ކ. ބޮލިފުށީގައި ހިންގަމުންދާ ރިސޯޓު މެނޭޖު ކުރަން ޖުމެއިރާ އަށް އަލުން ދޭން ހައި ކޯޓުން ކޮށްފައިވާ އަމުރު ތަންފީޒުކޮށްފި ނަމަ، އެތައް މިލިއަން ޑޮލަރުގެ ގެއްލުން ވާނެ ކަމަށް އެ ރަށް ހިންގަމުންދާ އެސްޕީއެޗުން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.

ގޭޓްވޭ މޯލްޑިވްސް އަށް ސަރުކާރުން ދޫކޮޮށްފައިވާ ބޮލިފުށި ސަބް ލީޒް އެއްބަސްވުމެއްގެ ދަށުން އޮންނަނީ އެސްޕީއެޗު ކިޔާ ކުންފުންޏެއްގެ ދަށުގަ އެވެ.

އެ ރިސޯޓު ހިންގަން ޖުމެއިރާއާ އެކު، އެސްޕީއެޗުން ހެދި މެނޭޖްމަންޓް އެއްބަސްވުން ބާތިލްކުރި މައްސަލަ ސިންގަޕޫރު އާބިޓްރޭޝަންގައި އޮތުމުން ހައި ކޯޓުން މިދިޔަ ނޮވެމްބަރު މަހު އަމުރު ނެރުނީ އާބިޓްރޭޝަންގެ މައްސަލަ ނިމެންދެން، އެއްބަސްވުން ބާތިލު ކުރުމުގެ ކުރިން އޮތް ހާލަތު (ސްޓެޓަސް ކޯ) ދަމަހައްޓައި އަދި ރިސޯޓު ހިންގުމުގެ ފުރުސަތު ޖުމެއިރާ އަށް ދިނުމަށެވެ. އެ އަމުރު އައިއިރު އެސްޕީއެޗުން އޮތީ އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓުއާ އެކު މެނޭޖްމަންޓް އެއްބަސްވުމެއް ހަދައި، އޮޒެން ރިޒާވް ބޮލިފުށި ގެ ނަމުގައި އެ ރިސޯޓު ހިންގަން ފަށައިފަ އެވެ.

ހައި ކޯޓުގެ އަމުރު އެސްޕީއެޗުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި އެ ކުންފުނީގެ ވަކީލް ޝާހީން ހަމީދު ވިދާޅުވީ، ހައި ކޯޓުން އަމުރު ނެރުނީ އެޓްމޮސްފިއާއާ އެކު އެއްބަސްވުން ހަދައި، އެތައް މިލިއަން ޑޮލަރެއް ޚަރަދު ކޮށްގެން އާ ބްރޭންޑިންއެއްގެ ދަށުން ރިސޯޓު ހިންގަން ފެށިތާ ހަތް މަސް ފަހުން ކަމަށެވެ. އެހެންވެ، ޖުމެއިރާ އަށް އަލުން ރިސޯޓު މެނޭޖު ކުރަން ދޭ ނަމަ، އެ ހުރިހާ ޚަރަދެއް ބޭކާރުވެ، އެތައް މިލިއަން ޑޮލަރެއް ޚަރަދު ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޖުމެއިރާގެ މެނޭޖްމަންޓް އެއްބަސްވުން ބާތިލް ކުރިއިރު ބާކީ އޮތް 10 އަހަރު ދުވަހަށް މެނޭޖްމަންޓް ފީގެ ގޮތުގައި އެ ކުންފުންޏަށް ލިބޭނީ ނުވަ މިލިއަން ޑޮލަރު ކަމަށާއި އެކަމަކު އަލުން އެ ކުންފުންޏަށް އެ ރިސޯޓް ހިންގަން ދޭ ނަމަ އޭގެ އެތައް ގުނައެއް އެސްޕީއެޗުން ޚަރަދު ކުރަން ޖެހޭނެ ކަމަށް ޝާހީން ވިދާޅުވި އެވެ.

"ނުވަ މިލިއަން ޑޮލަރު ހިމާޔަތް ކުރަން އޭގެ އެތައް ގުނައެއް ބޮޑުކޮށް، ގާތްގަނޑަކަށް 50 ވަރަކަށް މިލިއަން ޑޮލަރު ޚަރަދު ކުރަން އެބަޖެހޭ. އެއީ އާ ބްރޭންޑެއްގެ ދަށުން ރިސޯޓް ހިންގަން ގެނައި ބަދަލުތަކަށް ޚަރަދުކުރި 22 މިލިއަން ޑޮލަރު ބޭކާރު ކޮށްލާފައި އަނެއްކާ އިތުރު 30 ވަރަކަށް މިލިއަން ޑޮލަރު މި ޚަރަދު ކުރަން މި ޖެހެނީ ޖުމެއިރާ އަށް ރިސޯޓް އޮޕަރޭޓް ކުރަން ދޭ ނަމަ،" ޝާހީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ޖުމެއިރާއަކީ ބޮލިފުށި ތަރައްގީ ކުރަން އެއްވެސް ވަރަކަށް އިންވެސްޓްކުރި ފަރާތެއް ނޫނެވެ. އެ ހުރިހާ ޚަރަދެއް ކުރީ އެސްޕީއެޗްގެ ފަރާތުން ކަމަށް ވިދާޅުވި އެވެ.

އެސްޕީއެޗުން މިހާތަނަށް 145 މިލިއަން ޑޮލަރު އެ ރިސޯޓް ތަރައްގީ ކުރަން ޚަރަދު ކޮށްފައިވާ ކަމަށާއި މުވައްޒަފުން ވެސް ތިބެނީ އެ ކުންފުނީގެ ދަށުގައި ކަމަށް ޝާހީން ވިދާޅުވި އެވެ. ޖުމެއިރާގެ ހަމައެކަނި ދައުރަކީ ރިސޯޓް މެނޭޖް ކުރުން ކަމަށާއި އެކަން ކުރުމުން އެއްބަސްވުމުގެ މުއްދަތުގައި އެ ކުންފުންޏަށް ލިބެންޖެހޭ މެނޭޖްމަންޓް ފީ ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިސޯޓް ހިންގުމަށް އެޓްމޮސްފިއާއާ އެކު މެނޭޖްމަންޓް އެއްބަސްވުން ހަދައި އަދި ޓޫރިޒަމް މިނިސްޓްރީން އެކަމަށް ހުއްދަ ދީފައިވާ ކަން ފާހަގަ ކުރައްވައި، ޝާހީން ވިދާޅުވީ ހައި ކޯޓުގެ އަމުރު ތަންފީޒު ކޮށްފި ނަމަ، މައުސޫމް ތިން ވަނަ ފަރާތެއް ކަމަށްވާ އެޓްމޮސްފިއާގެ ހައްގުތަކެއް ގެއްލޭނެ ކަމަށެވެ. ޖުމެއިރާ އަށް ރިސޯޓު މެނޭޖްކުރަން ފުރުސަތު ދީފައި ވަނިކޮށް އާބިޓްރޭޝަންގެ މައްސަލަ ޖުމެއިރާ އަށް ކާމިޔާބު ނުވެއްޖެ ނަމަ، ގެއްލިގެންދިޔަ އެޓްމޮސްފިއާގެ ހައްގުތަކާއި އެސްޕީއެޗްގެ ހައްގުތައް އިއާދަ ކުރާނީ ކިހިނެތްތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.

ޝާހީން ވިދާޅުވި ގޮތުގައި މެނޭޖްމަންޓް އެއްބަސްވުމުގެ ދަށުން ޖުމެއިރާއަށް ލިބޭނެ އާމްދަނީ އާއި ފައިދާއަކީ ހިސާބު ކުރެވޭނެ އަދަދުތަކެއް ކަމަށްވާތީ ރިސޯޓް މެނޭޖް ކުރަން ޖުމެއިރާއަށް އަލުން ފުރުސަތު ދޭކަށް ނުޖެހޭނެ އެވެ. ލިބޭނެ ގެއްލުމަކީ ހިސާބުކޮށް، ބަދަލު ދެވޭނެ ގެއްލުންތަކެއް ނަމަ، އެތަނެއް ހިންގަން އަލުން ފުރުސަތު ދޭން ނުޖެހޭނެ ކަމަށް ކޯޓުތަކުން ނިންމާފައި ހުރިކަން ފާހަގަ ކުރައްވައި، ޝާހީން މިސާލެއްގެ ގޮތުން ނެންގެވީ ޖީއެމްއާރުއާ އެކު ދިވެހި ސަރުކާރުން ހެދި އެއާޕޯޓް ހިންގުމުގެ އެއްބަސްވުމުގެ މައްސަލަ އެވެ.

އެ މައްސަލަ ވެސް އާބިޓްރޭޝަނުން ނިމިގެންދިޔައީ އެއާޕޯޓް ހިންގަން އަލުން ފުރުސަތު ދޭންޖެހޭ ގޮތަށް ނޫން ކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ރިސޯޓް ހިންގަން ޖުމެއިރާއަށް އަލުން ފުރުސަތު ދޭ ނަމަ، އެތައް ޓޫރިސްޓުންނެއްގެ ބުކިން ކެންސަލްވެ، އިތުރަށް ނުވަ ވަރަކަށް މިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށާއި ހައި ކޯޓުން ނެރުނީ ތަންފީޒު ނުކުރެވޭނެ ބާވަތުގެ އަމުރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާހީން ވިދާޅުވި ގޮތުގައި ޖުމެއިރާއިން ވަނީ ވަގުތީ އަމުރަށް އެދުމުގައި ވެސް އަދުލު އިންސާފުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފައިފަ އެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ ޖުމެއިރާ އިން އާބިޓްރޭޝަނަށް ފުރަތަމަ ފަހަރަށް މައްސަލަ ހުށަހަޅައި އަދި ރާއްޖޭގެ ހައި ކޯޓުގައި ވަގުތީ އަމުރަކަށް އެދުމަށް ފަހު އެސްޕީއެޗް އިން އެކަމަށް ޖަވާބުދާރީވުމުން އާބިޓްރޭޝަންގައި އޮތް މައްސަލަ ޖުމެއިރާ އިން އަނބުރާ ގެންދިިއުމެވެ.

އެ މައްސަލަ ޖުމެއިރާ އިން އޭރު އަނބުރާ ގެންދިޔައީ ހައި ކޯޓުގައި ވަގުތީ އަމުރުގެ މައްސަލަ ކާމިޔާބު ނުވާނެ ކަން އެނގުމުން ކަމަށާއި ދެވަނަ ފަހަރަށް އާބިޓްރޭޝަނަށް އެ މައްސަލަ ހުށަހަޅައި އަދި ދެވަނަ ފަހަރަށް ހައި ކޯޓުގައި ވަގުތީ އަމުރަށް އެދުނީ އެހެންވެ ކަމަށް ޝާހީން ވިދާޅުވި އެވެ. އަދި އާބިޓްރޭޝަންގައި އެފަދަ ވަގުތީ އަމުރަކަށް ޖުމެއިރާ އިން ނޭދެނީ އާބިޓްރޭޝަނުން އެ އަމުރު ނެރެ ނުދޭނެ ކަން އެނގޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ހައި ކޯޓުން ވަގުތީ އަމުރު ނެރުމުގައި އަމަލުކުރި އިޖްރައާތުތަކާ މެދު ވެސް ޝާހީން އެ އަޑުއެހުމުގައި ސުވާލު އުފެއްދެވި އެވެ. އޭނާ ވިދާޅުވީ އާބިޓްރޭޝަންގައި ހިނގާ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ހައި ކޯޓަށް ވަގުތީ އަމުރެއް ނެރެވޭނީ އެކަމާ ބެހޭ އުސޫލުތަކެއް ހައި ކޯޓުން އެކުލަވާލުމަށް ފަހު ކަމަށް އާބިޓްރޭޝަންގެ ގާނޫނުގައި ބުނާއިރު، އެފަދަ އުސޫލެއް މިހާތަނަށް ހައި ކޯޓުގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަމުރު ނެރުމުގައި އާބިޓްރޭޝަނުން ބަލަމުންދާ މައްސަލާގެ މައުޟޫއުއަށް ގޮތްތަކެއް ހައި ކޯޓުން ކަނޑައަޅައި، ރައުޔު ފާޅު ކޮށްފައިވާ ކަމަށާއި އެއީ ވަގުތީ އަމުރު ނެރުމުގެ އުސޫލުތަކާ ޚިލާފް ކަމެއް ކަމަށް ވެސް ޝާހީން ވިދާޅުވި އެވެ.

އެ މައްސަލައިގެ ތެރެއަށް ރިސޯޓުގެ ހެޑްލީސް ހޯލްޑަރު ކަމަށްވާ ގޭޓްވޭ މޯލްޑިވްސް އިން ވެސް ވަނީ ވަދެފަ އެވެ. އެ ފުރުސަތު ގޭޓްވޭއަށް ދިނުމަށް ޖުމެއިރާ އިން ދެކޮޅު ހެދިޔަސް، ސުޕްރީމް ކޯޓުން ނިންމީ އެ ކުންފުނީގެ މަސްލަހަތު އެ މައްސަލާގައި އޮތް ކަމަށެވެ.

އެ މައްސަލާގެ ދެން އޮންނަ އަޑުއެހުމުގައި އޮންނާނީ ގޭޓްވޭގެ ފަރާތުން ވާހަކަ ދެއްކުމާއި ޖުމެއިރާގެ ފަރާތުން ޖަވާބުދާރީވުމެވެ. އެ މައްސަލާގެ އިތުރު އަޑުއެހުމެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ.

އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.