ކ. ބޮލިފުށި ރިސޯޓް ހިންގަން ޖުމެއިރާއަށް ދިނުމަށް ހައި ކޯޓުން ނެރެފައިވާ އަމުރުގެ އިސްތިއުނާފް މައްސަލަ އަންނަ ހަފުތާގައި ނިންމަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.
ގޭޓްވޭ މޯލްޑިވްސް އަށް ސަރުކާރުން ދޫކޮށްފައިވާ ބޮލިފުށި ރިސޯޓް ސަބް ލީސް އެއްބަސްވުމެއްގެ ދަށުން އޮންނަނީި އެސްޕީއެޗް ކިޔާ ކުންފުންޏެއްގެ ދަށުގަ އެވެ. އެސްޕީއެޗް އާއި ޖުމެއިރާއާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން "ޖުމެއިރާ ވިޓަވެލި" ގެ ނަމުގައި އެ ރިސޯޓް ހިންގަމުން ދަނިކޮށް އެސްޕީއެޗް އިން މިދިޔަ އަހަރު ވަނީ އެ އެއްބަސްވުން ބާތިލްކޮށްފަ އެވެ. އެ މައްސަލަ ޖުމެއިރާ އިން ހުށަހެޅީ ސިންގަޕޫރުގެ އާބިޓްރޭޝަނަށެވެ.
އާބިޓްރޭޝަންގެ މައްސަލަ ހިނގަމުން ދަނިކޮށް މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖޭގެ ހައި ކޯޓުން ވަގުތީ އަމުރެއް ނެރުނީ އާބިޓްރޭޝަންގެ މައްސަލަ ނިމެންދެން، އެއްބަސްވުން ދަމަހައްޓައި އަދި ރިސޯޓް ހިންގަން ޖުމެއިރާއަށް ފުރުސަތު ދިނުމަށެވެ. އެކަމަކު އަމުރު ނެރުނުއިރު އެސްޕީއެޗް އިން އޮތީ އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސްއާ އެކު އެއްބަސްވުމެއް ހަދައި، "އޮޒެން ރިޒާވް ބޮލިފުށި" ގެ ނަމުގައި އެ ރިސޯޓް ހިންގަން ފަށައިފަ އެވެ.
ބޭރުގައި ހިނގާ އާބިޓްރޭޝަނަކާ ގުޅިގެން ރާއްޖޭގެ ކޯޓަކުން ފުރަތަމަ ފަހަރަށް ނެރުނު އެ ވަގުތީ އަމުރު އެސްޕީއެޗްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލާގެ އަޑުއެހުންތައް މިދިޔަ މަހު ކުރީކޮޅު އޮތީ ނިންމާލައިފަ އެވެ. އެ މައްސަލައިގެ ހުކުމް އިއްވަން ހަމަޖައްސާފައިވަނީ އަންނަ ހަފުތާގެ އަންގާރަ ދުވަހު އެވެ.
އެ މައްސަލާގެ ތެރެއަށް ގޭޓްވޭ ކުންފުނިން ވެސް އޮތީ ވަދެފަ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުގައި އޮތުމުން ހައި ކޯޓުގެ ވަގުތީ އަމުރަށް އަމަލު ކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން އޮތީ ވަގުތީ އަމުރެއް ނެރެފަ އެވެ.