ގައުމު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށާއި 2023 ގައި ބޮޑުވަޒީރަކަށް ވެ ވަޑައިގަތުމުގެ ޝައުގުވެރިކަން އޮތްް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދު، ރައީސް އިބްރާހިމް މުހަންމަދު ސޯލިހަށް މެސެޖަކުން ދަންނަވައިފި އެވެ.

"މިހާރު" އާ އެ ވާހަކަތައް ހިއްސާކުރެއްވި، އިތުބާރު އޮތް ފަރާތަކުން ވިދާޅުވީ އެ މެސެޖް ރައީސަށް ލިބިވަޑައިގަތީ މިރޭގެ ވަގުތެއްގައި ކަމަށެވެ. އެކަމަކު އެ މެސެޖަށް ރައީސް އަދި ރިޕްލައި ނުކުރައްވާ ކަމަށް ވެ އެވެ.

ނަޝީދުގެ މެސެޖުގައި ވިދާޅުވެފައި ވަނީ، 2024 ގައި ރައީސަކު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ. އަދި [ކުރިއަށް އޮތް ރިޔާސީ އިންތިހާބު ނުބާއްވައި] ރައީސަކު ކަނޑައަޅާނީ މިހާރު އޮތް މަޖިލީހުން ކަމަށް ވެސް އެ މަނިކުފާނުގެ މެސެޖުގައި ވެ އެވެ.

މި މެސެޖާ ބެހޭ ގޮތުން ރައީސް އޮފީހުން އަދި ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

ބޮޑުވަޒީރަކަށް ވެ ވަޑައިގަތުމުގެ ވާހަކަތަކަކީ، މީގެ ކުރިން ވެސް ނަޝީދު ތަކުރާރު ކުރައްވާފައިވާ ވާހަކަފުޅެކެވެ. އެެކަމަކު އެކަމަށް ޝައުގުވެރިކަން ހުއްޓަސް، އެ މަނިކުފާނު ވިދާޅުވެފައި ވަނީ އެކަން ބޭނުންފުޅު ނަމަ އެ ވާހަކަ ރައީސަށް ދަންނަވާނެ ކަމަށާއި އެ ވާހަކަތައް ދައްކަވަން މިއީ އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ.

މީގެ ކުރިން އެކި އިންޓަވިއުތަކުގައި ވެސް ނަޝީދު ވަނީ އެ މަނިކުފާނަކީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވެ، އެ ނިޒާމުން ނޫން ގޮތަކަށް އެމްޑީޕީ އަށް ދެން ކާމިޔާބު ވެދާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އެމްޑީޕީގެ ސުޕަ މެޖޯރިޓީއާ އެކު މީގެ ދެ އަހަރު ކުރިން މަޖިލިސް އިންތިހާބު ވުމާ ގުޅިގެން ބަރުލަމާނީ ނިޒާމަށް ރާއްޖެ އަނބުރާލާ ވާހަކަ ނަޝީދު ތަކުރާރު ކުރައްވަމުން ގެންދެވި އެވެ.