މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި، ތައްޔާރުކޮށްފައިވާ ޕެޓިޝަނެއްގައި މިހާތަނަށް 10،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށް ޕީޕީއެމް/ޕީއެންސީން ބުނެފި އެވެ.
ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި، މީގެ ތިން ދުވަސް ކުރިން ސޮއިކުރަން ފެށި އެ ޕެޓިޝަނުގައި ރާއްޖޭގެ އެކި ރަށްރަށުން މީހުން ސޮއިކުރަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް، 10،000 އަށް ވުރެ ގިނަ މީހުން އޭގައި ސޮއިކޮށްފައިވާއިރު، ކުޑަ ދުވަސްކޮޅަކާ ބަލާއިރު އެއީ ގިނަ އަދަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މުންދު ވިދާޅުވި ގޮތުގައި އެ ޕެޓިޝަން، ރާއްޖޭން ބޭރުގެ ކަމާ ބެހޭ ފަރާތްތަކަށް ވެސް ފޮނުވާނެ އެވެ. އަދި ރާއްޖޭގެ ކަމާ ގުޅޭ އިދާރާތަކަށް ޕެޓިޝަން ހުށަހަޅާނީ، ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމް ގަބޫލު ނުކުރާ އެންމެންހެން ސޮއިކޮށް ނިމުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ހަނދުބަލާ މަހުގެ ކޮންމެވެސް ހިސާބެއްގައި އަޅުގަނޑުމެން [ކަމާ ބެހޭ އިދާރާތަކަށް] ޕެޓިޝަން ހުށަހަޅާނަން،" މުންދު ވިދާޅުުވި އެވެ.
އޭނާ ވިދާޅުވީ ޔާމީނަށް އިއްވާފައިވާ ހުކުމާ ގުޅޭ ލިޔެ ކިޔުންތައް، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބޭރުގެ އެކި ޖަމިއްޔާތަަކަށް ހުށަހަޅާފައިވާ ކަމަށެވެ.
ޔާމީނާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އިދިކޮޅު ކޯލިޝަންގެ އިސްވެރިން ވަނީ މިދިޔަ އާދިއްތަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ބައްދަލުކޮށްފަ އެވެ.