ކިންޒާ ރެސްޓޯރަންޓުގެ ވެރިޔާ، އަޒާން ޒުހައިރު މިރޭ ޓްވިޓާގައި އާއްމުކުރި ވީޑިއޯއިން ފެންނަނީ، އެ ރެސްޓޯރަންޓަށް ވަގަކު ވަދެގެން އުޅޭ ތަނެވެ. ރޭ ފަތިހު، ރެސްޓޯރަންޓު ބަންދުކޮށް، ބޮކިތައް ނިވާލާފައި އޮއްވައި އެތަނުގައި ވަގު އުޅޭތަން ވަރަށް ރީތިކޮށް ސީސީޓީވީއަށް ހުރީ އަރައިފަ އެވެ. ހެނދުނު އޭނާއަށް އެ މަންޒަރުތައް ފެނުނު އިރު، އެންމެ ހައިރާންވީ، ތަނުން ގެއްލުނު އެއްޗަކަށްވުރެ ވަގުގެ އަމަލުތައް ހުރި ގޮތުންނެވެ.
އަޒާން ބުނި ގޮތުގައި ވައްކަން ކުރުމުގެ ކުރިން، ވަގުކަލޭގެ އެންމެ ފުރަތަމަ ތަން، ސެނިޓައިޒާ އިން ސާފުކުރީ އެވެ. ކެމެރާއަށް އަރާފައި ހުރީ، އޭނާ ރެސްޓޯރަންޓު ކައުންޓަރު ކައިރީގައި އުޅޭ ތަނެވެ. މާސްކު އަޅައި މޫނު ނިވާކޮށްގެން ހުރި އެ މީހާ، ކައުންޓަރު މަތީގައި ބަހައްޓާފައި ހުރި ސެނެޓައިޒާ ފުޅިން، އެތަނުގެ މައްޗާއި ފައިސާ ކަނޑާ މެޝިނާއި މެނޫ ހިމެނޭ ޓެބްލެޓް ވެސް ވަރަށް ރަނގަޅަށް ފޮހޭތަން، ސީސީޓީވީ ފުޓޭޖުން ފެނެ އެވެ.
"އެޗްޕީއޭ އިން ވަކާލާތު ކުރާ ކަންތައްތަކުގެ ނަތީޖާ އެބަ ފެނޭތާ،" އަތާއި ބޭނުންކުރާ ތަކެތި ސެނިޓައިޒާ ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދޭ އިރުޝާދުތަކަށް އިޝާރާތްކޮށް، ސަމާސާއަކަށް އަޒާން ޓްވިޓާގައި ލިޔުނެވެ.
އޭނާ ބުނިގޮތުގައި މެނޫ ހިމެނޭ ޓެބްލެޓުން، އެތަނުން ލިބެން ހުރި ކާތަކެތި ބަލަން ވެސް ވަގުކަލޭގެ މިނިޓެއްހާއިރު ހުއްޓެވެ. އެކަމަކު އެޔެއް އޭނާ ނުގެންދެ އެވެ. ގެންދިޔައީ ހަމައެކަނި، ވަތްގަނޑުގައި ބަހައްޓާފައި ހުރި 3،500 ރުފިޔާ އެވެ.
"ޓެބްލެޓް ވެސް، ހޮޓްލައިން ފޯނު ވެސް އެތަނުގައި އޮތް އިރު އެ އެއްޗެއްސެއް އޭނާ ނުގެންދޭ. ހަމައެކަނި ގެންދިޔައީ ހުޅުވާފައި ހުރި ވަތްގަނޑުން ނެގި ފައިސާ،" އަޒާން ބުންޏެވެ.
ވައްކަން ކުރުމަށް ފަހު ވެސް އޭނާ ވަނީ އެތަން ސެނިޓައިޒާކޮށްފަ އެވެ. ބެލެވޭ ގޮތުން އެއީ ހެކި ނައްތާލަން ފިންގަޕްރިންޓް ފޮހެލުމުގެ ވެސް ބޭނުމުގަ އެވެ.
ރެސްޓޯރަންޓަށް ވަގު ވަނީ، ޖެހިގެން ހުރި އިމާރާތަށް އަރައިގެންނެވެ. ދެ ވަނަ ބުރީގައި ހުންނަ އޯޕަން ޑެކަށް ފުންމާލައިގެން، އެތެރެއިން ރެސްޓޯރަންޓުގެ ތިރިއަށް ފޭބީ އެވެ. އަޒާން ބުނިގޮތުގައި ވައްކަން ކުރާނެ ކަމަށް މާބޮޑަށް ވިސްނިފައި ނެތުމުން، ރައްކާތެރިކަމުގެ ފިޔަވަޅުތައް މާބޮޑަށް ވަރުގަދަ ކުރެވިފައި ނެތީ އެވެ.
ރެސްޓޯރަންޓުގެ ވެރިޔާ ޓްވިޓާއަށް ދޫކޮށްލި ވައްކަމުގެ ފުޓޭޖް ބެލި ގިނަ މީހުންނަށް ވަރަށް މަޖާވި އެވެ. ބައެއް މީހުން ދުށްގޮތުގައި އެއީ ރައްކާތެރިކަމަށް ވަރަށް ބަލައިގެން ކުރި ވައްކަމެކެވެ. އަގުބޮޑު ގިނަ އެއްޗެހި ވަގުކަލޭގެ ބަހައްޓާފައި ދިޔުމުން، އަޒާން ވެސް މާބޮޑަކަށް ހާހެއް ނުވެ އެވެ.
"މީނާ ފެނިއްޖެ ނަމަ އަންގާލަ ދޭތި. ސާފުކުރާ ރަނގަޅު މީހަކު ބޭނުންވެގެން މިއުޅެނީ،" ޓްވިޓާގައި އޭނާ ލިޔުނެވެ.