ހުޅުމާލޭގެ ހިޔާ ފްލްޓް ލިބިފައިވާ މީހުންގެ ތެރެއިން ފަންނީ ކެޓަގަރީގެ މީހުން [ޑޮކްޓަރުން، ޓީޗަރުން، ނަރުހުން] ބޭނުން ނަމަ ސަރުކާރުން ހިންގާ އެ އަށް ވުރެ ތަނަވަސް ފްލެޓްތަކަށް ބަދަލުވުމުގެ ފުރުސަތު ދިނުމަށް ނިންމައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ 7،000 ފްލެޓުގެ މަޝްރޫގައި ޑޮކްޓަރުންނާއި ނަރުހުން އަދި ޓީޗަރުންނަށް ވެސް ހާއްސަ ކެޓަގަރީތައް ވަނީ ހިމަނައިފަ އެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމިޓީން ކުރި ދިރާސާ އަށް ފަހު، ސަރުކާރަށް ހުށަހަޅާފައި ވަނީ ވަކި ފަންނެއް، ވަޒީފާއެއް ނުވަތަ ހާއްސަ މަގާމެއްގައި ހުރި މީހުންނަކީ ސޯޝަލް ހައުސިން ލިބެން ޖެހޭ ބައެއް ކަމަށް ކަނޑައެޅުމުގެ ބަދަލުގައި އާމްދަނީގެ ހާލަތަށް ބަލައި އެންމެ ހައްގުވެރިންނަށް ސޯޝަލް ހައުސިން ދިނުމަށެވެ.
އެކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ ފަންނީ މީހުންނަށް ހާއްސަ ކޮށްފައިވާ ކެޓަގަރީތަކުން ދާއިމީ ލިސްޓުގައި ހިމެނުނު މީހުންނަށް ސަރުކާރުން ހިންގާ ބޯހިޔާވެހިކަމުގެ އެހެން މަޝްރޫއުތަކުން ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އަގު ބޮޑު ނަމަވެސް ޖާގައިގެ ގޮތުން ތަނަވަސް ފްލެޓްތަކަކަށް ބަދަލުވާން ބޭނުންވާ މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.
ޑޮކްޓަރުންނާއި ނަރުހުން އަދި ޓީޗަރުން ދާއިމީ ލިސްޓުން އުނި ކުރަން އުޅޭ ކަމަށް ސޯޝަލް މީޑިއާގައި އަޑު ފެތުރޭތީ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެކަން ސާފުކޮށްދީފަ އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ހިޔާ ފްލެޓް ލިބުނު ފަންނީ މީހުންގެ އަތުން ފްލެޓެއް އަތެއް ނުލާނެ އެވެ. ނަމަވެސް އެދޭ ނަމަ އެ ފަރާތްތަކުގެ އާމްދަނީއާ ބައްދަލު ގެދޮރުވެރިކަމުގެ ޕްރޮގްރާމަކުން ފުރުސަތު ހަމަޖައްސައި ދިނުމަށް މަޖިލީހުން ހުށަހަޅާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ހިޔާ ފްލެޓްގެ ދާއިމީ ލިސްޓު ސަރުކާރުން އާންމު ކުރި ނަމަވެސް އަދިވެސް އިތުރު ބަދަލުތަކެއް ގެންނަން ޖެހިއްޖެ ނަމަ ގެންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.