ރާއްޖޭގެ ސިޔާސީ މަސްރަހުގެ މިސްރާބު އަދިވެސް ހުރި ކަމަށް ބެލެވެނީ ރަށްވެހި ފަތިހަކާ ދިމާލަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބަށް ފަހު ބޭއްވި ފުރަތަމަ މަޖިލިސް ޖަލްސާގައި ނަޝީދު އެ އިންތިހާބާ ބެހޭގޮތުން އެއްޗެއް ވިދާޅުނުވާތީ މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް އުމަރު އެކަން ފާހަގަކުރެއްވުމުން ނަޝީދު އިންތިހާބާ ގުޅޭގޮތުން ވާހަކަފުޅުދެއްކެވި އެވެ.
އެމަނިކުފާނު ވިދާޅުވީ ވަކި ޕާޓީއެއް އެހާ ބޮޑަށް މޮޅުވުމުން އެކަން މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ފާހަގަކުރުމަކީ ރަނގަޅު ގޮތްތޯ ސުވާލު އުފެދޭ ކަމަށެވެ. އެކަމަކު އާދަމް ޝަރީފް އެގޮތަށް ފާހަގަކުރެއްވުމުން ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ފެށުނީއްސުރެ ކޮންމެ ކައުންސިލް އިންތިހާބެއްގައި ވެސް އެމްޑީޕީން ވާދަކޮށް، އެއް އިންތިހާބަށް ވުރެ އަނެއް އިންތިހާބުން ކުރި ހޯދަމުން އަންނަ ކަމަށެވެ.
އެމްޑީޕީއެކޭ އެއްގޮތަށް އިދިކޮޅު ޕީޕީއެމުން ވެސް ކާމިޔާބު ހޯދަމުން އަންނަ ކަމަށާއި އެގޮތުން ކުރިން އެ ޕާޓީ އަށް ނުލިބޭ ދާއިރާތަކާއި ހާއްސަކޮށް މާލޭގެ މޭޔަރުކަމުގެ ގޮނޑި ކާމިޔާބުކޮށްފައިވާކަން ފާހަގަކުރައްވައި އެ ޕާޓީ އަށް އެމަނިކުފާނު މަރުހަބާ ވިދާޅުވި އެވެ.
އެހެން ނަމަވެސް "ހަމަ މި ދިވެހިރާއްޖޭގެ ސިޔާސީ ތޮބީއަތް ހުރި ގޮތަށް މިސްރާބު ޖަހާފައި އެބަހުރި، އޭގެ މަންޒިލަށް. އެއީ ލަފާކުރެވެނީ ރަށްވެހި ފަތިހަކަށް ކަމަށް،" ނަޝީދު ވިދާޅުވި އެވެ.
"ރަށްވެހި ފަތިސް" އެއީ އެމްޑީޕީން ކައުންސިލް އިންތިހާބުގެ ކެމްޕެއިންގައި ބޭނުންކުރި ޝިއާރެވެ.
ނަޝީދު ވިދާޅުވިގޮތުގައި ކުރީގެ އިންތިހާބުތަކާއި މި އިންތިހާބުގެ ނަތީޖާއާ ދެމެދު މާބޮޑު ފަރަގެއް އޮތް ކަމަކަށް އެމަނިކުފާނަށް ފެނިވަޑައެއް ނުގަންނަވަ އެވެ.
މާލެއަކީ ފެށުނީއްސުރެ އެމްޑީޕީ އަށް ބޮޑު ތާއީދެއް އޮތް ތަނެއް ނަމަވެސް، މި އިންތިހާބުގައި ކުރި ހޯދީ ޕީޕީއެމުންނެވެ. މާލޭގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ ގިނަ މީހުން ވޯޓެއް ނުލަ އެވެ.
މާލޭގެ މޭޔަރުކަން ފުރަތަމަ ފަހަރަށް ޕީޕީއެމްގެ ކެންޑިޑޭޓަކަށް ލިބުމުގެ އިތުރުން އެ ޕާޓީ އަށް ކުރިން ގޮނޑި ނުލިބޭ އެތައް ދާއިރާއެއް ވެސް މިފަހަރުގެ އިންތިހާބުގައި ޕީޕީއެމުން ކާމިޔާބުކުރި އެވެ.
ލޯކަލް އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާތައް ބެލުމަށް ފަހު އެ ކޮމިޝަނުން އަންނަނީ ބައެއް ފޮށިތައް އަލުން ގުނުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންވެ، އިންތިހާބުގެ ވަގުތީ ނަތީޖާ ވެސް އަދި އިއުލާންކޮށް ނުނިމެ އެވެ.