ބޮލިފުށި ރިސޯޓު ހިންގުން ޖުމެއިރާ އަށް އަލުން ދޭން ހައި ކޯޓުން ނެރުނު ވަގުތީ އަމުރު ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ގޭޓްވޭ މޯލްޑިވްސް އަށް ސަރުކާރުން ދޫކުރި ކ. ބޮލިފުށި ރިސޯޓު، ސަބް ލީސް އެއްބަސްވުމެއްގެ ދަށުން އޮންނަނީ އެސްޕީއެޗްގެ ދަށުގަ އެވެ. އެސްޕީއެޗާއި ޖުމެއިރާއާ އެކު ހެދި މެނޭޖްމަންޓް އެއްބަސްވުމެއްގެ ދަށުން "ޖުމެއިރާ ވިޓަވެލި" ގެ ނަމުގައި އެ ރިސޯޓް ހިންގަމުން ދަނިކޮށް އެސްޕީއެޗުން މިދިޔަ އަހަރު ވަނީ އެއްބަސްވުން ބާތިލްކޮށްފަ އެވެ.
ޖުމެއިރާ އިން އެ މައްސަލަ ސިންގަޕޫރު އާބިޓްރޭޝަނަށް ހުށަހަޅާފައިވާތީ، ޖުމެއިރާގެެ އެދުމަކަށް ރާއްޖޭގެ ހައި ކޯޓުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އަމުރު ނެރުނީ އާބިޓްރޭޝަންގެ މައްސަލަ ނިމެންދެން، ރިސޯޓް ހިންގުމުގެ ފުރުސަތު ޖުމެއިރާ އަށް ދިނުމަށެވެ. އެ އަމުރު އައީ އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސްއާ އެކު އެސްޕީއެޗުން އެއްބަސްވުމެއް ހަދައި، "އޮޒެން ރިޒާވް ބޮލިފުށި" ގެ ނަމުގައި ވަނީ ރިސޯޓް ހިންގަން ފެށި ފަހުންނެވެ. އެއީ ބޭރުގައި ހިނގާ އާބިޓްރޭޝަނާ ގުޅިގެން ރާއްޖޭގެ ކޯޓަކުން ފުރަތަމަ ފަހަރަށް ނެރުނު އަމުރެވެ.
އެ މައްސަލަ އެސްޕީއެޗްގެ ފަރާތުން އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި މަޖިލީހުގައި ހުކުމް އިއްވަވަމުން އެ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަލީ ރަޝީދު ވިދާޅުވީ، ވަގުތީ އަމުރު ނުނެރެފި ނަމަ ޖުމެއިރާ އަށް ލިބޭނެ ގެއްލުމަށް ވުރެ އެ އަމުރު ނެރުމުން އެސްޕީއެޗަށް ލިބޭނެ ގެއްލުންތައް އެތައް ގުނައެއް ބޮޑުވާނެ ކަމަށެވެ. ވަގުތީ އަމުރު ނެރުނީ އެއްބަސްވުން ބާތިލް ކުރިތާ ހަ މަސް ފަހުން ކަމަށާއި އެހާ ދިގު މުއްދަތެއް ވަގުތީ އަމުރު ނެރުމުގައި ހޭދަވީ ޖުމެއިރާގެ ސަބަބުން ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އެހެންވެ، ހަ މަސް ދުވަހުގެ ކުރީގެ ހާލަތު އަނބުރާ އިއާދަކުރާ ނަމަ، ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
ވަގުތީ އަމުރެއް ނެރެވޭނީ އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ ހާލަތުގައި ކަމަށާއި އެފަދަ އަމުރުތައް ނެރުމުގައި ދެ ފަރާތަށް ލިބިދާނެ ގެއްލުންތަކަށް ބަލަންޖެހޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އަތުލި ޖީއެމްއާރުގެ މައްސަލައިގައި ސިންގަޕޫރު ހައި ކޯޓުން ވެސް އަމަލުކުރީ އެގޮތަށް ކަމަށް ފަނޑިޔާރު އަލީ ރަޝީދު ވިދާޅުވި އެވެ.
ފަނޑިޔާރު ވިދާޅުވިގޮތުގައި، އާބިޓްރޭޝަންގައި ހިނގާ މައްސަލައިގެ މައުލޫއީ ކަންކަމަށް ސުޕްރީމް ކޯޓުން ގޮތެއް ނުނިންމޭނެ އެވެ. އެ ކޯޓުން ބަލާނީ އާބިޓްރޭޝަންގައި ހިނގާ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ހައި ކޯޓަށް ވަގުތީ އަމުރެއް ނެރެވިދާނެތޯ އާއި އަމުރު ނެރެވޭނީ ކިހިނެތްތޯ ކަން އެކަނި ކަމަށް ވިދާޅުވި އެވެ. އަދި އާބިޓްރޭޝަންގައި ހިނގާ މައްސަލަތަކާ ގުޅިގެން ހައި ކޯޓަށް ވަގުތީ އަމުރު ނެރެވެނީ އެކަމާ ބެހޭ އުސޫލުތަކެއް ކޯޓުން ކަނޑައެޅުމަށް ފަހު ކަމަށް އާބިޓްރޭޝަންގެ ގާނޫނުގައި ބުނާއިރު، އެ އަމުރު ނެރުނީ އެފަދަ އުސޫލެއް ނެތި ކަމަށް ފަނޑިޔާރު އަލީ ރަޝީދު ވިދާޅުވި އެވެ. އެކަމަކު އާބިޓްރޭޝަނަށް އެފަދަ އަމުރުތައް ނެރުމުގެ ބާރު ލިބިގެންވާ މިންވަރަށް ހައި ކޯޓަށް ވެސް އެ ބާރު ލިބިފައިވާތީ އަމުރު ހައި ކޯޓުން ނެރުމަށް ގާނޫނީ ގޮތުން ހުރަހެއް ނެތް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
ފަނޑިޔާރު ވިދާޅުވީ އާބިޓްރޭޝަންގެ ގާނޫނު އޮތްގޮތުން އެފަދަ ވަގުތީ އަމުރުތައް ހައި ކޯޓަށް ނެރެވޭނީ އެ ކޯޓުގެ އަމިއްލަ އިސް ނެގުމުގައި ކަމަށެވެ. އެކަމަކު އަމިއްލަ އިސް ނެގުމުގައި ނޫން ގޮތަކަށް އަމުރު ނުނެރެވޭނެ ކަމަށް ބަލަން ފަށައިފި ނަމަ، އެފަދަ އަމުރެއް ދުވަހަކު ވެސް ކޯޓުތަކުން ނުނެރޭނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އަމިއްލަ އިސް ނެގުމުގައި އަމުރު ނެރެވޭ ނަމަ، މީހަކު އެދިގެން އެފަދަ އަމުރުތައް ނެރުން އައުލާކަން ބޮޑު ކަމަށާއި އެހެންވުމުން އަމުރު ނެރުމަށް ހުރަހެއް ނެތް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
އެ ބެންޗުގައި ހިމެނިވަޑައިގަތް ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވިދާޅުވީ އާބިޓްރޭޝަނާ ގުޅޭ ވަގުތީ އަމުރެއް ހައި ކޯޓަށް އަމުރު ނެރެވޭނީ އަމިއްލަ އިސް ނެގުމުގައި ކަމަށެވެ. ހައި ކޯޓުން އަމުރު ނެެރުނީ އެގޮތަށް ނޫން ކަމަށް ވާތީ އާއި އެކަމާ ބެހޭ އުސޫލުތަކެއް ހައި ކޯޓުން ކަނޑައަޅާފައި ނެތުމުން އެ އަމުރު ނެރުނީ ގާނޫނާ އެއްގޮތަށް ކަމަށް ބެލެވެން ނެތް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
ބެންޗުގައި ދެން ހިމެނިވަޑައިގަތް ފަނޑިޔާރު މުހައްމަދު އިބްރާހިމް ވެސް ވިދާޅުވީ ވަގުތީ އަމުރު ނެރުމާ ބެހޭ އުސޫލުތަކެއް ނެތި އެފަދަ އަމުރެއް ހައި ކޯޓަށް ނުނެރެވޭނެ ކަމަށެވެ.
ހުކުމް އިއްވަވަމުން ފަނޑިޔާރު އަލީ ރަޝީދު ވިދާޅުވީ ހައި ކޯޓުގެ ވަގުތީ އަމުރު އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ބާތިލްކުރާ ކަމަށެވެ.
އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަލީ ރަޝީދުގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ނިމެންދެން ހައި ކޯޓުގެ ވަގުތީ އަމުރަށް އަމަލު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އޮތީ އަމުރުކޮށްފަ އެވެ.