ކޮވިޑް-19އާ ހެދި މިހާރު އިންޑިއާގައި އަޅާފައިވާ ފިޔަވަޅުތަކާ ހެދި ގިނަ ބަޔަކު އެއްތަންވެގެން ކައިވެނީގެ ހަފުލާތައް ބާއްވަން އޮތް ހުރަސްތަކާ ހެދި ދެ މީހަކު ޗާޓަރު ފްލައިޓެއްގެ ދަތުރުމަތީގައި އާދީއްތަ ދުވަހު ކައިވެނިކުރުމުން އެ މައްސަލަ ހޫނުވެއްޖެ އެވެ.
މީޑިއާތަކުން ބުނީ ކައިވެނީގެ ހަފުލާ ކުރިއަށް ގެންދިޔައީ ސްޕައިސް ޖެޓްގެ ބޮއެން 737 ގެ ޗާޓަރު ފްލައިޓްގައި މަދުރާ އިން ބެންގަލޫރަށް ދިޔަ މަގުމަތީގައި ކަމަށެވެ. ފްލައިޓް ތެރޭގައި ބޭއްވި ކައިވެނީގެ ހަފުލާގައި ބޯޓްގެ ކުރޫންނާއި ދެ ފަރާތުގެ އާއިލާގެ މީހުން ހިމެނޭ ގޮތަށް 160 މީހަކު ބައިވެރިވި އެވެ. އަދި އެ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ ވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ.
އުސޫލުތަކުގެ ބޭރުން ބޭއްވި ވައިގެ ތެރޭގެ ކައިވެނި ހަފުލާގެ މައްސަލަ މިހާރު އިންޑިއާގެ ޑިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ތަހުގީގުކުރަމުން އަންނަ އިރު މަދުރާއީ އެއާޕޯޓްގެ ޑިރެކްޓަރު، އެސް ސެންތިލް ވަލަވަން ވިދާޅުވީ ދަތުރުމަތީގައި ކައިވެނީީގެ ހަފުލާއެއް ބާއްވަން އުޅުނުކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"ފްލައިޓް ބުކްކޮށް ދިނީ މަދުރާއީ ބެންގަރޫލަށް ކުރާ ދަތުރެއްގެ ގޮތުގައި. އަހަރެމެންނަށް އެއްވެސް ވަރަކަށް ކުރިއަކުން އެނގިފައެއް ނެތް ދަތުރުމަތީގައި ބަޔަކު ކަިއވެނިކުރަން އުޅޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ކޮވިޑާ ހެދި މަދުރާއީ ނިސްބަތްވާ ޓަމިލް ނާޑޫ ސްޓޭޓް އޮތީ މި މަހުގެ 31 އާ ހަމައަށް ލޮކްޑައުންކޮށްފަ އެވެ.
ކައިވެނީގެ މައްސަލަ ހޫނުވުމުން ކައިވެނިކުރި ދެމަފިރިން ކަމަށްވާ ރާކޭޝް އާއި ދަކްޝީނާ ބުނެފައިވާ ގޮތުގައި ކައިވެނީގެ ދަތުރުގައި ބައިވެރިވި އާއިލާގެ ހުރިހާ އެންމެންނަކީ ވެސް ފުރުމުގެ ކުރިން ކޮވިޑްގެ އާރްޓީ/ޕީސީއާރް ޓެސްޓް ހަދައި ނަތީޖާ ނެގަޓިވް މީހުންނެވެ.
ޑީޖީސީއޭ އިން ވަނީ ސްޕައިސް ޖެޓަށް މިހާރު ވައިގެ ތެރޭގައި ބޭއްވި ކައިވެނީގެ ހަފުލާއާ ބެހޭ މައުލޫމާތު ހިއްސާކޮށްދޭން އަންގައިފަ އެވެ. އެތަނުން ބުނީ މައްސަލަ ތަހުގީގުކޮށް ނިންމައި، ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެ އެވެ.