ކ. މާފުށީ ކައިރީގައި އޮތް ސަފާރީއެއްގައި މިއަދު އަލިފާން ރޯވެ، އޭގެ ބިދޭސީ ވެރިޔާ ފިހިއްޖެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖާ އިބްރާހިމް އާޒިމް ވިދާޅުވި "އޯޝަން ޑިވައިން މޯލްޑިވްސް" ކިޔާ ސަފާރީގައި މެންދުރު ހިނގި އަލިފާނުގެ ހާދިސާގައި އެމީހާގެ ފައި ފިހުމުން ފަރުވާ ދޭން ގެންދިޔައީ މާފުއްޓަށް ކަމަށެވެ. އެކަމަކު އެއީ ކިހާ ބޮޑު ޒަހަމެއްކަމެއް އަދި އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް ވެސް އެމްއެންޑީއެފަކުން ނުބުނެ އެވެ.
ސަފާރީގެ އިންޖީނު ރޫމުގައި ރޯވި އިރު 13 ގެސްޓަކާއި ދިވެހި ފަސް ފަޅުވެރިއަކު ތިބި ކަމަށް އާޒިމް ވިދާޅުވި އެވެ. އެކަމަކު އޭގެ ވެރިމީހާ ފިޔަވާ އިތުރު މީހަކަށް އަނިޔާއެއް ނުވެ އެވެ.
އެމްއެންޑީއެފުން ބުނީ މެންދުރު 1:30 ހާއިރު ރޯވި އަލިފާން ސިފައިންގެ ފަޔާ އެންޑް ރެސްކިއު ބައިގެ އެހީތެރިކަމާ އެކު 2:30 ހާއިރު ނިންވާލެވުނު ކަމަށެވެ.