ޓާގެޓް ކުރޭ،" ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.
އެކަމަކު އިދިކޮޅު ކޯލިޝަން ބައިބައިކޮށްލަން މަސައްކަތް ކުރަނީ ކޮން ބައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. ހަމައެކަނި ވިދާޅުވީ، އެކަންކަން މޭރުންވާ ހިސާބަށް ދިޔުމުން، ހާމަކުރައްވާނެ ކަމަށެވެ.
ޕާޓީގެ ބައެއް އިސް މެމްބަރުން ތުހުމަތުކުރައްވާ ގޮތުން، ބައިބައިކޮށްލަން ރޭވުންތައް ރާވަނީ ޕާޓީގެ ނަމުގައި ހަރަކާތްތެރިވާ ބައެއް މީހުންނެވެ. ހާއްސަކޮށް، މިދިޔަ ބުރާސްފަތި ދުވަހު އޮތް، ޔާމީންގެ ޝަރީއަތަށް ފަހު އެ މަނިކުފާނުގެ ގާނޫނީ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ދެއްކެވި ވާހަކަފުޅުތަކަށް އިދިކޮޅުން ދަނީ ނުސީދާކޮށް ފާޑުކިޔަމުންނެވެ.
އެ ބައްދަލުވުމުގައި ޖަމީލް ވިދާޅުވި ގޮތުގައި، ޕާޓީގެ އެންމެން ވެސް އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމަށް ޔާމީން އެދިވަޑައިގަންނަވަ އެވެ. ކާމިޔާބު ލިބޭނީ އެ ގޮތުގައި ތިބެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމަކު ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން އެ ވާހަކަ ނެންގެވީ ޑރ. ޖަމީލް މާ "ޕީޕީއެމް ވެގެން އެޅެނީ" ކަމަށެވެ.
ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެފައި އޮތް ވާހަކައިން، އެފަދަ މާނައެއް ދޭހަވެ އެވެ. އޭނާ ވިދާޅުވީ "ފުރާޅުން ޓިނު ނަގައިގެން ވަދެ، ޕާޓީ ހިސާރުކުރުމަށް އެކަކަށް ވެސް ފުރުސަތެއް ނެތް" ކަމަށެވެ. މިހާރު ބަޔަކަށް ކުއްލިއަކަށް ޕީޕީއެމް ފެނިގެން އުޅެނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެ ޕާޓީން ކާމިޔާބު ކުރާނެކަން އެނގޭތީ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
މުންދު ވިދާޅުވީ ޕާޓީގެ އެ މެމްބަރުންނަށް މިހާރު އާއްމުންގެ އިތުބާރެއް ނެތް ކަމަށެވެ. ޔާމީން ނެތް ތަނުގައި ޕާޓީގެ ހިންގުން ހަވާލުކޮށްފައިވަނީ އެ ދެ ޕާޓީގެ ވެރިންނާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.