ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެގެން އެކި ގައުމުތަކުން މިހާރު އިންޑިއާ އަށް އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ އިރު، ޔޫއޭއީ އިން ވެސް ތަފާތު ގޮތަކަށް އެހީވާން ނިންމައިފި އެވެ.
އިންޑިއާއާ އަބަދުވެސް ގާތް ގުޅުމެއް އޮންނަ ޔޫއޭއީން ނިންމާފައި ވަނީ ޓޯކިއޯ އޮލިމްޕިކްސްގައި އޭޝިއާ އިން ވާދަކުރާ ބައިވެރިންގެ ކޮލިފިކޭޝަނަށް ހާއްސަކޮށްގެން ބާއްވާ އޭޝިއަން ބޮކްސިން ޗެމްޕިއަންޝިޕް އެ ގައުމުގައި ބާއްވާށެވެ.
އެ މުބާރާތަކީ އަންނަ މަހުގެ 21 ގައި އިންޑިއާގެ ވެރިރަށް ނިއު ދިއްލީފައި ބާއްވަން އޮތް އިވެންޓެކެވެެ. ނަމަވެސް ކޮވިޑްގެ ހާލަތު މިހާރު އެންމެ ގޯހީ އެ ސިޓީގައި ކަމަށްވެފައި، މުޅި އިންޑިއާ ވެސް ކޮވިޑާ ހެދި ބޮޑު ހާސްކަމެއްގެ ތެރޭގައި އޮތުމުން ޔޫއޭއީން ނިންމީ އިންޑިއާގައި އޭޝިއަން ބޮކްސިން ޗެމްޕިއަންޝިޕް ބާއްވަން އޮތް ތާރީހުގައި ޔޫއޭއީގައި އިވެންޓް ބާއްވައިދިނުމަށެވެ.
ޔޫއޭއީ ބޮކްސިން ފެޑެރޭޝަނާއި އިންޑިއަން ބޮކްސިން ފެޑެރޭޝަންގެ އިތުރުން އިންޓަނޭޝަނަލް ބޮކްސިން އެސޯސިއޭޝަން (އޭއައިބީއޭ) ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު، އިވެންޓް ބާއްވާނީ ދުބާއީގަ އެވެ.
އިންޑިއާ އަށް ވާން ނިންމި އެހީއެއްގެ ގޮތުގައި އިވެންޓް ޔޫއޭއީން ބާއްވައިދޭން ނިންމުމާ ގުޅިގެން އެ އިވެންޓްގެ ނަން މިހާރު ވަނީ "އޭޝިއަން ބޮކްސިން ޗެމްޕިއަންޝިޕް، ނިއު ދިއްލީ-ދުބާއީ" އަށް ބަދަލުކޮށްފަ އެވެ.
މިކަމާ ބެހޭ ގޮތުން އޭޝިއަން އެންޑް އެމިރާޓީ ފެޑެރޭޝަންސްގެ ރައީސް އަނަސް އަލް އުތައިބާ ވިދާޅުވީ އިވެންޓް ވީހާ ވެސް އޮމާންކަމާ އެކު ކުރިއަށް ގެންގޮސް ކާމިޔާބުކަމާ އެނު ނިންމައިލުމަށް އެ ގައުމަށް ދެވެން އޮތް ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ދޭނެ ކަމަށެވެ. އެގޮތުން އިވެންޓަށް އެ ގައުމަށް ދާ ޓިމްގެ ލ؛ޖިސްޓިކް ކަންކަމާއި ވިސާގެ ކަންކަން ވެސް ވަރަށް ފަސޭހަކޮށް ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވި އެވެ.
އިވެންޓަށް ދާ ޓިމްތައް ތިބެން ހަމަޖެހިފައި ވަނީ ދުބާއީ އިންޓަނެޝަނަލް އެއާޕޯޓާ ވެސް ކައިރީގައި ހުންނަ ރޯޔަލް މެރީޑިއެން ހޮޓެލްގަ އެވެ.