މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން( އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި 1.22 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައުލޫމާތުތަކެއް އާންމުކުރި ގާސިމް އަބްދުލްކަރީމް، އަށް މަހާއި 12 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ކުރިން ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފ. ނިލަންދޫ ބްރާންޗްގެ އެސިސްޓެންޓް މެނޭޖަރަށް ހުރި ގާސިމް ޖަލަށް ލާން ހުކުމްކުރީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އެސްއޯއެފް ކުންފުނީގެ އެކައުންޓަކަށް ޖަމާކުރުމަށް ފަހު އެ ފައިސާ ދައުރު ކުރި ގޮތް އަންގައިދޭ ބޭންކް ސްޓޭޓްމަންޓެއް އާންމު ކުރުމުންނެވެ. ބޭންކް ސްޓޭޓްމަންޓް އޭނާ އާންމު ކުރުމުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ބީއެމްއެލް އިންނެވެ.

އެ މައްސަލައިގައި ގާސިމް ޖަލަށް ލާން ހުކުމްކުރީ އޭނާގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވުމުންނެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލީ ހުއްދަ ނޫން ގޮތެއްގައި މައުލޫމާތު ހޯދުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތެއްގައި މައުލޫމާތު އާންމު ކުރުމުގެ ދައުވާ އެވެ.

އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިޔައީ އާންމުކޮށް ހުޅުވައިނުލާ ކަމަށްވާތީ އެ ހުކުމުގެ ތަފްސީލެއް ނުލިބެ އެވެ.

ގާސިމްގެ މައްޗަށް އަށް މަހުގެ ހުކުމެއް އައި ނަމަވެސް އޭނާ ޖަލުގައި ހޭދަކުރަން ޖެހޭނީ އެ އަށް ވުރެ ކުރު މުއްދަތެކެވެ. އެއީ ހުކުމް ކުރުމުގެ ކުރިން ހަތަރު މަހެއްހާ ދުވަސް ފުލުހުންގެ ބަންދުގައި ގާސިމް ހުރުމުން އެ މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރާނެތީ އެވެ.

މިދިޔަ ފެބްރުއަރީ މަހު ގާސިމް ހައްޔަރުކޮށް ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ފަހު މިދިޔަ ޖުލައި މަހުން ފެށިގެން މިއަދާ ހަމައަށް އޭނާ ހުރީ ގޭ ބަންދުގައި ބަހައްޓައިފަ އެވެ. އެކަމަކު ގޭ ބަންދުގައި ހުންނަ ދުވަސްތައް ހުކުމުގެ މުއްދަތުން އުނިކުރާކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެއެވެ.

ބީއެމްއެލްގެ ވަޒީފާ އިން މިހާރު ވަކިކޮށްފައިވާ ގާސިމަށް ޖަލު ހުކުމެއް އައިއިރު ބޮޑު ހިޔާނާތެއްގެ މައުލޫމާތު ފަޅާ އަރުވާލުމުގައި އޭނާ އަމަލުކުރި ގޮތުން ބައިނަލްއަގްވާމީ އެންޓި ކޮރަޕްޝަން އެވޯޑަށް އޭނާ ވަނީ ނޮމިނޭޓްވެފަ އެވެ. އެ އެވޯޑް ލިބޭނެ ފަރާތެއް އަންނަ މަހު އިއުލާން ކުރާނެ އެވެ.

ގާސިމަށް ކުރި ދައުވާ އަނބުރާ ގެންދަން ޓްރާންސްޕޭރެންސީ އާއި ބައިނަލްއަގްވާމީ ބައެއް ފަރާތްތަކުން ދިޔައީ ގޮވާލަމުންނެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ 1.22 ބިލިއަން ރުފިޔާ އަށް ހިޔާނާތްތެރިވެފައި ވާއިރު، އޭގެ ތެރެއިން ބައެއް މައްސަލަތަކާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ވިޔަފާވެރިޔާ ހާމިދު އިސްމާއިލް ޖަލަށް ލާން ވަނީ ހުކުމްކޮށްފަ އެވެ. އެ މައްސަލަ އަދިވެސް ދަނީ ތަހުގީގު ކުރަމުންނެވެ.