ކ. ބޮލިފުށީގައި ހިންގަމުންދާ ރިސޯޓް ޖުމެއިރާއަށް އަލުން ދޭ ނަމަ ލޯނު ނުދެއްކި އަދި އެރަށުގެ ހެޑް ލީސް ގެއްލުމުގެ ބިރު އެބަ އޮތް ކަމަށް އެ ރަށުގެ ހެޑް ލީސް ހޯލްޑަރު ކަމަށްވާ ގޭޓްވޭ މޯލްޑިވްސް އިން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.
ގޭޓްވޭއަށް ސަރުކާރުން ދޫކޮށްފައިވާ ބޮލިފުށި އެސްޕީއެޗް ކިޔާ ކުންފުންޏަކަށް ސަބް ލީސްކޮށް، އެސްޕީއެޗް އާއި ޖުމެއިރާއާ އެކު ހެދި މެނޭޖްމަންޓް އެއްބަސްވުމެއްގެ ދަށުން "ޖުމެއިރާ ވިޓަވެލި" ގެ ނަމުގައި ރިސޯޓް ހިންގަމުން ދަނިކޮށް މިދިޔަ އަހަރު އެސްޕީއެޗް އިން ވަނީ އެ އެއްބަސްވުން ބާތިލްކޮށްފަ އެވެ. އެ މައްސަލަ ޖުމެއިރާ އިން ސިންގަޕޫރު އާބިޓްރޭޝަނަށް ހުށަހަޅާފައިވާތީ ހައި ކޯޓުން މިދިޔަ ނޮވެމްބަރު މަހު ވަގުތީ އަމުރެއް ނެރުނީ އާބިޓްރޭޝަންގެ މައްސަލަ ނިމެންދެން، އެއްބަސްވުން ބާތިލް ކުރުމުގެ ކުރީގެ ހާލަތު (ސްޓެޓަސް ކޯ) ދަމަހައްޓައި، އަދި ރިސޯޓް ހިންގަން އެ ކުންފުންޏަށް ފުރުސަތު ދިނުމަށެވެ.
ހައި ކޯޓުގެ އަމުރު އައިއިރު، އެސްޕީއެޗް އިން އޮތީ އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސްއާ އެކު މެނޭޖްމަންޓް އެއްބަސްވުމެއް ހަދައި، އަދި "އޮޒެން ރިޒާވް ބޮލިފުށި" ގެ ނަމުގައި އެ ރިސޯޓް ހިންގަން ފަށައިފަ އެވެ. އެ މައްސަލަ އެސްޕީއެޗް އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ހައި ކޯޓުގެ ވަގުތީ އަމުރަށް އަމަލު ކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ސުޕްރީމް ކޯޓުން އޮތީ ނެރެފަ އެވެ. ސުޕްރީމް ކޯޓުގައި ހިނގާ މައްސަލައިގެ ތެރެއަށް ގޭޓްވޭ އިން ވެެސް ވަނީ ތަދައްޚުލްވެފަ އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ގޭޓްވޭގެ ވަކީލް މުހައްމަދު ފިޒާން ވިދާޅުވީ އެ ރިސޯޓް ތަރައްގީކުރަން އެސްޕީއެޗް އިން ޖަރުމަނުގެ ބޭންކަކުން ނެގި 57 މިލިއަން ޑޮލަރުގެ ލޯނަކާ ގުޅިގެން ގޭޓްވޭގެ ހެޑް ލީސް ހައްގުތައް ރަހުނު ކޮށްފައިވާ ކަމަށެވެ. އެ ރިސޯޓް ހިންގަން އަލުން ޖުމެއިރާއަށް ފުރުސަތު ދީފި ނަމަ، ބޮޑެތި ގެއްލުންތަކެއް އެސްޕީއެޗްއަށް ލިބި އަދި ރަށުގެ ކުއްޔާއި ލޯނު ދައްކަން އެސްޕީއެޗްއަށް ހުރަސް އެޅޭނެ ކަމަށާއި ލޯނު ނުދެއްކިއްޖެ ނަމަ، އެރަށުގެ ހެޑް ލީސް ހައްގުތައް ގޭޓްވޭ އަތުން ގެއްލޭނެ ކަމަށް ފިޒާން ވިދާޅުވި އެވެ.
ފިޒާން ވިދާޅުވި ގޮތުގައި އެސްޕީއެޗް އިން ރިސޯޓް ތަރައްގީކޮށްފައިވާއިރު ގޭޓްވޭއާ ދެމެދު މިިހާތަނަށް އެއްވެސް މައްސަލައެއް ނުޖެހި، އެސްޕީއެޗް އިން ދައްކަންޖެހޭ ކުލިތައް ބަރާބަރަށް ގޭޓްވޭއަށް އަންނަނީ ލިބެމުންނެވެ. ޖުމެއިރާ އިން އަދާކުރީ ރިސޯޓް ދުވަހުން ދުވަހަށް ހިންގުމުގެ ދައުރެއް ކަމަށާއި އެ ކުންފުނިން ރިސޯޓަށް ކުރި އިންވެސްޓްމަންޓެއް އަދި ޚަރަދެއް ނޯންނާނެކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ ޖުމެއިރާއަށް އަލުން ފުރުސަތު ދޭ ނަމަ އެސްޕީއެޗްއަށް އެކަނި ވެސް 100 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށެވެ. އެކަމަކު ޖުމެއިރާގެ އެއްބަސްވުން ބާތިލް ކުރިއިރު، ބާކީ އޮތް 10 އަހަރުގެ އާމްދަނީ ހިސާބު ކުރުމުން ވެސް ޖެހެނީ އެންމެ 16 މިލިއަން ޑޮލަރު ކަމަށް އޭނާ ވިދާޅުވި އެވެ.
ބަދަލު ދޭން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރުމުގެ ގާބިލްކަން އެސްޕީއެޗްގެ ކިބައިގައި ހުރިކަން ސާބިތުނުވާ ކަމަށް ހައި ކޯޓުން ނިންމާފައިވާތީ އެކަމާ ގުޅިގެން ފިޒާން ވިދާޅުވީ އެސްޕީއެޗް އިން ރިސޯޓް ތަރައްގީކުރަން ޖަރުމަނުގެ ބޭންކުން ލޯނު ނެގީ ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ޓޫރިޒަމް އެއްކޮށްގެން ހުއްޓިފައި ވަނިކޮށް ކަމަށެވެ. އެސްޕީއެޗްއަކީ މާލީ ގާބިލްކަން ނެތް ކުންފުންޏެއް ނަމަ، ޖަރުމަނު ބޭންކުން އެވަރުގެ ބޮޑު ލޯނެއް އެސްޕީއެޗްއަށް ދޫކުރާނެތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
ގޭޓްވޭގެ ވަކީލުންގެ ޓީމުގައި ހިމެނޭ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު (ރިޓަޔާޑް) އައްބާސް ޝަރީފް ވިދާޅުވީ ވަގުތީ އަމުރު ނެރުމުގައި ބަލަން ޖެހެނީ ގެއްލުން ލިބުމުގެ ފުރުސަތު ބޮޑީ ކޮން ފަރާތަކަށް ތޯ އާއި އަދި އާބިޓްރޭޝަންގައި އޮތް މައްސަލަ ނިމޭ ގޮތަކުން، ބަދަލު ދޭން ޖެހިއްޖެ ނަމަ އެ ގާބިލްކަން ހުރިތޯ ކަމަށެވެ. ޖުމެއިރާއަށް އަލުން ފުރުސަތު ދީފި ނަމަ، އެސްޕީއެޗް އިން ނަގާފައިވާ ލޯނު ނުދެއްކިގެން އެ ރަށުގެ ހެޑް ލީސް ހައްގުތައް ގެއްލިއްޖެ ނަމަ، 500 މިލިއަން ޑޮލަރުގެ ގެއްލުން ގޭޓްވޭއަށް ލިބޭނެ ކަމަށް ވިދާޅުވި އެވެ. އެއީ ހެޑް ލީސް އެއްބަސްވުމުގެ މުއްދަތުގައި ގޭޓްވޭއަށް ލިބޭނެ އާމްދަނީ އެވެ.
އައްބާސް ވިދާޅުވި ގޮތުގައި ހައި ކޯޓުގެ އަމުރު ތަންފީޒު ކުރާ ނަމަ، ވަގުތީ ގޮތުން ރިސޯޓް ބަންދު ކުރަން ޖެހުމުގެ އިތުރަށް އަދި އެތައް ޓޫރިސްޓުންނެއްގެ ބުކިން ކެންސަލްކޮށް އެ މީހުންނަށް ފަައިސާ އަނބުރާ ދޭން ޖެހޭނެ އެވެ. އަދި އެޓްމޮސްފިއާގެ ދަށުން ރިސޯޓް ރީ ބްރޭންޑްކޮށް ހިންގަން ކޮށްފައިވާ އެތައް ޚަރަދަކާއި މަސައްކަތެއް ބޭކާރު ވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ކުޑަކުޑަ މަސައްކަތެއް ނޫން އިނގޭތޯ މިއީ. ހަ މަސް ދުވަހުގެ މަސައްކަތް މިއީ. އެއް ދުވަހު ބަންދުކޮށްފައި ޖެހިގެން އައި ދުވަހު ހުޅުވީކީއެއް ނޫން،" އައްބާސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ ވަގުތީ އަމުރު ނެރުމުގައި ދެވަނަ ކަންތައް ކަމަށްވާ، ގެއްލުމުގެ ބަދަލު ހިސާބު ކުރެވޭނެތޯ ބަލާއިރު ޖުމެއިރާއާ އެއްކޮޅަށް އާބިޓްރޭޝަންގައި މައްސަލަ ނިމުނަސް، އެ ކުންފުންޏަށް ލިބުނު ގެއްލުންތަކަކީ ހިސާބު ކުރެވި، ބަދަލު ދެވިދާނެ ކަމެއް ކަމަށެވެ. އެހެންވުމުން އެއްބަސްވުން ދެމެހެއްޓުމުގެ އަމުރެއް ނެރެން ނުޖެހޭނެ ކަމަށް ވިދާޅުވެ، އޭގެ މިސާލެއްގެ ގޮތުން އޭނާ ދެއްކެވީ ޖީއެމްއާރު މައްސަލާގައި އާބިޓްރޭޝަނުން ނިންމި ނިންމުމެވެ. ޖީއެމްއާރުގެ މައްސަލަ އާބިޓްރޭޝަންގައި ހިނގަމުން ދިޔައިރު، އެއާޕޯޓް ހިންގަން ޖީއެމްއާރަށް އަލުން ދޭކަށް ނާންގަ އެވެ.
ބޭރުގައި ހިނގާ އާބިޓްރޭޝަންގެ މައްސަލައަކަށް ރާއްޖޭގެ ކޯޓަކުން ފުރަތަމަ ފަހަރަށް ނެރުނު ވަގުތީ އެ އަމުރާ ގުޅިގެން އައްބާސް ދެން ފާހަގަ ކުރެއްވީ އިޖްރާއީ ގޮތުން އެ އަމުރުގައި ހުރި ގޯސްތަކެވެ. އޭނާ ވިދާޅުވީ އެ އަމުރު ނެރުނީ އާބިޓްރޭޝަންގެ ގާނޫނުގެ 45 ވަނަ މާއްދާގެ ދަށުން ކަމަށް ވިޔަސް، އެ މާއްދާ އޮތްގޮތުން އެފަދަ އަމުރެއް ނެރެވޭނީ އެކަމާ ބެހޭ އުސޫލުތައް ހައި ކޯޓުން ދުރާލާ ކަނޑައެޅުމަށް ފަހު ކަމަށެވެ. އެ އަމުރު ނެރުމާ ހަމައަށް އެފަދަ އުސޫލުތަކެއް ނެތްކަން ހައި ކޯޓުގެ އަމުރުގައި ވެސް ބުނެފައިވާ ކަމަށް އައްބާސް ވިދާޅުވި އެވެ.
"ހަމައެކަނި މި ސަބަބުގެ މައްޗަށް ބެލިޔަސް، އަމުރުގެ ސައްހަކަން އެބަ ގެއްލޭ" އައްބާސް ވިދާޅުވި އެވެ.
ޖުމެއިރާގެ ވަކީލް ހުސައިން ސިރާޖް ވިދާޅުވީ މާލީ ބަދަލު ދެވޭ ކޮންމެ ހާލަތެއްގައި ސްޓެޓަސް ކޯ ދެމެހެއްޓުމުގެ ވަގުތީ އަމުރުތައް ނުނެރެވޭނެ ކަމަށް ނުބުނެވޭނެ ކަމަށެވެ. އެގޮތަށް އަމަލު ކުރަން ފަށައިފި ނަމަ، ގޯސްކޮށް އެއްބަސްވުންތައް ބާތިލްކުރަން ފުރުސަތު ދެވޭނެ ކަމަށާއި އަދި ރާއްޖެ ފަދަ ޓޫރިޒަމަށް ބަރޯސާވާ ގައުމެއްގައި އެފަދަ ކަމަކަށް ފުރުސަތު ދިނުމަކީ ގެއްލުން ވެދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބަދަލު ހިސާބުކޮށް، ބަދަލު ދެވެން އޮންނަ ހާލަތްތަކުގައި ސްޓެޓަސް ކޯ ދެމެހެއްޓުމުގެ އަމުރު ނުދޭ ގޮތަށް އަމަލުކުރި ބައެއް ގައުމުތަކުން އެ އުސޫލު މިިހާރު ބަދަލު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
ސިރާޖް ވިދާޅުވީ އެސްޕީއެޗް އިން އެއްބަސްވުން ބާތިލްކުރީ އެ މައްސަލަ ޖުމެއިރާ އިން އާބިޓްރޭޝަނަށް ހުށަހަޅާނެ ކަން އެނގިތިބެ ކަމަށާއި އެޓްމޮސްފިއާ އިން އެސްޕީއެޗްއާ އެކު މެނޭޖްމަންޓް އެއްބަސްވުން ހެދީ ވެސް އެކަން އެނގި ތިބެގެން ކަމަށެވެ. އެހެންވެ، އެއީ އެ ދެ ކުންފުނިން އަމިއްލައަށް ނެގި ރިސްކެއް ކަމަށް ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެޓްމޮސްފިއާގެ ހައްގުތައް ގެއްލޭނެ ކަމަށް އެސްޕީއެޗް އާއި ގޭޓްވޭ އިން ބުންޏަސް، އެޓްމޮސްފިއާ އިން އެ މައްސަލާގެ ތެރެއަށް ވަދެ ނުވަތަ އެފަދަ ވާހަކައެއް ދައްކާފައިނުވާ ކަމަށް ސިރާޖް ވިދާޅުވި އެވެ.
ސިރާޖް ވިދާޅުވީ ބަދަލު ދިނުމުގެ ގާބިލްކަން ހުރިކަން ސާބިތުކޮށް ދޭން އެސްޕީއެޗްގެ މާލީ ހާލަތު އެނގޭނެ ނުވަތަ ވަގުތީ އަމުރުގެ ސަބަބުން އެސްޕީއެޗްއަށް ލިބޭނެ ގެއްލުންތައް ސާބިތު ކުރަން އެ ކުންފުނިން ހައި ކޯޓަށް ހެއްކެއް ހުށަހަޅާފައިނުވާ ކަމަށާއި ހަމައެކަނި އޮތީ ބުނާ ބުނުމެއް ކަމަށް ވިދާޅުވި އެވެ. އަދި ހައި ކޯޓަށް ހުށަހަޅާފައި ނުވާ ލިޔުންތަކެއް އެސްޕީއެޗް އިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި އެއީ އިސްތިއުނާފީ އުސޫލާ ޚިލާފް ކަމެއް ކަމަށް ވިދާޅުވެ، އެ ލިޔުންތައް ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވި އެވެ.
ސިރާޖް ވިދާޅުވި ގޮތުގައި އެއްބަސްވުން ގޯސްކޮށް ބާތިލް ކުރުމުން ލިބޭ ކޮންމެ ގެއްލުމަކީ މާލީ ގެއްލުމަކަށް ނުވެދާނެ އެވެ. ޖުމެއިރާއަކީ އެތައް ގައުމެއްގައި ރިސޯޓް ހިންގާ ކުންފުންޏެއް ކަމަށް ވާއިރު، ބޮލިފުށި ރިސޯޓްގެ އެއްބަސްވުން ބާތިލް ކުރުމުން ރާއްޖޭގައި އެ ކުންފުންޏަށް މިހާރު ފުރުސަތު ގެއްލިފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން ކުންފުނީގެ ތަސައްވުރަށް އަސަރު ކުރާނެ ކަމަށް ވިދާޅުވި އެވެ.
ޖުމެއިރާގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް ޝަހުދީ އަންވަރު ޖުމެއިރާ އާއި އެސްޕީއެޗްއާ ދެމެދު އޮތް އެއްބަސްވުން އޮތްގޮތުން ދެ ފަރާތުގެ ދެމެދުގައި މައްސަލައެއް ޖެހުނަސް، އެއްބަސްވުމުގެ ދަށުން އަދާކުރަން ޖެހޭ ޒިންމާތައް ދެ ފަރާތުން ވެސް ބަރާބަރަށް އަދާކުރަން ލާޒިމްވާ ކަމަށެވެ. އަދި ޖުމެއިރާއަށް އަލުން ރިސޯޓް ދޭ ނަމަ، ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް އެސްޕީއެޗް އާއި ގޭޓްވޭ އިން ބުނާ ބުނުމަކީ އެއްބަސްވުމާ ޚިލާފްވާން ދެއްކޭނެ ހުއްޖަތެއް ނޫން ކަމަށާއި އަދި އެޓްމޮސްފިއާގެ ހައްގުތައް އޮތުމަކީ ވެސް އުޒުރެއް ނޫން ކަމަށް ވިދާޅުވި އެވެ.
ކުރީގެ އަޑުއެހުމުގައި އެސްޕީއެޗްގެ ފަރާތުން ވެސް ވަނީ ޖުމެއިރާއަށް އަލުން ރިސޯޓް ދޭ ނަމަ، ބޮޑު ގެއްލުންތަކަކާ ކުރިމަތިވެދާނެ ކަމަށް ބުނެފަ އެވެ. އެ ކުންފުނީގެ ވަކީލް ޝާހިން ހަމީދު ކުރީގެ އަޑުއެހުމުގައި ތަފްސީލުކޮށް ވާހަކަ ދައްކާފައިވާއިރު، މިއަދު ކުރިއަށް ދިޔައީ ގޭޓްވޭ އާއި ޖުމެއިރާ އިން ވާހަކަ ދެއްކުމެވެ.
ފަސް ގަޑިއިރަށް ދިގު ދެމިގެންދިޔަ މިއަދު އަޑުއެހުން ނިންމާލީ ދެން އޮންނާނީ އެ މައްސަލާގެ އެންމެ ފަހު އަޑުއެހުން ކަން އިއުލާން ކުރެއްވުމަށް ފަހު އެވެ. އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލީ ރަޝީދާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ރިޔާސަތަކީ ފަނޑިޔާރު އަލީ ރަޝީދެވެ.