ދުނިޔޭގެ ހުރިހާ ގައުމަކަށް އަދިވެސް ކޮވިޑް-19 ވެކްސިނެއް ނުލިބެ އެވެ. އެކަމަކު ރާއްޖެ ހިމެނުނީ ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގައި ފެތުރުނު ވައިރަހާ ދެކޮޅަށް އުފެއްދި ވެކްސިން މުޅި އާބާދީއަށް ކުރު މުއްދަތެއްގެ ތެރޭގައި ލިބޭނެކަން ޔަގީންވި ގައުމުތަކުގެ ތެރޭގަ އެވެ. މި އުއްމީދުގައި، ސަރުކާރުގެ ނިންމުމަކަށް ވީ ބިދޭސީން ހިމެނޭ ގޮތަށް އެއްވެސް މީހަކު ތަފާތުނުކޮށް ހަމަހަމަކަމާ އެކު ހިލޭ ވެކްސިން ދިނުމެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ނިންމެވުމުގެ ހިތްހަމަޖެހުމާއި ފައިދާ އޮތީ ހަމައެކަނި ބިދޭސީންނަކަށް ނޫނެވެ. މިއީ، ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ރައްކާތެރިކަމަށް މުހިއްމު ކަމެއްގެ ގޮތުގައި ސިއްހީ ޚިދުމަތްތެރިން ގެންދަވަނީ ވިދާޅުވަމުންނެވެ.
މިކަން ނަމޫނާއެއްގެ ގޮތުގައި ވެސް އަންނަނީ ފާހަގަކުރަމުންނެވެ.
އދ. އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނެވި ރެޒިޑެންޓް ކޯޑިނޭޓަރު، ކެތަރިން ހަސްވެލް ވަނީ ވަކި ގައުމެއްގެ މީހަކަށް ވީތީ ތަފާތުކުރުމެއް ނެތި، ރާއްޖޭގައި އުޅޭ އެންމެންނަށް ވެކްސިން ދޭތީ ސަރުކާރަށް މަރުހަބާ ކިޔައިފަ އެވެ. ވެކްސިނޭޝަން ޕްރޮގްރާމްގައި ރާއްޖެ ދައްކަމުން އަންނަނީ މިސާލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެ އިން ހިލޭ ވެކްސިން ލިބުން، ބިދޭސީން ސިފަކުރަނީ "އިންސާނިއްޔަތުގެ ނަމޫނާއެއް"ގެ ގޮތަށެވެ.
މިދިޔަ މަހުގެ އެކެއްގައި ރާއްޖޭގެ ފެށި ވެކްސިން ޕްރޮގްރާމްގައި ބިދޭސީން ވެސް ހިމެނޭ ގޮތުން ރޭގެ ނިޔަލަށް 123,665 މީހަކަށް ވަނީ ވެކްސިން ދީފަ އެވެ.
ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ރަސްމީ ލިޔެކިޔުން ނެތް ބިދޭސީންނަށް ވެކްސިން ދިނުމުގެ ކަންކަން ބަލަހައްޓަނީ މޯލްޑިވްސް ރެޑް ކްރެސެންޓުންނެވެ. ލިޔެކިޔުން ނެތް ބިދޭސީން އެތަނުގައި ރަޖިސްޓްރީ ވާން މިދިޔަ މަހުގެ ފަހުކޮޅު އޮތީ ހުޅުވާލައިފަ އެވެ.
ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 1490 ބިދޭސީން ވަނީ ރަޖިސްޓްރީވެފަ އެވެ. އޭގެތެރެއިން މިހާތަނަށް 156 މީހަކަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ދީފަ އެވެ.
ބިދޭސީން ހިމަނަންވީ ކީއްވެ؟
ކޮމިއުނިޓީ ސްޕްރެޑެއް އޮތް މާލޭގެ ދިރިއުޅުން ހަމަޖެހިފައި އޮތީ ޚިދުމަތް ހޯދުމުގައި ބިދޭސީންގެ ބައިވެރިވުން ބޮޑު ގޮތަށެވެ. ކެފޭތަކާއި ރެސްޓޯރަންޓްތަކާއި ފިހާރަތަކުގައި ވެސް ގިނަ ބިދޭސީން މަސައްކަތް ކުރަމުން އަންނަ އިރު ވެކްސިންގެ ތެރޭގައި އެ މީހުން ނުހިމަނައިފި ނަމަ ކޮވިޑް-19 ކޮންޓްރޯލް ކުރަން ކުރާ މަސައްކަތުގައި އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭނެ އެވެ.
"އާއްމުންނާ އެހާ ގިނައިން ދިމާވާ ބަޔަކަށް ވެކްސިން ޖެހުން ވަރަށް މުހިއްމުވާނެ އެހާ ފަސޭހަ އިން އަރާ ބައްޔަކުން އަޅުގަނޑުމެން ރައްކާތެރިވާން ބޭނުންވާ ނަމަ،" ރެޑް ކްރެސެންޓުގެ ސެކްރެޓަރީ ޖެނެރަލް ފާތުމަތު ހިމްޔާ ވިދާޅުވި އެވެ.
ވެކްސިނޭޝަން ޕްރޮގްރާމްގައި އިސްކޮށް އުޅުއްވާ ޑރ. ނަޒްލާ ރަފީގް ވިދާޅުވި ގޮތުގައި ވެކްސިންއާ ނުލައި ކޮންޓްރޯލް ނުކުރެވޭނެ މި ބަލި ހުއްޓުވަން އާބާދީގެ 60-70 ޕަސެންޓަށް ވެކްސިން ދޭން ޖެހެ އެވެ. އެއީ އެހެން ކަހަލަ ބައެއް ވެކްސިން ވެސް ނުޖެހޭ އުމުރުފުރާތަކާއި މީހުން ތިބޭ ގޮތަށް ކޮވިޑް-19 ވެކްސިން ވެސް މާބަނޑު މީހުންނާއި އުމުރުން 18 އަހަރު ނުވާ ކުދިންނަށް ނުދެވޭނެތީ އެވެ.
"އެޕިޑެމިކް ކޮންޓްރޯލްކުރަން ވަރަށް މުހިއްމު ކަމެއް މުޖުތަމައުގައި ވެކްސިން ޖެހޭނެ އެންމެންނަށް ވެކްސިން ޖެހުން. އޭރަށް ބޮޑު ބަލިމަޑުކަމެއްގެ ގޮތުގައި ބަލި ފެތުރިގެން ނުދާނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމުގައި ވެސް ބިދޭސީންގެ ދައުރެއް އޮންނަ ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ އެ މީހުން ބާކީ ނުކުރެވޭނެ އެފަދަ ގިނަ ސަބަބުތަކެއް އެބަހުރި ކަމަށެވެ.
ވެކްސިންގައި އެހީތެރިވާން ބަންގްލަދޭޝްގެ ޓީމެއް ރާއްޖެއަށް
ބިދޭސީންނަށް ވެކްސިން ޖެހުމަކީ ރާއްޖެ އިން އިސްކަން ދޭ ކަމަކަށް ވާތީ މިކަމުގައި އެހީތެރިވެދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގަތުމުން ބަންގްލަދޭޝްގެ ސަރުކާރުން ވަނީ އެ ޔަގީންކަން ދީފަ އެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މެދުވެރިކުރައްވައި ބަންގްލަދޭޝްގެ ސަރުކާރަށް ރައީސް ހުށަހެޅުއްވި ހުށަހެޅުއްވުން ގަބޫލުކޮށް އެކަމަށް ޚާއްސަ ސިއްހީ ހިދުމަތްތެރިންގެ ޓީމެއް ރާއްޖެ ފޮނުވާނެ އެވެ.
ގާތްގަނޑަކަށް 23 މީހުން ހިމެނޭ ޓީމުގައި ނަރުހުންނާއި ހެލްތު އެސިސްޓެންޓުން ތިބޭނެ އެވެ. އެ ޓީމު މާލޭގެ އިތުރުން ރަށްރަށުގެ ވެކްސިނޭޝަން ސެންޓަރުތަކުގައި ދެ މަހެއްހާ ދުވަހު މަސައްކަތްކުރާނެ އެވެ.
ތަފާތު ކުރުމެއް ނެތި މުޅި އާބާދީއަށް ހިލޭ ވެކްސިން ފޯރުކޮށްދިނުމުގެ ނަމޫނާ ރާއްޖެ އިން ދައްކަމުން އަންނައިރު ކޮވިޑް ވެކްސިންގައި ހަމަހަމަކަން ގާއިމްކުރަން ގައުމުތަކަށް އަންނަނީ ބާރުއަޅަމުންނެވެ.
ރާއްޖޭގެ އަމާޒަކީ ހަ މަސް ދުވަހުގެ ތެރޭގައިި މުޅި އާބާދީއަށް ވެކްސިން ދީ ނިންމާލުމެވެ.