ކ. ބޮލިފުށި ރިސޯޓް ހިންގަން ޖުމެއިރާއާ އެކު ހެދި އެއްބަސްވުން ދަމަހައްޓަން ހައި ކޯޓުން ނެރުނު ވަގުތީ އަމުރުގެ އިސްތިއުނާފް އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.
ގޭޓްވޭ މޯލްޑިވްސްއަށް ސަރުކާރުން ދޫކޮށްފައިވާ ބޮލިފުށި ރިސޯޓް ސަބް ލީސް އެއްބަސްވުމެއްގެ ދަށުން އޮންނަނީ އެސްޕީއެޗް ކިޔާ ކުންފުންޏެއްގެ ދަށުގަ އެވެ. "ޖުމެއިރާ ވިޓަވެލި" ގެ ނަމުގައި އެ ރިސޯޓް މެނޭޖްކުރަން ޖުމެއިރާއާ އެކު އެސްޕީއެޗް އިން ހެދި އެއްބަސްވުން އެ ކުންފުނިން މިދިޔަ އަހަރު ބާތިލް ކުރުމުން އެ މައްސަލަ ސިންގަޕޫރު އާބިޓްރޭޝަނަށް ޖުމެއިރާ އިން ހުށަހަޅާފައިވާތީ އެ މައްސަލަ ނިމެންދެން ޖުމެއިރާއަށް ރިސޯޓް ހިންގަން ފުރުސަތު ދޭން ރާއްޖޭގެ ހައި ކޯޓުން މިދިޔަ އަހަރު ވަގުތީ އަމުރެއް ނެރުނެވެ. އެ އަމުރު ނެރުނީ އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސްއާ އެކު މެނޭޖްމަންޓް އެއްބަސްވުމެއް ހަދައި، "އޮޒެން ރިޒާވް ބޮލިފުށި" ގެ ނަމުގައި އެ ރިސޯޓް ހިންގަން ފެށިފަހުންނެވެ.
ބޭރުގެ އާބިޓްރޭޝަނަކާ ގުޅޭގޮތުން ރާއްޖޭގެ ކޯޓަކުން ފުރަތަމަ ފަހަރަށް ނެރުނު އެ ވަގުތީ އަމުރު ސުޕްރީމް ކޯޓުގައި އެސްޕީއެޗް އިން އިސްތިއުނާފް ކުރުމުން މިއަދު ވަނީ ދެ ފަރާތުގެ ވާހަކަތަކަށް ފަހު އަޑުއެހުންތައް ނިންމާލައިފަ އެވެ. އަދި ދެން އޮންނާނީ އެ މައްސަލައިގެ ހުކުމް އިއްވުން ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ. އެ މައްސަލާގެ ތެރެއަށް ގޭޓްވޭ ކުންފުނި ވެސް ވަނީ ވަދެފަ އެވެ.
މިއަދުގެ އަޑުއެހުމުގައި އެސްޕީއެޗްގެ ވަކީލް ޝާހީން ހަމީދު ވިދާޅުވީ ރާއްޖޭގެ އާބިޓްރޭޝަންގެ ގާނޫނު އޮޮތް ގޮތުން ބޭރުގައި ހިނގާ އާބިޓްރޭޝަނަކާ ގުޅިގެން ރާއްޖޭގެ ހައި ކޯޓަށް ވަގުތީ އަމުރެއް ނެރެވެނީ އެކަމާބެހޭ އުސޫލުތަކެއް ކޯޓުން ހެދުމަށް ފަހު ކަމަށް ވިޔަސް، ކޯޓުން އެ އަމުރު ނެރުނީ އެފަދަ އުސޫލެއް ނެތި ކަމަށެވެ. އަދި އާބިޓްރޭޝަންގައި އެފަދަ އަމުރަކަށް ޖުމެއިރާ އިން ނޭދުނީ ކީއްވެގެންތޯ ސުވާލު އުފައްދަވައި، އޭނާ ވިދާޅުވީ އެއީ އާބިޓްރޭޝަނުން އެ އަމުރު ނުދޭނެ ކަން ޖުމެއިރާއަށް އެނގޭތީ ކަމަށެވެ.
އާބިޓްރޭޝަންގެ މައްސަލަ ޖުމެއިރާއާ އެއްކޮޅަށް ނިމިއްޖެ ނަމަ، ބަދަލު ދިނުމުގެ ގާބިލްކަން އެސްޕީއެޗްގެ ކިބައިގައި ނެތް ކަމަށް ހައި ކޯޓުން އަމުރު ނެރުނު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވާތީ ޝާހީން ވިދާޅުވީ ހައި ކޯޓުން ބަލަންޖެހޭ ކަންކަމަށް ބަލާފައި ނެތް ކަމަށެވެ. ބޭރުގެ ބޭންކްތަކުން ކޮވިޑް-19 ގެ ތެރޭގައި އެސްޕީއެޗްއަށް ލޯނު ދީފައި އެބަހުރި ކަމަށާއި އެއީ މާލީ ގޮތުން ގާބިލް ކުންފުންޏެއްކަން އެކަމުން އެނގޭ ކަމަށެވެ. އަދި އެސްޕީއެޗްގެ މާލީ ގާބިލްކަން ނެތްކަން ސާބިތުކޮށް ދިނުމުގެ ބުރަ އޮތީ ޖުމެއިރާއަށް ކަމަށާއި އެކަން ސާބިތުކޮށް ނުދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝާހީން ވިދާޅުވީ ރިސޯޓް ހިންގަން އަލުން ޖުމެއިރާއަށް ފުރުސަތު ދީފި ނަމަ ރިސޯޓް ވަގުތީ ގޮތުން ބަންދުކުރަން ޖެހި، އެޓްމޮސްފިއާ ރިސޯޓްސްގެ ދަށުން ރިސޯޓް ރީބްރޭންޑްކުރަން ކުރި އެތައް މިލިއަން ޑޮލަރެއްގެ ޚަރަދު ބޭކާރުވުމުގެ އިތުރުން އެޓްމޮސްފިއާގެ ހައްގުތަކެއް ވެސް ގެއްލޭނެ ކަމަށެވެ. އޭރުން އެންމެ ބޮޑު ބޭއިންސާފެއް ކުރިމަތިވާނީ އެސްޕީއެޗް އާއި އެޓްމޮސްފިއާގެ އިތުރުން ގޭޓްވޭއަށް ކަމަށާއި ބުކިންގެ ގޮތުގައި އެކަނި ވެސް ނުވަ މިލިއަން ޑޮލަރުގެ ބުކިން ކެންސަލްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ އެދިވަޑައިގަތީ ހައި ކޯޓުގެ ވަގުތީ އަމުރު ވީހާ ވެސް އަވަހަކަށް ބާތިލްކޮށް ދެއްވުމަށެވެ.
ގޭޓްވޭގެ ވަކީލް މުހައްމަދު ފިޒާން ވިދާޅުވީ ޖުމެއިރާއަށް ރިސޯޓް ހިންގަން އަލުން ދީފައި ވަނިކޮށް އާބިޓްރޭޝަންގެ މައްސަލަ ޖުމެއިރާއަށް ކާމިޔާބު ނުވެއްޖެ ނަމަ، އެސްޕީއެޗް އާއި އެޓްމޮސްފިއާގެ އިތުރުން ގޭޓްވޭއަށް ލިބުނު ގެއްލުންތަކުގެ ބަދަލު ޖުމެއިރާއަށް ދެވޭނެ ކަން ސާބިތުނުވާ ކަމަށެވެ. އެކަމަކު ޖުމެއިރާއާ އެއްކޮޅަށް އާބިޓްރޭޝަންގެ މައްސަލަ ނިމިއްޖެ ނަމަ، ބަދަލު ދިނުމުގެ ގާބިލްކަން އެސްޕީއެޗްގެ ކިބައިގައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
އެސްޕީއެޗްއަކީ ބަދަލު ދިނުމުގެ މާލީ ގާބިލްކަން ނެތް ކުންފުންޏެއް ކަމަށް ބުނާ ބުނުމަށް ރައްދު ދެއްވައި، އޭނާ ވިދާޅުވީ މާލީ ގާބިލްކަން ނެތީސް އެ ކުންފުންޏަކާ އެކު އެއްބަސްވުން ދަމަހައްޓަން ޖުމެއިރާ މަސައްކަތްކުރަނީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށެވެ.
ޖުމެއިރާގެ ވަކީލް ހުސައިން ސިރާޖް ވިދާޅުވީ ޖުމެއިރާއަށް އަލުން ރިސޯޓް ހިންގަން ދިނަސް، ރިސޯޓް ހުއްޓުމަކަށް ނާންނާނެ ކަމަށާއި އެކަމަށް ބޮޑު ޚަރަދެއް ހިިނގުމާއި ދަތިތަކެއް ކުރިމަތިވާނެ ކަމަށް ބުނުމަކީ ބަހަނާއަކަށް ނުހެދޭނެ ކަމަށެވެ. ސަބަބަކީ އެއްބަސްވުން ބާތިލްކުރީ އެސްޕީއެޗްއިން އަމިއްލައަށް ކަމަށް ވާތީ އޭނާ ވިދާޅުވި އެވެ.
ސިރާޖް ވިދާޅުވީ ބަދަލު ދޭން ޖެހިއްޖެ ނަމަ، އެކަން ކުރެވޭނެ މާލީ ގާބިލްކަން އެސްޕީއެޗްގެ ކިބައިގައި ހުރިކަން ސާބިތުކޮށް ދިނުމުގެ ބުރަ އޮންނާނީ އެ ކުންފުނިން އަމިއްލައަށް ކަމަށާއި އެކަން ސާބިތުވާ އެއްވެސް ހެއްކެއް އެސްޕީއެޗްއަށް ނުދެއްކޭ ކަމަށެވެ. އަދި އެސްޕީއެޗްއިން ބޭރުގެ ބޭންކްތަކުން ލޯނު ނަގާފައި ހުރީ ގޭޓްވޭގެ އަތުގައި އޮންނަ ބޮލިފުށީ ހެޑް ލީސް ހައްގުތައް ރަހުނު ކުރުމަށް ފަހު ކަމަށާއި އެކަމުން ވެސް އެނގެނީ މާލީ ގާބިލްކަން އެސްޕީއެޗްގެ ކިބައިގައި ނެތުން ކަމަށް އޭނާ ވިދާޅުވި އެވެ. ޖުމެއިރާއިން އެދުނީ ހައި ކޯޓުގެ އަމުރު ދެމެހެއްޓުމަށެވެ.
ރައްދުގައި އެސްޕީއެޗްގެ ވަކީލް ޝާހީން ވިދާޅުވީ އެ ކުންފުނީގެ މާލީ ގާބިލްކަމާ މެދު ޖުމެއިރާއަށް ސުވާލު އުފެދޭ ނަމަ، އެސްޕީއެޗްއާ އެކު އެއްބަސްވުން ދަމަހައްޓަން ޖުމެއިރާ އިން މަސައްކަތް ކުރަނީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި މާލީ ގާބިލްކަން ނެތްކަން ސާބިތުކޮށް ދިނުމުގެ ބުރަ އުފުލަން ޖެހޭނީ ޖުމެއިރާއިން ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އަލީ ރަޝީދެވެ.
އެ މައްސަލަަ ސުޕްރީމް ކޯޓުގައި ހިނގަމުންދާތީ ހައި ކޯޓުގެ ވަގުތީ އަމުރަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް ސުޕްރީމް ކޯޓުން ކުރިން އޮތީ ނެރެފަ އެވެ.