މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނުނު (އާރްޓީއައި) ގައިވާ މުއްދަތުގެ ތެރޭގައި މާލެ ސިޓީ ކައުންސިލްގެ މުސާރައިގެ އޮނިގަނޑާ ގުޅޭ މައުލޫމާތު ކައުންސިލުން ދޫކޮށްފައި ނުވާތީ، ހަތް ދުވަހުގެ ތެރޭގައި އެ މައުލޫމާތު ދޫކުރަން އިންފޮމޭޝަން ކޮމިޝަރު ހުސެއިން ފިޔާޒު މޫސާ އިއްޔެ ވަނީ އަންގާފައި.
މާލެ ސިޓީ މޭޔަރު ޝިފާ: އަންނަ އަންގާރަ ދުވަހުގެ ކުރިން ކައުންސިލްގެ މުސާރައިގެ އޮނިގަނޑާ ގުޅޭ މައުލޫމާތު ދޫކުރަން ޖެހޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އިއްޔެ އެންގި .-- ފޮޓޯ: ނިޝާން އަލީ/ މިހާރު
21 ޖެނުއަރީ 2021 - 16:03
މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ މުސާރައިގެ ތަފުސީލް ހޯދަން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ (އާރްޓީއައި) ދަށުން އެދުނު ނަމަވެސް އެ މައުލޫމާތު ހިއްސާ ނުކުރުމުން، ހަތް ދުވަހުގެ ތެރޭގައި އެ ތަފުސީލުތައް ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒު މޫސާ އިއްޔެ އަންގަވައިފި އެވެ.
ކ. ކެޓްލިން، އައިމަން ލަތީފު، އެ މައުލޫމާތު ހޯދަން އެދުނަސް، އެ ކަން ކާމިޔާބު ނުވުމުން އޭނާ އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އީސީއޯ) އަށް ހުށަހެޅީ އެވެ. އެހެންވެ، އޭގެ ސަބަބު ހޯދަން މާލެ ސިޓީ ކައުންސިލާއި އީސީއޯއާ އެކު އިއްޔެ އަޑުއެހުމެއް ބޭއްވި އެވެ. މައްސަލަ ބެލުމަށް ފަހު، އަންނަ އަންގާރަ ދުވަހުގެ ކުރިން އެ މައުލޫމާތު އައިމަން އަށް ހިއްސާކުރަން ޖެހޭނެ ކަމަށް ކޮމިޝަނަރު ފިޔާޒު އެންގެންވި އެވެ.
"... ޝަކުވާ ރައްދުވާ އިދާރާގެ ނިންމުން ރަނގަޅު ނޫން ކަމާއި އެދިފައިވާ މައުލޫމާތު ހަތް ދުވަހުގެ ތެރޭގައި ދޫކުރަން ޖެހޭނެ ކަމަށް ކަނޑައަޅާ، މައްސަލަ ނިންމައިފިން،" - އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒު
މި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލުން ބުނީ ވަކި ފަރުދަކު އެދުމުން ޒާތީ މައުލޫމާތު ހިއްސާ ނުކުރެވޭނެ ކަމަށެވެ. މާލޭ ސިޓީ ކައުންސިލުގެ މުވައްޒަފުންނަށް ދޭ މުސާރަ އާއި އިނާޔަތްތައް ވަކި ތާރީޚެއްގެ ކުރިން އާންމުކުރަން އެއްވެސް ގާނޫނެއްގައިވާ ކަން އެނގިފައި ނެތް ކަމަށާއި އެ އިދާރާ އިން އިސްނަގައިގެން ހިއްސާކުރަން ޖެހޭ މައުލޫމާތު އާންމުކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އެ އިދާރާގެ އަހަރީ ރިޕޯޓު ނެރެން މަސައްކަތް ކުރައްވާ ކަމަށާއި އޭގައި އެ މައުލޫމާތު ހިމެނޭނެ ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.
ނަމަވެސް ކޮމިޝަނަރު ފިޔާޒު ވިދާޅުވީ، ދައުލަތުގެ ފައިސާ ލިބޭ ތަނެއްގެ މުވައްޒަފުންނަށް ދޭ މުސާރައަކީ ޒާތީ މައުލޫމާތެއް ނޫން ކަމަށެވެ. އާރްޓީއައިގެ 37 ވަނަ މާއްދާގައި، އެ މައުލޫމާތު އަހަރަކު އެއް ފަހަރު ދައުލަތުގެ އިދާރާތަކުން އާންމުކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ގާނޫނަށް އަމަލުކުރަން ފެށީ 2014 ވަނަ އަހަރު ކަމަށާއި މިހާތަނަށް އެ މައުލޫމާތު ސިޓީ ކައުންސިލުން އާންމުކޮށްފައި ނުވާ ކަން ފިޔާޒު ފާހަގަކުރެއްވި އެވެ. އާރްޓީއައިގެ ދަށުން އެ ކަމަށް ދިވެހި ރައްޔިތަކު އެދުމުން، ކައުންސިލްގެ އަހަރީ ރިޕޯޓަށް މަޑުކުރަން ނުޖެހޭނެ ކަމަށް ވިދާޅުވެ، ގާނޫނުގައިވާ މުއްދަތުގެ ތެރޭގައި އެ މައުލޫމާތު ހިއްސާކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގާނޫނުގައި އޮންނާނެ ފުރަތަމަ މަރުހަލާގައި [މައުލޫމާތަށް އެދޭ ދުވަހުން ފެށިގެން] 21 ދުވަހުގެ ތެރޭގައި މައުލޫމާތު ދޭން ޖެހޭނެ ކަމަށް. އެ މުއްދަތު 14 ދުވަހަށް އިތުރުކުރެވިދާނެ ކަމަށް. މުރާޖައާ ކޮށްފި ނަމަ 30 ދުވަހުގެ ތެރޭގައި މައުލޫމާތު ދޭން ޖެހޭނެ ކަމަށް،" ފިޔާޒު ވިދާޅުވި އެވެ.
އެ މުއްދަތުގެ ތެރޭގައި އެ މައުލޫމާތު ހިއްސާނުކޮށްފި ނަމަ ކުށްވެރި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސިޓީ ކައުންސިލްގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފަހު، އެއީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށް ކޮމިޝަނަރު ފިޔާޒު ނިންމެވި އެވެ.
"މަތީގައި ބަޔާންކުރެވިފައިވާ ސަބަބުތައް އެހެން ހުރުމުން، ޝަކުވާ ރައްދުވާ އިދާރާގެ ނިންމުން ރަނގަޅު ނޫން ކަމާއި އެދިފައިވާ މައުލޫމާތު ހަތް ދުވަހުގެ ތެރޭގައި ދޫކުރަން ޖެހޭނެ ކަމަށް ކަނޑައަޅާ، މައްސަލަ ނިންމައިފިން،" ފިޔާޒުގެ ނިންމެވުމުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާ ބެއްޔާ
21 January 2021
މާލޭ ސިޓީކައުންސިލް އަކީ މާލޭ މީހުންނަށް އެއްވެސް ބޭނުމެއް ނުހިފޭތަނެއް! މާލެ/ހުޅުމާލެ/ވިލިގިލި/ތިލަފުށި އަދި ގުޅީގަޅު ހިމެނޭގޮތައް އެމްޑީޕީ ސަރުކާރުން އަސްލަންޓޭއާއި އަންނިވެގެން އެޗްޑީސީއަށް ބިންތައް ވަނީ ލާމަރުކަޒީ ޤާނޫނާ ޚިލާފަށް އެޗްޑީސީގެ ލިކްކެއްކަމަށް ހަދާދީނިންމާފައި. ވިހާމަރުވާ މީހުންގެ ދަފްތަރު ބަލަހައްޓާކަށް މޭޔަރ އަދި ކައުންސިލަރުންނެއް ބޭނުމެއްނުވާނެ! މިފަހަރު މާލޭ މީހުން އެމްޑީޕީއަށް ވޯޓް ދޭގޮތަކަށްނޫން މިތިބީ! #ނޯގޯތި ނޯވޯޓް
ސަބީހާ
21 January 2021
ސިޓިކައުންސިލުން ލާން ހުންނަ ސެނެޓައިޒާއަކީ އަޅެ ފަހެ ތެރަސްގަނޑެއްތަ؟ އާންމު މީހާގެ ގޭގައި ވެސް އެއަށް ވުރެ ރަނގަޅު އެއްޗެހި ހުރޭ. އަހަރެން މިއަދު ސިޓިކައުންސިލަށް ޚިދުމަތެއް ހޯދަން ގޮސް ކިރިޔާ މޮޔަނުވީ. ރަނގަޅު ސެނަޓައިޒާރ އެއް ކުޑަ މިނުން ނުބެހެއްޓުނު ސިފާއަކަށް ދެން ކޮންކަމެއް ވާނީ
ގޮހޮޑާ
21 January 2021
ޝިފާ، އެއީ ޒާތީ މަސަލަހަތެއް ނޫނޭ. ދައުލަތުން ނަގާ މުސާރަ އެއީ ރައްޔިތުން ދޭ އެއްޗެކޭ. އޮޅިގެން ނޫޅެބަލަ. ބޮޑު މުސާރަ ނަގައިން ނިދަން ނޯވެ ކުރަންހުރި މަސައްކަތްތައް ކޮއްބަލަ.
ދިއްދޫމީހާ
21 January 2021
ބަލަ ރައްޔިތުންގެ ފައިސާއިން މުސާރަ ދެންޔާ ޖެހޭނީ ހާމަ ކުރަން، އެކަމް ބޭގަމް މީ ޑިމޮކުރަސީގެ މަންމަ ކަމަ ދައުވާ ކުރާމީހެކޯ؟؟
އުދުހޭ
21 January 2021
މައުލޫމާތު ލިބިގަތުމުގެ ގާނޫނާ ޚިލާފްވި ފަރާތާމެދު ވިޔަވަޅު އެޅެންޖެހޭ. އެހެންނޫނީ ކޮންމެފަހަރަކު ދާންޖެހޭނީ ކޯޓަށް. ކޯޓަށް މައްސަލަ ގިނަވުމަކީ ދައުލަތަށް ބޭކާރު ޚަރަދުތަކެއް ހިނގާ ކަމެއް.
ޝަތުސް
21 January 2021
ވަޒީފާ ތަބަކަށް ލާފަ ދިން މީހުން އެނގިދާނެތީ ތަ؟
ރަދީފުލް ކުމާާރު
21 January 2021
ބަލަ ކޮންއިރަކުންނޭ މާލޭމަގުތަކުގާ ތާރުއަޅަނީ.