ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެ މެމްބަރުންގެ ދާއިރާއަށް ކުރައްވާ ދަތުރުތަކަކީ މަޖިލީހުގެ ރަސްމީ ދަތުރުތަކެއް ކަމަށް ކަނޑައަޅަން އާއްމު ކޮމިޓީން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދާއިރާތަކަށް ކުރައްވާ ދަތުރުތަކަކީ ރަސްމީ ދަތުރުކަމަށް ކަނޑައެޅިދާނެ ކަމަށް އާއްމު ކޮމިޓީން ނިންމާފައިވާ ކަމަށެވެ. އެގޮތުން ރަސްމީ ދަތުރަކަށް ވާނީ މަޖިލީހުގެ ސެކްރެޓޭރިއަޓަށް އެކަން ހުށަހަޅައި އަމީންއާއްމު ހުއްދަ ދެއްވުމުން ކަމަށް ހަދަން ވެސް ކޮމިޓީން ނިންމާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ކޮމިޓީގެ ނިންމުން ރަސްމީވެ، އެއަށް އަމަލްކުރާނީ މަޖިލިހުގެ ތަޅުމުން ފާސްވެގެންނެވެ. އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތުމުން އެ ބަދަލު ފާސްވާނެ ކަމަށް ބެލެވެ އެވެ.
މިއީ މަޖިލިހުގެ މެމްބަރުން ދާއިރާތަކަށް ކުރައްވާ ދަތުރުތަކަކީ މަޖިލިހުގެ ރަަސްމީ ކަމެއް ކަމަށް ހަދަން ފާސްކުރާ ފުރަތަމަ ފަހަރެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިނަށް ވެސް މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ މަޖިލީހަށް ސަލާން ވިދާޅުވުމަށް ފަހު ދާއިރާތަކަށް ވަޑައިގެންފަ އެވެ. އެކަމަށް ވެސް މަޖިލީހުގެ ރިޔާސަތުން ނަޝީދު ވަނީ ހިތްވަރު ދެއްވާ މޭރުމަކުން ވާހަކަފުޅު ދައްކަވައިފަ އެވެ.
އާންމު ކޮމިޓީގެ ނިންމުމާ ހަވާލާ ދެއްވައި، މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ މެމްބަރުން ދާއިރާތަކަށް ދަތުރުކުރެއްވުމުގެ ހުއްދައަށް އެދިވަޑައިގަންނަވަން ޖެހިވަޑަައިގަންނަވާނީ ލިޔުމުން ކަމަށެވެ. ހުއްދަ އަށް އެދިވަޑައިގަންނަވާއިރު، ކުރައްވަން ގަސްދު ކުރައްވާ ދަތުރުގައި ކުރައްވާނެ މަސައްކަތްތަކުގެ ތަފްސީލު ހިމަނުއްވަން ޖެހިވަޑައިގަންނަވާނެ އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައ ކޮމިޓީގެ ނިންމުމުގައިވާ ގޮތުން ހުއްދަ ހޯއްދަވައިގެން މެމްބަރުން ކުރައްވާ ދަތުރުތަކުގައި އުޅުއްވާއިރު، މަޖިލީހާއި ކޮމިޓީ ބައްދަލުވުންތަކުގެ ހާޒިރީގައި ވެސް ފާހަގަކުރާނީ ރަސްމީ ދަތުރެއްގައި މެމްބަރު އުޅުއްވާ ކަމަށެވެ. އެފަދަ ދަތުރެއްގައި ތިއްބަވާއިރު، ކޮމިޓީ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަން އެދިވަޑައިގަންނަވާ ނަމަ އޮންލައިންކޮށް އެކަން ކުރެއްވުމުގެ އިންތިޒާމު ވެސް ހަމަޖައްސައިދޭން ޖެހެ އެވެ.
"އިއްޒަތްތެރި މެމްބަރުން ލިޔުއްވަން ޖެހެނީ [މަޖިލީހުގެ] އިދާރާ އަށް. އެހެންވީމާ އަމީން އާއްމު ހުއްދަ ދެއްވައިފިއްޔާ ދަތުރު ކުރެއްވޭނީ. އިދާރާ އިން އެކަން ކަނޑައަޅައި ނިންމަން މިއޮތީ،" އާންމު ކޮމިޓީގެ ނިންމުމަށް ރިއާޔަތް ކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.
މެމްބަރުން ދާއިރާތަކަށް ދަތުރުކުރެއްވުމަކީ ކުރިއްސުރެ ނަޝީދު ބާރު އަޅުއްވަމުން ގެންދަވާ ކަމެކެވެ. މި ފަހަރުގެ ލޯކަލް ކައުންސިލްގެ އިންތިހާބުގެ ކެމްޕެއިނަށް ވެސް މެމްބަރުން ދާއިރާތަކަށް ވަޑައިގެންނެވުމަށް އެ މަނިކުފާނު މީގެ ކުރިން އެކި ފަހަރު މަތިން އެދިވަޑައިގެންނެވި އެވެ.