ދަރިވަރުން ސްކޫލަށް ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީން މި އަހަރު އަމަލުކުރާނެ އުސޫލަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އިސްލާހުތަކެއް މިދިއަ ހޯމަދުވަހު ހުށަހަޅައިފި އެވެ.
އެ ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ އިންސާނީ ހައްގުތަކުގެ ނަޒަރުން އެ އުސޫލު މުރާޖައާ ކުރުމަށް ފަހު ހަތް އިސްލާހެއް ހުށަހަޅާފައިވާ ކަމަށެވެ.
އެ އިސްލާހުތަކުގެ ތެރޭގައި ސްކޫލަށް ނުދާ އަދި ނުފޮނުވާ ކުދިން ދެނެގަނެ ސްކޫލަށް ފޮނުވުމަށް އިހުމާލުވާ ބެލެނިވެރިން ފާހަގަކޮށް ފިޔަވަޅު އެޅޭނެ ނިޒާމެއް އެކުލަވައިލުމާއި ސިއްހީ ހާލަތެއް ނުވަތަ އެނޫން ވެސް ހާލަތަކާ ގުޅިގެން ސްކޫލަށް ހާޒިރުނުވެވޭ ކުދިންނަށް ތައުލީމް ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެ އެވެ.
ގްރޭޑް އެކަކަށް ވައްދާ ކުދިންގެ ތެރެއިން ފައުންޑޭޝަން ސްޓޭޖް ފުރިހަމަނުކުރާ ކުދިން ފާހަގަކޮށް އެ ކުދިންގެ ފެންވަރު ބެލުމަށް ފަހު އިންޑިވިޖުއަލް އެޑިއުކޭޝަން ޕްލޭނެއް ތައްޔާރުކޮށް އެ ޕްލޭންގެ ދަށުން ކިޔެވުމުގެ ހައްގު ކަށަވަރު ކޮށްދިނުމަށް ބޭނުންވާ އިންތިޒާމު ހަމަޖެއްސުމަށް ވެސް އެޗްއާރުސީއެމުން ވަނީ ހުށަހަޅައިފަ އެވެ.
އޭގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީ ކުދިންނަށް އެއްވެސް ތަފާތު ކުރުމެއް ނެތި ސަރުކާރު ސްކޫލުތަކުގައި ތައުލީމު އުނގެނެވޭނެ ހަމަހަމަ ފުރުސަތު ހަމަޖެއްސުމަށް ހުށަހަޅާފައިވާނެ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.
ކޮމިޝަނުން ބުނީ އެ އުސޫލުގެ ދަށުން ޝަކުވާ ހުށަހެޅޭނެ އަދި ޝަކުވާ ބެލޭނެ ނިޒާމާ ގުޅޭ މާއްދާއެއް ހިމަނާފައިވާ ކަމަށެވެ.