މަޖިލީހުގެ ކޮމެޓީއެއްގައި ވައްޑެ ވާހަކަ ދައްކަވަނީ: ކްލެމެންސީ ބޯޑުގައި ހިމެނިވަޑައިގަންނަވާ ވައްޑެ ވަކި ކުރަން ރައީސަށް ލަފާ އެރުވުމަށް މަޖިލީހަށް ވަނީ ހުށަހަޅާފައި. - ފޮޓޯ: ނިޝާން އަލީ/ މިހާރު
17 ނޮވެމްބަރ 2016 - 10:44
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެކްޝަންގައި ހިމެނިވަޑައިގަންނަވާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ކްލެމެންސީ ބޯޑުން ވަކިކުރަން ރައީސް އަބްދުﷲ ޔާމީނަށް ލަފާ އެރުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
މައާފްކޮށްދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން އެކުލަވާލި ބޯޑުން ވައްޑެ ވަކިކުރަން މަޖިލީހަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ އާރިފެވެ.
ވައްޑެއަކީ ކްލެމެންސީ ބޯޑުގައި މަޖިލިސް ތަމްސީލް ކުރައްވާ ހަމައެކަނި މެމްބަރެވެ.
އާރިފް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ ބޯޑުގެ މެމްބަރެއްގެ ހައިސިއްޔަތުން ވައްޑެ އަދާ ކުރައްވަން ޖެހޭ ޒިންމާތަކާއި ވާޖިބުތައް ފުރިހަމައަށް އަދާކުރައްވަމުން ނުގެންދަވާ ކަމަށެވެ. އަދި އެ ބޯޑުގައި މަޖިލިސް އެކަށީގެންވާ ގޮތެއްގައި ތަމްސީލްވަމުން ނުދާ ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެ އެވެ.
އެހެންވެ، އާރިފް ހުށަހެޅުއްވީ އެ ބޯޑުގެ މެމްބަރު ކަމުން ވައްޑެ ވަކިކުރަން ފެންނަ ކަމަށް ރައީސް އަބްދުﷲ ޔާމީނަށް ލަފާ ދެއްވުމަށެވެ. އެ ބޯޑަށް މީހުން އައްޔަންކޮށް އަދި މީހުން ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
ކްލެމެންސީ ބޯޑަކީ 11 މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. އެ ބޯޑުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުރުން ދެން ތިއްބަވަނީ ގާނޫނީ ދާއިރާ އާއި އިޖުތިމާއީ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އާއި ދީނީ އިލްމުގެ ބޭފުޅަކާއި މަދަނީ ޖަމްއިއްޔާތަކުން އައްޔަން ކުރާ ބޭފުޅަކާއި ޕެރޯލް ބޯޑުގެ ބޭފުޅަކާއި ފުލުހުންގެ ތެރެއިން ބޭފުޅަކާއި ޝަރުއީ ދާއިރާގެ ބޭފުޅެކެވެ.
އެ ބޯޑަކީ މައާފް ދިނުމަށް އެދި ނުވަތަ އަދަބު ލުއިކޮށްދިނުން އެދި ރައީސަށް އިލްތިމާސް ހުށަހެޅުމުން، ރައީސްގެ ފަރާތުން އެ އިލްތިމާސް ދިރާސާކޮށް އެ އިލްތިމާސާ ގުޅޭގޮތުން ރައީސް އަމަލުކުރައްވަން ފެންނަގޮތުގެ ލަފާދިނުމަށް އެކުލަވާލި ބޯޑެކެވެ.
ވައްޑެ އެ ބޯޑުން ވަކި ކުރަން މަޖިލީހަށް ހުށަހެޅީ ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގައި ހުންނަވައި ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަވަމުން ގެންދަވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
17 November 2016
''ގަރާރުގައި ބުނެފައިވަނީ ބޯޑުގެ މެމްބަރެއްގެ ހައިސިއްޔަތުން ވައްޑެ އަދާ ކުރައްވަން ޖެހޭ ޒިންމާތަކާއި ވާޖިބުތައް ފުރިހަމައަށް އަދާކުރައްވަމުން ނުގެންދަވާ ކަމަށެވެ. އަދި އެ ބޯޑުގައި މަޖިލިސް އެކަށީގެންވާ ގޮތެއްގައި ތަމްސީލްވަމުން ނުދާ ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެ''. އޯކޭ . ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފްއާ ކޮށްލަން ބޭނުންވަނީ ހަމަ އެންމެ ސުވާލެއް. މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ސަރުކާރަށް ތާއީދުކުރާފަޅީގަ ހުރިނަމަ ތިޔަ ގަރާރު މަޖްލިސް ތަޅުމަށް އަންނާނެތޯ؟؟ މިސުވާލުގެ ޖަވާބު ދެއްވުންއެދެން. ވ.ވެދުން
އުސްއަލި
17 November 2016
ސާބަހޭ! މިއޮތީ ފަހެ ވެރިކަމެއް. ބޭނުން ކަމެއް ބޭނުން ގޮތަކަށް.
ބަދަލު
17 November 2016
ކްލެމްސީ ބޯރޑް އިން ވައްޑެ ވަކި ކޮށްފައި އަސްލު ޕިންކީ އަކު އެ ބޯރޑް އަށް ލާންވީ އެވެ. އެއީ އެންމެ ރަނގަޅު ގޮތަކީ ދޯ.
މުލޭ
20 November 2016
އޭރުން އޭނަ ނުދިޔަސް މަޖްލިސް ތަމްސީލުވާނެދޯ. ހެހެހެހެ. ސަނާކިޔާމީހާ ކޮންމެ ގޮތަކަށް އުޅުނަސް ނުފެނޭ.
ހަދާހަދާ
17 November 2016
މަމެންގެ އަސްލު ޕިންކީ ގައި ނޫޅޭ މީހަކު ނަމަ އެފަދަ މީހަކަށް ނުހުރެވޭނެ ކްލެމްސީ ބޯރޑްގެ މެމްބަރަކަށް. އަވަހަށް ވަކިކޮށްލާ. ވަކި ނުކޮށްވާނެ ގޮތް ވެސް އެބަހުރި. އެއީ މަމެން އަސްލު ޕިންކީން މެންނާއި ގުޅުން ދޯ. މިކަން މިގޮތަށް ހަދާދީ ބަލަ ހަދާދީ ހަދާ، ހަދާ، ހަދާ..
ޢަހްމަދު
17 November 2016
ހައްގަށް ނަސްރު ލިބޭނެ..ތަމެން ބަލަން ތިބޭ
modaf
17 November 2016
ދެން އަންނަ މަމެންގެ ރަންރީނދޫ ސަރުކާރުގަ ހަމަ ތިގޮތަށް ބޯރޑުތަކަށް ރަންރީނދޫ މީހުން ލީމަ ތަމެންވެސް ހިންދިރުވާލައިގެން ތިބޭތި އިނގޭ. 5 އަހަރުވަންދެން ކެތްކުރާތި އިނގޭ.